ފޮރިން މިނިސްޓްރީ

"ހާރިޖީ ސިޔާސަތު ބިނާ ކުރާނީ ދައުލަތުގެ މަސްލަހަތަށް"

ރައީސް އިބްރާހީމް މުހައްމަދުގެ ސޯލިހުގެ ހާރިޖީ ސިޔާސަތު ބިނާވެގެންް ވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކުގެ މައްޗަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެކި ގައުމުތަކަށާ ޖަމިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާފައިވާ އާ ސަފީރުންނާއި އެ ބޭފުޅުންގެ ނައިބުންގެ އިތުރުން މިޝަންތަކާ ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުން މިޝަންތަކަށް އަހުލުވެރި ކުރުމުގެ ގޮތުން މިނިސްޓިރީން ފެށި ދެ ދުވަހުގެ ޕްރްގާރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަން ބޭނުންވާ، ބައިނަލްއަގްވާމީ އުސޫލުތަކަށް ބޯލަނބާ ހުރިހާ ގައުމުތަކަކާއެކު ރާއްޖެއިން އެކުވެރިކަމުގެ ގުޅުން ބަދަހިކުރާނެ ކަމަށެވެ.

ސޯޅަ ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވި މި ޕޮރޮގްރާމްގައި އިތުރަށް ޝާހިދު ވިދާޅުވީ ޑިޕްލޮމެޓީކް މިޝަންތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންގެ ހާދިމުންކަން ހަދާން ބަހައްޓަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.