ރާއްޖެ އައި ބިދޭސީއެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މަސްތުވާއެއްޗެއްސާއެކު އަތުލައިގަތީ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ރާއްޖެ އައިސްފައި ވަނީ މިދިއަ ހޯމަ ދުވަހު ކަމަށެވެ.
އަދި ބުނީ އޭނާ ހިފަހައްޓައި ފާސް ކުރަން ޖެހުނީ އޭނާގެ ރާއްޖެ އާއިރު އަމަލުތައް ހުރި ގޮތުން އޭނާއާމެދު ޝައްކު ކުރެވިގެން ކަމަށާއި އޭނާ ބަލައި ފާސްކުރި އިރު ގެނައި ލަގެޖުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުވާ ތަކެތި ރައްކާ ކޮށްފައިހުރި ޕެކެޓްތަކެއް ފެނުނު ކަމަށެވެ. އަދި އެ ޕެކެޓް ތަކުގެ ތެރެއިން އޮރެންޖު ކުލައިގެ 2084 ގުޅަ ފެނުނު ކަމަށެވެ.
އޮޕަރޭޝަނަށް ފަހު އެ މީހާ އާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ވަނީ ފުލުހާ ހަވާލު ކޮށްފަ އެވެ.
ކަސްޓަމްސް އިން ބުނީ އެ މީހާ ގެނައި ގުޅަތަށް ލެބޯޓަރީގައި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޕެޓެމައިން (ޔާބާ) އަށް ޕޮޒިޓިވްވި ކަމަށާއި. މަސްތުވާ އެތަކެތީގެ ބަރުދަނުގައި 282 ގްރާމް ހުރި އިރު އެ ތަކެތީގެ މަގުމަތީ އަގަކީ 1.6 މިލިއަން ރުފިޔާ ކަމަށެވެ.
މި މީހާ އަތުލައިގަތް އިރު ކަސްޓަމްސް އިން މި ހަފުތާގެ ތެރޭގައި ވަނީ މިދިއަ އަހަރު ކަސްޓަމްސް އިން އަތުލި މަސްތުވާތަކެތީ ތަފާސްހިސާބު އާންމުކޮށްފައެވެ. އެ ހިސާބުތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ 83 މައްސަލައެއްގައި 32 ކިލޯގެ މަސްތުވާތަކެތި އެ އަހަރު އަތުލައިގަތެވެ.