ބޭރު ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ ސެމީ އަށް

ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ އަތުން 5-4 އިން މޮޅުވެ، ކޮޕާ އެމެރިކާގެ ސެމީ ފައިނަލް އިން އާޖެންޓީނާ މިއަދު ޖާގަ ހޯދައިފި އެވެ.

އާޖެންޓީނާ އިން މުޅި މެޗު ކޮންޓުރޯލްކުރި ނަމަވެސް، އެ ޓީމަށް ކޮލަމްބިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ. ކޮލަމްބިއާގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ ވަނީ އާޖެންޓީނާގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން، ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަކަށް ދާށެވެ. ކޮޕާ އެމެރިކާ ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގައި ދެ ޓީމު އެއްވަރުވިޔަސް، އިތުރު ވަގުތެއް ނޯވެ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އާޖެންޓީނާ މެޗުން މޮޅުވި ޕެނަލްޓީ ޖެހީ ފޯވަޑް ކާލޮސް ޓެވޭޒް އެވެ.

ސެމީ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނުުކުންނާނީ މިރޭ ބްރެޒިލް އާއި ޕެރަގުއޭ ބައްދަލުކުރާ ކުއާޓާ ފައިނަލް އިން މޮޅުވާ ޓީމެކެވެ.