ކުޅިވަރު

ގުރީންގެ ޒުވާން ޓީމުގެ ކޯޗަކަށް ސަމްޕަތު

ގުރީން ސްޓްރީޓްގެ ޒުވާން ޓީމުގެ ކޯޗަކަށް ނިއު ރޭޑިއަންޓްގެ ކުރީގެ އެސިސްޓެންޓް ކޯޗް އަޝްރަފު ލުތުފީ 'ސަމްޕަތު' ހަމަޖައްސައިފި އެވެ.

އަންނަ މަހު ފަށާ ޔޫތު ޗެމްޕިއަންޝިޕްގައި، ސަމްޕަތުގެ އެންމެ ބޮޑު ޓާގެޓަކަށް އޮންނާނީ ގުރީން ސްޓްރީޓަށް މުބާރާތުގެ ތަށި ދިފާއު ކޮށްދިނުމެވެ. ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަންކަން ގްރީން ސްޓްރީޓް ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އީގަލްސް ބަލި ކުރުމަށް ފަހު އެވެ.

ސަމްޕަތު ބުނީ، ގުރީން ސްޓްރީޓްގެ ޒުވާން ޓީމުގެ ކޯޗު ކަމާ ހަވާލުވީ އެ ޓީމުގެ ހުށަހެޅުން ރަނގަޅުވުމުން ކަމަށެވެ. އޭއެފްސީ ކޯޗިންގެ އޭ ލައިސެންސް ހާސިލުކޮށްފައިވާ ސަމްޕަތަށް ވަނީ މީގެކުން ބައެއް ކުލަބުތަކުގެ ސީނިއާ ޓީމުގެ ހެޑް ކޯޗަކަން ކުރުމުގެ ހުށަހެޅުންތައްވެސް ލިބިފަ އެވެ.

"އަޅުގަނޑު މާ ކުރާ ހިއްވާ ކަމެއް ޒުވާން ކުޅުންތެރިން އުފައްދައިގެން މަސައްކަތް ކުރުން،" ކުރީގެ އެއް ވަނަ މިޑްފީލްޑަރު ބުންޏެވެ. "ގުރީން ސްޓްރީޓްގެ ޔޫތު ޓީމާވެސް މިހާލުވީ އެމީހުންގެ ރަނގަޅު ޕްލޭނެއް އޮތީމަ، އަދި ގުރީން ސްޓްރީޓަކީ އަޅުގަނޑުގެ ނޭބާހުޑް ކުލަބެއް."

ސީނިއާ ޓީމު ތަކުން ހުށަހެޅުން ލިބުނު ނަމަވެސް ހެޑް ކޯޗަކަށް ވުމުގެ ވިސްނުން އޭނާ ނުގެންގޫޅޭ ސަބަބާ ބެހޭގޮތުން މީގެ ކުރިން އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.


"ރާއްޖޭގައި މިކުޅޭ ގޭމް ސްޓައިލް އެއީ ބަދަލުވާން ޖެހޭ އެއްޗެއް، މިވަގުތު އަޅުގަނޑު (ހެޑް ކޯޗު) ކަމަށް ނިކުމެ ދައްކާ ވާހަކަ މީހުން ގަބޫލު ނުކޮށްފާނެ، އަޅުގަނޑު ބޭނުންވޭ ވީހާވެސް ބޮޑަށް އެކަމަށް ޓްރެއިންވާން، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ފުޓްބޯޅަ މިއީނީ ޒަމާނުންސުރެ އެއިން ގޮތަކަށް ހަރުލާފައި، މާބޮޑަށް ޑައިރެކްޓް ފުޓްބޯޅައެއް، ޑިވްލަޕްމެންޓަކަށް ވުރެ ބޮޑަށް ރިޒަލްޓަށް މަސައްކަތް ކުރެވިފަ ހުރީ،" ސަމްޕަތު ކުރިން ބުނެފައި ވެއެވެ.

"އަޅުގަނޑު ބޭނުމީ ޑިވްލަޕްމެންޓަކަށް ހަދަން މިއަށްވުރެ މޮޅު މިއަށްވުރެ ތަފާތު، ކޮމްބައިންކޮށް ގެންގުޅޭ މޮޑަން ފުޓްބޯޅައަކަށް އަޅުގަނޑުމެން ދާން ވެއްޖެ މިހެން ނުތިބެ، [އެފްއޭއެމްގެ ކުރީގެ] ޓެކްނިކަލް ޑައިރެކްޓާ ވަންލީވެސް އަޅުގަނޑާ ދިމާވެގެން ބުނި ރާއްޖޭގައި އަދި އުނދަގޫ ކަމެކޭ މޮޑަން ފުޓްބޯޅަ ކުޅުން، އަޅުގަނޑުމެންގެ ލޯކަލް ކޯޗުން އެބަޖެހޭ އިތުރަށް މިއަށްވުރެ މޮޅުވާން، ޒަމާނީ ކޯޗުންތަކަކަށް ބަދަލުވާން."

އޭނާ ބުނީ، ޔޫތު ޗެމްޕިއަންޝޕަށް ތައްޔާރުވާ ގްރީން ސްޓްރީޓްގައި ރަނގަޅު ޓީމެއް އެބައޮތް ކަމަށެވެ. އަދި ޓްރެއަލްގައިވެސް އިތުރު ކުޅުންތެރިން ގުޅެމުންދާ ކަމަށެވެ. ޔޫތު މުބާރާޓުގައި ވާދަ ކުރާ އެހެން ކުލަބުތަކުންވެސް ދަނީ ޓްރެއަލް ބާއްވާއި ކުޅުންތެރިން ހޯދަމުންނެވެ.