ހަބަރު

އަދާލަތުގެ ޓިކެޓުގައި 13 ދާއިރާއަކަށް ކުރިމަތިލާން ހުޅުވާލައިފި

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އަދާލަތު ޕާޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބީ ދާއިރާތަކުގެ ގޮނޑިއަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކުން މި މަހު 20 ވަނަ ދުވަހުގެ ކުރިން ގާނޫނީ ފޯމާއި ތާއީދު އޮތް މިންވަރު އަންގާދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދާލަތު ޕާޓީ އިން 13 ދާއިރާއަކަށް ވާދަ ކުރަން ނިންމާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އަދާލަތުން ވާދަ ކުރާ ދާއިރާތައް:

  • ކެލާ ދާއިރާ
  • ވައިކަރަދޫ ދާއިރާ
  • ހަނިމާދޫ ދާއިރާ
  • މަކުނުދޫ ދާއިރާ
  • އިނގުރައިދޫ ދާއިރާ
  • ކާށިދޫ ދާއިރާ
  • މަހިބަދޫ ދާއިރާ
  • މުލަކު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ގަމު ދާއިރާ
  • ފުވައްމުލަކު ދެކުނު ދާއިރާ
  • ފޭދޫ ދާއިރާ
  • މާފަންނު ދެކުނު ދާއިރާ

ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީތަކާއި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

ނަމަވެސް އެމްޑީޕީ އިން ވަނީ ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް އޮތް ކަމަށް ގަބޫލު ނުކޮށް، އެ އެއްބަސްވުމަށް އަމަލު ކުރަން އިންކާރުކޮށްފަ އެވެ. އެގޮތުން ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން ވަނީ 86 ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފަ އެވެ. އަދި އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި މައުމޫން ރިފޯމް މޫވްމަންޓުން ވެސް ވަނީ އެ ޕާޓީތަކުގެ ޓިކެޓުގައި ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މަޖިލީހަށް ވާދަ ކުރާނެ ގޮތުގެ މައްސަލާގައި ހަތަރު ލީޑަރުންނާއި ރައީސް ސޯލިހު ތަފާތު އެކި ފަހަރުގެ މަތިން ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް މަޝްވަރާއަކުން އަދިވެސް ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.

މަޖިލިސް އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފައި ވަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.