ކުޅިވަރު

ފުރާންސް ލީގް ކަޕުން ޕީއެސްޖީ ކަޓައިފި

ފްރާންސް ލީގް ކަޕުގެ ކްއާޓާ ފައިނަލުގައި އީން އޭންޓް ގުއިންގޭމްޕް އަތުން 2-1 ން ބަލިވެ، ޕީއެސްޖީ މުބާރާތުން ކަޓައިފި އެވެ.

މިއީ ފަސް އަހަރު ތެރޭ، ފްރާންސްގެ ޑޮމެސްޓިކް ކަޕުން ޕީއެސްޖީ ބަލިވި ފުރަތަމަ މެޗެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް، ޕީއެސްޖީންނެވެ. ތޯމަސް މެނިއާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ނޭމާ ޖޫނީއާ އެވެ.

ގުއިންގޭމްޕު، ދެ ލަނޑު ވެސް ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ދިހަ މިނެޓްގަ އެވެ. އެ ދެ ލަނޑުވެސް އެ ޓީމުން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީންނެވެ.

ފުރަތަމަ ޕެނަލްޓީން ލަނޑު ކާމިޔާބު ކުރީ ޔެނިން ބަކޯޓޯ އެވެ. ދެ ވަނަ ޕެނަލްޓީ ކާމިޔާބު ކުރީ، ފްރާންސްގެ ކުރީގެ ލެޖެންޑަރީ ޑިފެންޑަރު ލިލިއަން ތުރާމްގެ ދަރިފުޅު މާކޯސް ތުރާމެވެ. މެޗުގެ 61 ވަނަ މިނެޓްގައިވެސް އޭނާއަށް ޕެނަލްޓީ އެއް ލިބުނެވެ. އެހެންނަމަވެސް އެފަހަރު ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް ބުނީ، ޕީއެސްޖީގެ ކުޅުންތެރިންނަށް މާ ބޮޑަށް ފަސޭހަ ކޮށް ލެވުނީ ކަމަށެވެ. ޓޫހުލް ވަނީ، ގުއިންގޭމްޕްއަށް ދިން ދެ ވަނަ ޕެނަލްޓީއާ މެދު ސުވާލު އުފައްދާފަ އެވެ. ރޭގެ މެޗަކީ 2014 ވަނަ އަހަރުގެ ފަހުން ކަޕުގެ މެޗަކުން ޓޫހުލް ކޯޗު ކޮށްދިން ޓީމެއް ބަލިވި ފުރަތަމަ މެޗެވެ.