ލައިފްސްޓައިލް

ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމަކީ ކޮބާ؟

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންގެ ހަށިގަނޑުގައި ހުންނަ ހޯމޯން ޑިސްއޯޑާއެކެވެ. ޕީސީއޯއެސް ހުންނަ ނަމަ މައްސަރުކަންތައް ގަވާއިދުން ނުޖެހުމާއި، މައްސަރުކަންތައް ދިގުލައިގެން ދިއުމުގެ އިތުރުން ފިރިހެން ހޯމޯން ކަމުގައިވާ "އެންޑްރޯޖެން" ހަށިގަނޑުގައި އިތުރު ވެއެވެ. އަދި ހަށިގަނޑުގައި ދަރިމައިވުމަށް ބޭނުންވާ ބިސް އުފެއްދި ނަމަވެސް އެކަށީގެންވާ ވަރަށް ބިސް ބޮޑު ނުވެއެވެ.

ޕީސީއޯއެސް ގެ އަސްލު ސަބަބަކީ ކޮބައިކަން ނޭގުނު ކަމުގައި ވިޔަސް ކުރިން މިކަން ޑައިގްނޯސް ކޮށް ފަރުވާ ކޮށް ބަރުދަން ލުއި ކުރުމެން ދިގު މުއްދަތުގައި މިކަމުން ލިބޭ ގެއްލުން ކުޑަ ކުރެވިދާނެ އެވެ. ދިގު މުއްދަތުގައި ހަކުރު ބައްޔަކީ މީގެ ސަބަބުން ޖެހިދާނެ ބައްޔެކެވެ.

މާބަނޑުވުމަށް އުދަގޫނަމަ، ކަސްރަތަކީ އެންމެ މުހިއްމު އެއްކަމެވެ. ކަސްރަތު ކުރުމުން މީހާގެ ހަށިގަނޑުގައި ހޯމޯން ބެލެންސް ކޮށްދިނުމަށް އެހީތެރި ވެދެއެވެ. އަދި ގައިނަކޮލޮޖިސްޓް ލަފާ ދެއްވަނީ ޕީސީއޯއެސް ހުންނަ މީހުން މާބަނޑުވުމަށް ދަތިވާނަމަ، ހަށިގަނޑުގެ ބަރުދަނުން 10 ޕަސެންޓަށް ލުއި ކުރުމަށެވެ.

ހަށިގަނޑު ލުއި ކުރުމަށް ކާޑިއޯ އެކްސަރޒައިޒް ވަރަށް މުހިއްމެވެ. އެއީ، ޕީސީއޯއެސްގެ ސަބަބުން ބަރުދަން ލުއި ކުރަން އުނދަގޫ ވުމުން، ދުވުމާއި ހިނގުން އަދި ފެތުން ނުވަތަ އެހެންވެސް ކާޑިއޯ އެކްސަސައިޒެއް ކުރުމުން ހަށިގަނޑު ލުއި ކުރަމަށް ފަސޭހަ ކޮށްދޭތީ އެވެ. އަދި ކުރާ ކަސްރަތަކީ މެދުމިނެއްގެ އިންޓެންސް ކަސްރަތަކަށްވެ ހަފްތާއަކު ފަސް ފަހަރު، މަދުވެގެން 30 މިނެޓަށް ކުރާ ކަސްރަތެއް ކަމުގައިވާންޖެހެ އެވެ.

ދެން އޮތީ ރަނގަޅު ޑައިއެޓެއްގައި ހުރުމެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އާދަޔާ ހިލާފަށް ފަލަވުން މިއީ ހޯމަނަލް އިމްބެލެންސް އިތުރަށް ގޯސް ކުރާ ކަމެކެވެ. އެހެންކަމުން، އެއްފަހަރާ މާގިނައިން ނުކައި، ދުވާލަކު މަދުވެގެން ފަސް ފަހަރު ކުދި އެތިކޮޅުން ކައިގެން ޑައެޓް ކުރެވިދާނެ އެވެ. މިގޮތަށް ކަންތައް ކުރުމުން ހަށިގަނޑުގެ ބްލަޑް ގުލްކޯސް ކޮންޓްރޯލް ކޮށްދެ އެވެ.

ކެއުމުގައު އާޓާ ރޮއްޓާއި ބްރައުން ރައިސް އާއި ފިހުނު ކުކުޅު / މަސް އަދި މީގެ އިތުރުން ގިނައިން ތަރުކާރީ އާއި މޭވާ ކެވިދާނެ އެވެ. މާގިނައިން ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތައް ބޭނުން ކުރާނަމަ ހަށިގަނޑުގެ އިންސިއުލިން ލެވެލް އިތުރުކޮށް ހޯމަނަލް އިމްބެލެންސްގެ މައްސަލަ ހައްތާ ގޯސްވާނެތީ އެވެ.

