ހިންދޫން އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހެދުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބަޔާންކޮށް އަދާލަތު ޕާޓީން ނެެރުުނު ކަރުދާހާ ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތެދުވެއްޖެ އެވެ.
އަދާލަތުގެ އިލްމުވެރީންގެ މަޖިލީހުން މިރޭ ނެރުނު ދިރާސާއެެއްގައި ބުނެފައިވަނީ މާތްﷲ ވަނީ އިންސާނިއްޔަތައްޓަކައި އެންމެ ފުރިހަމަ ނިޒާމްކަމުގައި އިސްލާމްދީން ލައްވާ ފުރިހަމަ ކޮށްދެއްވާ އަދި އެ ދީނާމެދު ރުހިވޮޑިގެންވާކަން ބާޔާންކުރައްވާފައި ކަމަަށާ އަދި އެ ދީން ފިޔަވައި އެހެން ދީނެއް ނުވަތަ އެހެން ދީނެއްގެ އަޅުކަމެއް ގަބޫލުވެވިގެން ނުވާކަން އަންގަވާފައިވާ ކަމަަަށެވެ.
އެހެން ކަމުން ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި އެކި ދީންތަކާއި ގައުމުތަކުގެ ސަގާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުންދާ ހިނދު ސައްތައިން ސައްތަ މުސްލިމު މުޖުތަމައަށް އަންނަ އާދަކާދަތަކާއި ސަގާފަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ކަމެއްކަމުގައި ވިޔަދީގެން ނުވާނެ ކަމަަށެވެ.
އަދާލަތުގެ އިލްމުވެރީންގެ ދިރާސާގެ އަލީގައި ޔޯގާގެ ހަރަކާތްތަކާއި އަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެންވާއިރު އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާންމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށެވެ.
"އެހެންކަމުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ،" ސަރުކާރުގެ މުހިންމު ދެ މިނިސްޓްރީއެއްގެ ކޮންޓްރޯލް އޮތް އަދި ސަރުކާރުގެ ބައިވެރިއެެއްގެ ގޮތުގައި އޮތް އަދާލަތުން ނެރުނު ދިރާސާގައި ބުނެފައިވެއެވެ.
އެކަމަށް ރައްދުދީ ރައީސް ނަޝީދު ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން އިލްމުވެރީންގެ އިޖްމާއުން އެނގެން ނެތް ކަމަަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަަށެވެ.
އަދާލަތުގެ އިލްމުވެރީން ކުރެއްވި ދިރާސާގައި ޔޯގާގެ މަފްހޫމާއި ޔޯގާގެ ލުޣަވީ އަދި އިސްތިލާހީ މާނަ އާއި މި ޒަމާނުގެ ޔޯގާގެ މަފްހޫމް އާއި ހުޅަނގުގެ ގައުމުތަކުގެ މަފްހޫމް އާއި ޔޯގާގެ އާލަމީ މާނަ އާއި ޔޯގާގެ ފަލްސަފީ މަގުސަދާއި ޔޯގާގެ ބައެއް ހަގީގަތްތަކާއި ޔޯގާގެ އުންސުރުތަކާއު ޔޯގާއަކީ އެއްވެސް ދީނަކާ ގުޅުން ހުރި ކަމެއްތޯ އާއި އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި ޔޯގާ އާއި ފިގުހީ ރައުޔުތަކާއި ރައުޔުތަކުގެ ހުލާސާ އާއި ރާޖިހު ރައުޔު އާއި ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައް ވަރަަށް ތަފްސީލު ކޮށް ބަޔާން ކޮށްފައިވެއެވެ.