ކުޅިވަރު

އިންޑިއާ އަތުން ބަލިވުމުން ތައިލެންޑް ކޯޗު ވަޒީފާ ގެއްލިއްޖެ

އޭޝިއަން ކަޕުގެ ގުރޫޕް އޭ ގައި އިންޑިއާ އަތުން 4-1 ން ބަލިވުން، ތައިލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ގަބޫލު ނުކުރެވުމުން ޓީމުގެ ކޯޗް ސާބިއާގެ މިލޮވަން ރިއޭވެކް ވަޒީފާއިން ވަކި ކޮށްފި އެވެ.

އޭޝިއާގެ ގިނަ ކުލަބުތަކަށް މީގެ ކުރިން ކޯޗު ކޮށްދިން، ރިއޭވެކް ތައިލެންޑްގެ ކޯޗު ކަމާ ހަވާލުވީ އެޕްރީލް 2017 ގަ އެވެ. އޭޝިއަން ކަޕަށް އައުމުގެ ކުރިންވެސް އޭނާގެ ކުރިމަގާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެއީ އާސިއާން ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް އާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުން ބަލިވި ހިސާބުންނެވެ. ސެމީ ފައިނަލުގައި ވާދަވެރި މެލޭޝިއާ އަތުން ބަލިވުން ތައިލެންޑްގެ އެފްއޭ ގަބޫލު ނުކުރެވުނެވެ.

އެހާހިސާބުން ފެށިގެން، އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު އުފެއްދިނަމަވެސް އޭނާ ކޯޗު ކަމުގައި ބަހައްޓަން ނިންމީ އޭޝިއަން ކަޕް ކުރިމަތީގައި އޮތުމުންނެވެ. އޭރުވެސް ތައިލެންޑްގެ ފުޓްބޯޅައިގެ ބައެއް ފަރާތްތަކުން ވަނީ އޭނާއާ މެދު ސުވާލު އުފައްދާފަ އެވެ. އޭޝިއަން ކަޕުގައި މިދިޔަ އާދިއްތަ ދުވަހު އިންޑިއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުން ތައިލެންޑަށް ގަބޫލެއް ނުކުރެވުނެވެ.

ކޯޗު ކަމުން އޭނާ ވަކިކުރިއިރު ތައިލޭންޑުން އޭނާއާއެކު ހެދި އެއްބަސްވުން ހަމަވާން ދޮޅު އަހަރު އެބައޮތެވެ. މިދިޔަ އަހަރު އޭނާގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިޔަލަށް އިތުރުވެސް ކޮށްދިނެވެ.

ގަތަރާއި، ގާނާއަށް ކުރިން ކޯޗު ކޮށްދިން، ރިއޭވެކް ވަނީ ގާނާ އާއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި، އޭނާގެ ކޯޗު ކަމުގެ ދަށުން ގާނާ ވަނީ ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކްއާޓާ ފައިނަލުގައި އެ ޓީމު ބަލިވީ އުރުގުއޭ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

މިލޮވަން ރިއޭވެކް ވަކި ކުރުމަށް ފަހު، ތައިލެންޑްގެ ވަގުތީ ކޯޗުގެ މަގާމަށް ހަމަޖައްސާފައި ވަނީ، ސިރިސަކް ޔޮޑޭއަރުދަތައި އެވެ. ތައިލެންޑް ދެން ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ބަހްރެއިން އާ ދެކޮޅަށެވެ.