ހަބަރު

4،000 ފޯމާ އެކު ޕީއެންސީ އުފައްދަން ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ރަޖިސްޓްރީ ކުރަން 4،000 މެންބަރުން ސޮއިކޮށްފައިވާ ފޯމްތައް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ހުށަހަޅައިފި އެވެ.

ކޮންގްރަސް ޕާޓީ އުފެއްދުމުގެ ހުއްދަ ހޯދުމަށް އީސީއަށް ފޯމްތައް ހުށަހަޅާފައި ވަނީ އެ ޕާޓީ މުއައްސިސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ކޮންގްރަސް ޕާޓީގެ ފޯމްތައް ހުށަހަޅުމަށް ކުރިން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކުން ވެސް އީސީއަށް ވަޑައިގަތެވެ.

ފޯމް ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮޮންގްރަސް ޕާޓީއާ ގުޅިވަޑައިގަތް 4000 މީހުންގެ ފޯމް ހުށަހަޅާފައިވާ ކަމަށާއި އެ އަދަދަށް ފޯމް ބަލައިގެންފައިވާ ކަމަށް އީސީ އިން ވެސް ބުނެފައިވާ ކަމަށެވެ. އެ ޕާޓީއަށް 6000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށާއި ނަމަވެސް އެ ފޯމްތައް ފަހުން ހުށަހަޅުއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ މިހާރު ހުރި ފޯމްތަކުގެ ފިންގާ ޕްރިންޓުތައް ވެރިފައި ކުރުމާއި އެފަދަ ބައެއް މަސައްކަތްތައް ކުރަމުން، އެއްފަހަރާ ހުރިހަ ފޯމެއް ހުށަހެޅުމުން ޕާޓީގެ ދަފްތަރުގައި ރަޖިސްޓާ ކުރަން އުނދަގޫވެދާނެތީ ބައިބަޔަށް މި ކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮންގްރަސް ޕާޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީއެއް ކަމަށާއި ޕާޓީ އުފެއްދެވުމަކީ ވެސް އެމަނިކުފާނުގެ ހިޔާލެއް ކަމަށެވެ. ނަމަވެސް ޔާމީން ކޮންގްރަސް ޕާޓީއާ ގުޅިވަޑައިގަންނަވާނެ ދުވަހެއް ނުނިންމަވާ ކަމަށެވެ. އަދި ޕާޓީ ރަޖިސްޓާވާ ހިސާބުން ހަރަކާތްތައް ބާރަށް ފެށިގެން ދާނެ ކަމަށާއި ކޮންގްރަސް ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ވެގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.