މަޖިލިސް އިންތިހާބު 2019

އެމްޑީޕީ، އަދާލަތު އެކުގައި އޮވެއްޖެނަމަ ވެރިކަން ވައްޓާނުލެވޭނެ: އިމްރާން

އެމްޑީޕީ އާއި އަދާލަތު ޕާޓީ އެކުގައި އޮވެއްޖެނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑިޕީގެ ޓިކެޓުގައި ފަރެސް މާތޮޑާ ދައިރާއަށް ވާދަކުރައްވާ ފަތުހުﷲ އަހްމަދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން އަބްދުﷲ ވިދާޅުވި އެމްޑިޕީ އާއި ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމީ ރައްޔިތުންނަށް ދިމާ ވެދާނެ ނިކަމެތިކަމަކުން ސަލާމަތް ކުރުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ރައްޔިތުންނަށް ކުރިމަތިވެދާނެ ނިކަމެތިކަމަކުން ރައްޔިތުން ސަލާމަތް ކުރަން ޖެހޭ، ރައްޔިތުންނަށް ހައްގުވާ މިންވަރު ރައްޔިތުންނަށް ހޯދައި ދޭން ޖެހޭ، މި ސަބަބަކީ އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ސަބަބު،" އިމްރާން ވިދާޅުވި އެވެ.

މިރޭގެ އެޖަލްސާގައި އަދާލަތުން ތާއިދު ކުރަން ނިންމާފައިވަނީ ފަރެސްމާތޮޑާ ދާއިރާއިން އެމްޑީޕީން ވާދަކުރައްވާ ފަތުހުﷲ އަހްމަދާއި އަލިފުށި ދާއިރާއިން އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރަޝީދާއި، ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ އަހްމަދު ސަލީމް އަދި ކެނދިކުޅުދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އަހްމަދު އީސާއަށެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި، އެމްޑީޕީ އާއި އަދާލަތު އެކުގައި އޮވެއްޖެނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓައި ނުލެވޭނެ ކަމަށެވެ. ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ބަޣާވާތް ކުރަން އެހެން ޕާޓީތަކުން އުޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ހެދި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންއިން ކޯލިޝަންގެ އިސް ޕާޓީ ކަމަށްވާ އެމްޑީޕީ އާއެކު ވަނީ ހިޔާލު ތަފާތު ވެފަ އެވެ.

ކޯލިޝަންގެ މެދުގައި ހިޔާލު ތަފާތުވީ އެމްޑީޕީން ކޯލިޝަން އެކުލަވާލައި މަޖިލީހުގެ ގޮނޑިތަށް ބެހުމާ ގުޅޭ ގޮތުން ކޯލިޝަން ތެރޭގައި ހިމެނޭ ފަރާތްތަކާއެކު ވެވުނު އެއްބަސްވުމާ ހިލާފުވެ 87 ދާއިރާއަކަށް ވާދަކުރަން ނިންމުމާ ގުޅިގެންނެވެ. އެމްޑީޕީގެ މިނިންމުމާ ހިތްހަމަނުޖެހިގެން ޖޭޕީ އިން ވަނީ 36 ދާއިރާއަކަށް ވާދަކުރަން ނިންމާ، ސަރުކާރާ އިދިކޮޅު ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރާކަން ހާމަކޮށްފަ އެވެ.