ބޭރު ކުޅިވަރު

ޓެވޭޒް ބޮކާ ޖޫނިއާސް އަށް ބަދަލުވެއްޖެ

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުންދިޔަ އާޖެންޓީނާގެ ފޯވަޑް ކާލޮސް ޓެވޭޒް އޭނާގެ ކުރީގެ ކްލަބް ބޮކާ ޖޫނިއާސް އަށް ބަދަލުވެއްޖެ އެވެ.

ޓެވޭޒް ،31، އޭނާގެ ކެރިއަރު ފެށީ އާޖެންޓީނާގެ އެންމެ މަޝްހޫރު އެއް ކްލަބު ކަމަށްވާ ބޮކާ އިންނެވެ. ޓެވޭޒް އެ ކްލަބް ދޫކޮށްލީ 2004 ވަނަ އަހަރެވެ. ޓެވޭޒް އެނބުރި އާޖެންޓީނާ ލީގަށް މި ދިޔައީ ޔޫރަޕްގައި ނުވަ އަހަރު ކުޅުމަށް ފަހު އެވެ.

"މިއީ ވަރަށް އުފާވެރި ދުވަހެއް. ޓެވޭޒް އެނބުރި އައުމަކީ ބޮކާ ޖޫނިއާސްގެ ސަޕޯޓަރުންނާއި އާޖެންޓީނާގެ ފުޓްބޯޅަ އަށް ލިބުނު އުފަލެއް،" ބޮކާގެ ރައީސް ޑެނިއެލް އަންޖެލެކީ ވިދާޅުވި އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ވެސްޓް ހޭމް އަށް ކުރިން ކުޅުނު ޓެވޭޒް ވަނީ މިދިޔަ ސީޒަންގެ އިޓާލިއަން ލީގުގައި 20 ލަނޑު ޖަހައިފަ އެވެ. ޓެވޭޒް ބޮކާ އަށް މި ބަދަލުވީ ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް އަދި ޕީއެސްޖީން އޭނާ އަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތަކުން ބުނެފައި ވަނިކޮށެވެ.

ޓެވޭޒް ވަނީ ބޮކާ އަށް ކުޅުނު 110 މެޗުގައި 38 ލަނޑު ޖަހައިފަ އެވެ. އަދި އެ ކްލަބާއެކު 2003 ވަނަ އަހަރު އާޖެންޓީނާ ލީގު ކާމިޔާބުކޮށް، ޖެހިޖެހިގެން ތިން ފަހަރު ދެކުނު އެމެރިކާގެ މޮޅު ކުޅުންތެރިއާގެ މަގާމު ޓެެވޭޒް ހޯދި އެވެ.

ޓެވޭޒްގެ ބަދަލުގައި ޔުވެންޓަސް އިން ވަނީ އެތުލެޓިކޯ އަށް ކުެޅެމުންދިޔަ ކްރޮއޭޝިއާގެ ފޯވަޑް މާރިއޯ މަންޒޫކިޗް އެ ޓީމަށް ގެނެސްފަ އެވެ. -- ބީބީސީ