ހަބަރު

19 ވަނަ މަޖިލީހަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވާނެ: އިމްރާން

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހާކީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ މަޖިލީހަކަށް ވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޝައިޙް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ފަރާތުން މަކުނުދޫ ދާއިރާއަށް ކުރިމަތިލާފައިވާ އަނާރާ ނައީމްގެ ކެމްޕެއިން ޖަލްސާގައި މިރޭ މަކުނުދޫގައި ވާހަކަފުޅު ދައްކަވަމުން ޝައިހް އިމްރާން ވިދާޅުވީ، ރާއްޖެ ދަތުރުކުރަމުން އަންނަ މަރުހަލާއަށް ބަލާއިރު، އަދި ރާއްޖޭގެ ބަދަލުވަމުން އަންނަ މުޅި ސިޔާސީ މަޝްރަހަށް ބަލާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭނެ މަޖިލީހެއް ކަމަށެވެ.

"އާދެ މިފަދަ މަޖިލީހެއްގައި، ވަރަށް ސާބިތު، ގާބިލް، އިޙްލާސްތެރި، ނަޒާހަތްތެރި ފަސްބައި ސާފު ބައެއް ނެތިއްޖެ ނަމަ، ރާއްޖޭގެ މުސްތަގުބަލް ބަނަވެ ނާޒުކުވެގެން ހިގައިދާނެ. އެހެން ކަމުން އަދާލަތު ޕާޓީން ކުރިމަތިލާފައިވާ ހުރިހާ ދާއިރާތަކުގެ މެމްބަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ވޯޓް ދެއްވާ" ޝައިހް އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން ޝައިޙް އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަށް ދޭ ކޮންމެ ވޯޓަކީ އިންސާފާއި ހަމަހަމަކަމަށްދޭ ވޯޓެއް ކަމަށާއި، އަނިޔާއާއި، ބޭއިހުތިރާމް ކުރުމާއި، ނިކަމެތިކަމާއި ދެކޮޅަށް ދެވޭ ވޯޓެއް ކަމަށެވެ. އަދި އަދާލަތަށް ދެވޭ ކޮންމެ ވޯޓަކީ ސަރުކާރަށް ދެވޭ ވޯޓެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދައި ގުޅުގެން އުފެއްދި މެނިފެސްޓޯ ތަންފީޒު ކުރުމަށް ދެވޭ ވޯޓެއް ކަމަށެވެ.