ހަބަރު

މަހުލޫފަށް އަދާލަތުން ރައްދު ދީފި

ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ހުސެއިން ސަގީފްއަށް ފާޑު ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކަތަކަށް އަދާލަތު ޕާޓީ އިން ރައްދު ދީފި އެވެ.

މަހުލޫފް އަދާލަތު ޕާޓީގެ ކެންޑިޑޭޓަކަށް ފާޑު ވިދާޅުވި އިރު އެ ޕާޓީ އާއި އެމްޑީޕީ ވަނީ މި މަޖިލިސް އިންތިހާބުގައި ގުޅިގެން ވާދަ ކުރެއްވުމަށް ނިންމަވައިފަ އެވެ. ނަމަވެސް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ކެމްޕެއިންކޮށް ދެއްވުމުގެ ގޮތުން މަހުލޫފް އެ ރަށަށް ވަޑައިގެން ވަނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ކެންޑިޑޭޓުގެ އާއިލާ ބޭފުޅަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމާއި ޕީޕީއެމްގެ އިސް މީހެއް ކަމަށް ބުނެ މަހުލޫފް ވަނީ ސަގީފްއަށް ފާޑު ވިދާޅުވެފަ އެވެ.

ނަމަވެސް އެ ވާހަކަތަކައް ރައްދު ދެއްވާ އަދާލަތު ޕާޓީއިން ވަނީ ޓްވީޓެއްކޮށްފަ އެވެ. އެ ޕާޓީ އިން ބުނީ ފަރުދެއްގެ އާއިލާ މީހެއްގެ ސިޔާސީ ފިކުރަށް ބިނާކޮށް ތަފާތު ކުރުމުގެ ބޯދާ ވިސްނުމަަކީ އަދާލަތު ޕާޓީގެ ސިފައެއް ނޫން ކަމަށެވެ. އަދި ސަގީފްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި ވެސް ބުރަކޮށް މަސައްކަތް ކުރެއްވި ޒުވާނެއް ކަމަށް އެ ޕާޓީ އިން ބުންޏެވެ.

އަދާލަތު ޕާޓީ އިން ކުރި ޓްވީޓު

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެެން މަސައްކަތް ކުރުމަށް ނިންމަވާ، މަހިބަދޫ ދާއިރާގެ ވަނީ އަދާލަތަށް ދޫކޮށްފަ އެވެ. އަދި އަދާލަތުން ވެސް ބައެއް ދާއިރާތަކުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަނީ ތާއީދުކޮށްފަ އެވެ.