ހަބަރު

ޔާމީން މިއަދުވެސް ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާ ވެސް މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ. އެކަން ފުލުހުން ވެސް ޔަގީން ކޮށްދިނެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރީ މިއަދު މެންދުރު 2:30 އަށެވެ. ފުލުހުން ބުނީ، އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރު ކުރީ އެމަނިކުފާނުގެ މައްޗަށް ތުހުމުތާ ކަންތައްތަކެއްގެ ތަހުގީގަށެވެ. އެމަނިކުފާނުގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ، ގިނަ އަދަދެއްގެ ފައިސާ، ލޯންޑަކުރުމާއި އޭސީސީއިން ކުރިއަށް ގެންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތެވެ. -- މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން ވަނީ ދެ ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށްފަ އެވެ.

އެމަނިކުފާނު އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހާޒިރު ކުރީ، އެމަނިކުފާނު ކެމްޕޭންގައި ބޭނުންކުރެއްވި އެކައުންޓަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާ މައްސަލައިގަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ، އެ މަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ އެމްއެމްޕީއާރުސީގެ އެއް މިލިއަން ޑޮލަރު ކަމަށް ޝައްކު ކުރެވޭ ފައިސާގެ މައްސަލައިގައި އޭސީސީގެ ތަހުގީގަށް ދޮގު މައުލޫމާތުތަކެއް ދިންކަމުގެ ތުހުމަތުގަ އެވެ.