ކާބޯހައިޑްރޭޓަކީ ހަށީގަނޑަށް ހަކަތަދޭ މައިގަނޑު އަސާސްކަމުން ކާބޯހައިޑްރޭޓް މާ ބޮޑަށް މަދު ކުރުމުގެ ބަދަލުގައި ކޮމްޕްލެކްސް ކާބޯހައިޑްރޭޓް ހުންނަ ހޯލްގްރެއިން، ސީރިއަލްސް އަދި ބީންސް ބޭނުން ކުރުމުން ހަޖަމުވުން ލަސްކޮށް، އެއްފަހަރާ މާ ގިނައިން ގުލްކޯސް ނުއުފައްދާ މަޑުމަޑުން ގުލްކޯސް ލޭގެ ތެރެޔަށް ފޮނުވުމުން، އިންސިއުލިން ނޯމަލް ކުރުމަށް އެހީތެރި ވެދެއެވެ. އެހެންކަމުން ރީފައިންޑް ކާބޯހައިޑްރޭޓްސް ކަމުގައިވާ ހުދު ޕާން އަދި ހުދު ބައި އަދި ހަކުރު ނުކައި މަދުކުރާނީ އެވެ.

މީގެ އިތުރުން، ހޯމް ރެމެޑީސްއަށް ބަލާނަމަ، ފޮނިތޮއްޓަކީ ހަށިގަނޑުގައި އިންސިއުލިން ރެސިސްޓަންސީ ދަށްކޮށްދޭ އެއްޗެކެވެ. މައްސަރުކަންތައް ނުޖެހޭނަމަ، ފޮނިތޮށްޓަކީ ބޭނުން ކުރަން ރަނގަޅު އެއްޗެއް ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ. ފޮނިތޮށި ބޭނުން ކުރާނަމަ، ސައިގެ ގޮތުގައި ނުވަތަ މުގުރާފަ ހުންނަ ފޮނިތޮށި ޔޯގަޓަށް ނުވަތަ ސްމޫތީއަށް އަޅައިގެން ބޭނުން ކުރެވިދާނެ އެވެ. މާމުއި، ލުނބޯ، އަދި ފޮނިތޮށި ހޫނު ފެނުގައި ވެސް ބޭނުން ކުރެވިދާނެ އެވެ.

އެޕަލް ސިޑާ ވިނެގާ އިންވެސް މި ބަލި ފަސޭހަ ކުރުމަށް އެހީތެރިވެދެ އެވެ. މިގޮތުން ޕީސީއޯއެސް ހުންނަ ހަތް އަންހެނުން 40 ދުވަސް ވަންދެން އެއް ސަމްސާ އެޕްލް ސިޑާ ވިނިގާ ބޭނުން ކުރުމުން އޭގެތެރެއިން ހަތަރު އަންހެނުން އޮވުއުލޭޓް ވެ، ހަ މީހުންގެ އިންސިއުލިން ރެސިސްޓަންސީ ދަށްވެ، ފަސް މީހުންގެ އެލްއެޗް / އެފްއެސްއެޗް ރޭޝިއޯ ދަށްވެފައި ކަމަށް ދިރާސާއިން ދައްކަ އެވެ. އެހެންކަމުން ދުވާލަކު، 1-2 ސަމުސާ ވިނިގާ ސަލަޑް އަށް އަޅައިގެން ނުވަތަ ފެނަށް އަޅައިގެން ބުއިޔަސް މައްސަލައެއް ނެތެވެ.

ދަރިމައިނުވުމުގެ މައްސަލަތަކުގެ 70 ޕަސެންޓަކީ ޕީސީއޯއެސް ކަމުގައިވާތީ، މި ފަދަ ކަމެއް ހުންނަ ނަމަ މެނޭޖް ކުރަންވީ ޑައެޓް، ކަސްރަތު ކުރުމުގެ އިތުރުން ނިދި ހަމަޖައްސައިގެނާއި ސްޓްރެސް މަދުކޮށްގެނާއި ހަށިގަނޑަށް ގެއްލުން ހުރި އާދަތަކާއި ދުރުވެގެންނެވެ. މި ހުރިހާކަމަކަށް ހޭލުންތެރިވެ، މައުލޫމާތު އިތުރުކޮށް މިކަމުން ސަލާމަތްވުމަށް ޑޮކްޓަރެއްގެ ލަފާ އާއި އިރުޝާދު ހޯދުމަކީ އެންމެ މުހިއްމު ކަންތަކެވެ.