ހަބަރު

އަނާރާއަށް ގޮނޑި ދިފާއު ނުކުރެވުނު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަދާލަތު ޕާޓީގެ އަނާރާ ނައީމަށް ވެސް ދިފާއުއެއް ނުކުރެވުނެވެ. އޭނާއަކީ މިހާރުގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ހަމައެކަނި މެންބަރެވެ.

އަނާރާ ނައީމް ތަމްސީލް ކުރައްވާ މަކުނުދޫ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބު ކުރީ އެމްޑީޕީއިންނެެވެ. އެއީ އެ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ރާއީ އެވެ.

އަދާލަތު ޕާޓީއިން މި އިންތިހާބުގައި ވާދަ ކުރީ ނުވަ ދާއިރާއަކަށެވެ. އެއީ ވައިކަރަދޫ ދާއިރާ، ކެލާ ދާއިރާ، ގައްދޫ ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، މަހިބަދޫ ދާއިރާ، ކާށިދޫ ދާއިރާ، ނިލަންދޫ ދާއިރާ އަދި މުލަކު ދާއިރާއަށެވެ.

އޭގެ ތެރެއިން ނިލަންދޫ ދާއިރާގެ ކެންޑިޑޭޓް މުއްސަބު މުހައްމަދާއި މަހިބަދޫ ދާއިރާގެ ކެންޑިޑޭޓް އަލީ އާޒިމަށް އެމްޑީޕީއިން ތާއިދުކުރި އެވެ. އަދި ކެލާ ދާއިރާގެ އަދާލަތު ޕާޓީގެ ކެންޑިޑޭޓް ތޫބާ ރަޝީދު ވަނީ އެ ދާއިރާއަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކޮށްފަ އެވެ.

އިންތިހާބުގައި އަދާލަތު ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާއިރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ވެސް ކުރެއްވި އެވެ.