ހަބަރު

"ދަރަނި އޮއްވާ ޕާޓީ ބަދަލު ކުރަން ދަސްކޮށްދިނީ ބޮޑުން"

ޕާޓީ ބަދަލުވެގެން ދާއިރު ކުރިން ހުރި ޕާޓީގެ ދަރަނިތައް ދޫކޮށް ދިޔުމަކީ ސިޔާސީ އިސް ފަރާތްތަކުން ޒަމާނުއްސުރެ އަމަލު ކުރަމުންދާ ސަގާފަތެއް ކަމަށް ޕީޕީއެމް ދޫކުރައްވާ ޕީއެންސީ އުފެއްދެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ލީޑާޝިޕުން ކޮންގްރަސް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިގެން ހުރިހާ ބޭފުޅުން އެ ޕާޓީއަށް ބަދަލުވަމުންދާ އިރު އެ ބޭފުޅުންގެ ލީޑާޝިޕްގެ ދަށުން ޕީޕީއެމްގެ ނަމުގައި ބޮޑެތި ދަރަނިތަކެއް ވަނީ ނަގައިފަ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ކެމްޕެއިން ދަތުރުތަކަށް އެކަނި އައިލެންޑް އޭވިއޭޝަންއަށް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގަވާ، ރީފޯމް މޫވްމަންޓުން ތުހުމަތު ކުރެ އެވެ.

ކޮންގްރަސް ޕާޓީގެ ފޯމްތައް ހުށަހެޅުމަަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދަރަނި އޮއްވާ ޕާޓީ ބަދަލު ކުރުމަކީ ބޮޑެތި ބޭބޭފުޅުން ދަސްކޮށްދެއްވާފައިވާ ސަގާފަތެއް ކަމަށެވެ. އެގޮތުން ޑީއާރްޕީ ދޫކުރައްވާ ރައީސް މައުމޫން ވަޑައިގެންނެވި އިރު އެ ޕާޓީގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ކަމަށާއި އެއަށް ފަހު ޕާޓީގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ތަސްމީން އަލީ ވެސް ވަޑައިގަތީ އެ ދަރަނި ދޫކުރައްވާފައި ކަމަށެވެ.

"ދަރަނި އޮއްވާ ޕާޓީ ބަދަލު ކުރުމަކީ މި ރާއްޖޭގެ ސަގާފަތުގައި ހިނގާ ކަަމެއް، އެކަމަކަށް ގާނޫނީ ގޮތުން ހުރަހެއް ނެތް، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ބުނެފައެއް ނެތް ޕާޓީގެ ދަރަންޏެއް އޮއްވާ އެ ޕާޓީގެ މެންބަރަކަށް އެހެން ޕާޓީއަކަށް ނުދެވޭނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބޮޑެތި ދަރަނިތައް އޮއްވާ އާ ޕާޓީއެއް އުފައްދަވައިގެން ބަދަލުވާ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އިރު އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަަކަދައްކަވައިފަ އެވެ. އެގޮތުން ދަރަނި އޮއްވާ އާ ޕާޓީއެއް ހަދައިގެން ބަދަލު ނުވެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.