ހަބަރު

އުފާވެރި ރާއްޖެއެއް ލިބޭނީ އެމްޑީޕީ، އަދާލަތު އެކުވުމުން: ނަޝީދު

އަދާލަތު ޕާޓީ އާއި އެމްޑީޕީ އެކުވުމުން ދިވެހިން ބޭނުންވާ ދިވެހިރާއްޖެ ދިވެހިންނަށް ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ. އެގޮތުން މިއަދު އެމްޑީޕީގެ ކެންޑިޑޭޓެއް ވަނީ އަދާލަތު ޕާޓީއަށްޓަކައި ނަން އަނބުރާ ނަގާފަ އެވެ. އެއީ މަހިބަދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓު އަލީ އަހުމަދެވެ.

އެމްޑީޕީއިން މިއަދު އާންމުކުރި ގޮތުން މަހިބަދޫ ދާއިރާގައި އެ ޕާޓީއިން ތާއިދު ކުރާނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށެވެ. އެއީ އަލީ އާޒިމެވެ. އޭގެ އިތުރުން އެމްޑީޕީއިން ވާދަ ނުކުރާ ނިލަންދޫ ދާއިރާގައި ވެސް އެމްޑީޕީއިން ތާއިދު ކުރަނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށެވެ.

އެމްޑީޕީގެ އެ ނިންމުމާއެކު މިރޭ އަދާލަތު ޕާޓީއިން ވެސް ވަނީ އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކަށް ތާއިދު ކުރަން ނިންމާފަ އެވެ. އެއީ ހޯރަފުށީ ދާއިރާ، ކެންދިކުޅުދޫ ދާއިރާ، އަލިފުށީ ދާއިރާ އަދި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.

ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ވަަރަށް އުފާވެރި ރެއެއް ކަމަށެވެ. އެމްޑީޕީއިން އަބަދުވެސް ހިތްވަރު ދެނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ހަރުދަނާ ކުރުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަލަށްލުމާ ހިސާބުން އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ވަރަށް އެކުގައި މަސައްކަތް ކުރަމުން މިއަދާ ހަމައަށް އާދެވިފައިވާ ކަމަށެވެ. އިމްރާން ހައްޔަރުކުރުމާއެކު ދެ ޕާޓީގެ މެންބަރުންނަށް އެކުގައި މަސައްކަތް ކުރުމުގެ އިތުރު ޖޯޝެއް އައި ކަމަށެވެ.

"މި ދެ ޕާޓީއަކީ ފިކުރީ ގޮތުން އެއްގޮތް ކިތަންމެ ކަމެއް އެކުލެވޭ ދެ ޕާޓީ، ދެ ޕާޓީގެ ވެސް މައިގަނޑު މަގުސަދަކީ މާތްވެގެންވާ އިސްލާމް ދީންގެ މަތިވެރި އުސޫލުތަކާއި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ދިވެހިރާއްޖޭގެ އަދި ދިވެހިންގެ ކަންކަން ހިނގަމުން ގެންދިޔުން، އަދި ދިވެހިންނަށް އެމީހުންނަށް ހައްގު މިންވަރު ލިބި ދިވެހިންގެ ހައްގުތައް އެމީހުންނަށް ފުރިހަމައަށް ލިބިފައި އޮތުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީއިން މިރޭ ވަނީ އެމްޑީޕީއާއެކު ދިގު މުއްދަތަކަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމުގެ ޔަގީންކަން އަރުވާފަ ކަމަށެވެ. އެމްޑީޕީއަކީ ވަރަށް ގިނަ ވިސްނުމާއި ގާބިލްކަން ލިބިފައިވާ ޕާޓީއެއް ކަމަށާއި ހަމައެހެން އަދާލަތު ޕާޓީއަކީ ވެސް ދިވެހިން ކޮންމެހެން ބޭނުންވާ އުސޫލުތަކާއި ގޮތްތަކަށް ވަކާލަތު ކުރާ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނަން، އަޅުގަނޑު ދެކޭ ގޮތުގައި ދޮގަކަށް ނުވާނެ، އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކީ ވެސް އަދާލަތު ޕާޓީގެ ވެސް ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަންކަން، އެމްޑީޕީ ކުޅަދާނަ ކަންކަން ހުރޭ، ހާއްސަކޮށް އިގްތިސޯދީ އާއި މާލީ ކަންކަމުގައި، އަދާލަތު ޕާޓީއިން ފިލާވަޅު ނަގަންޖެހޭ ކިތަންމެ ކަމެއް ވެސް އެބަހުރޭ، އިސްލާމް ދީންގެ މަތިވެރި އުސޫލްތައް ބަޔާންކުރުމުގައި އެ ޕާޓީގެ ގާބިލްކަން އެބަހުރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ މި ދެ ޕާޓީ އެކުވީމަ ދިވެހިން ބޭނުންވާ ދިވެހިރާއްޖެއެއް ދިވެހިންނަށް ލިބޭނެ، މިރޭ އަޅުގަނޑަށް ލިބޭ އުފާވެރިކަމަކީ ފުރިހަމަ ދިވެހިރާއްޖެއެއް ދިވެހިންނަށް ހުށަހެޅުމުގެ އުފާ،"

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންސާފު ގާއިމް ކުރުމަށް އަދާލަތު ޕާޓީއަކީ މުހިންމު ޕާޓީއެއް ކަމަށެވެ. އެމްޑީޕީއިން އުއްމީދު ކުރާ ކަންކަން ފުރިހަމައަށް ހާސިލްވާން އަންނަނީ އިންސާފު ގާއިމްވެގެން ކަމަށެވެ. އެކަމަށް ހުރި ހުރަސްތައް ނައްތާލުމަށް ތައްޔާރަށް އޮތް ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.