ޓެކްސީ އަގު އަދި މީޓަރު ޓެކްސީ ތައާރަފް ކުރުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ޓްރާންސްޕޯޓް މިނިސްޓިރީން އޮންލައިން ސާވޭ އެއް ކުރަން ފަށައިފިި އެވެ.
ސާވޭ ގައި 14 ކަމަކަށް ހިޔާލު ހޯދަން ނިންމާފައިވާއިރު، މާލޭ އަދި ހުޅުމާލޭގައި ޓެކްސީ ކުރަން މިހާރު ހުއްދަށް ދީފައިވާ އަގުތަކުގެ ހިޔާލު ހޯދުން ހިމަނާފައި ވެއެވެ. އަދި މާލެއިން ހުޅުލެއަށް ކުރާ ދަތުރުތަކުގެ އަގުތަކާ ބެހޭގޮތުން މާލެއިން ހުޅުމާލެއަށް ކުރާ ދަތުރު ތަކަށް ނަގާނެ އަގުތަކާމެދު ވެސް ހިޔާލު ހޯދަން ނިންމާފަ އެވެ. މީގެ އިތުރުން މާލޭގައި ދުއްވާ ޓެކްސީ ތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުންވެސް ސާވޭ ކުރާނެ އެވެ.
ޓެކްސީ ތަކުގައި މީޓަރު ހަރުކުރަން ފެނޭތޯ ބެލުމުގެ އިތުރުން މޯބައިލް އެޕްލިކޭޝަން ހަމަޖައްސަން ބޭނުންވޭތޯ ވެސް މި ސާވޭގައި ބަލާނެ އެވެ. އެއާޕޯޓް ޓެކްސީ ވަކި ހިދުމަތެއްގެ ގޮތުގައި ދިނުމަށް ބޭނުންވޭތޯ ވެސް ބެލުމަށް ވަނީ ނިންމާފަ އެވެ.
އަދި ދެފުރޮޅަށް ވުރެ ގިނަ ފުރޮޅުލާފައި ހުންނަށް ވެހިކަލްތަކުގެ އުޅަނދު ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރުމާއި ގަރާޖު ދޫކުރުމާ ގުޅޭގޮތުން ހިޔާލު ހޯދަން ނިންމާފައިވާއިރު ދެފުރޮޅަށް ވުރެ ގިނަ ފުރޮޅުލާފައި ހުންނަށް އުޅަނދުތަށް ބޭނުން ކުރުމުގައި އޭޖް ލިމިޓެއް ކަނޑައެޅުމާ ބެހޭގޮތުންވެސް ވަނީ ހިޔާލު ހޯދުމަށް ނިންމާފަ އެވެ.