ހަބަރު

އަދާލަތުން ވެސް އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކަށް ތާއިދުކޮށްފި

Mar 17, 2019

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ހަތަރު ކެންޑިޑޭޓަކަށް އަދާލަތު ޕާޓީއިން ތާއިދު ކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގުޅިގެން ނުކުތުމަށް އެ ދެ ޕާޓީއަށް ވަނީ އެއްބަސްވެވިފަ އެވެ. މިއަދު އެމްޑީޕީގެ ކެންޑިޑޭޓެއް ވަނީ އަދާލަތު ޕާޓީއަށްޓަކައި ނަން އަނބުރާ ނަގާފަ އެވެ. އެއީ މަހިބަދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓު އަލީ އަހުމަދެވެ.

އެމްޑީޕީއިން މިއަދު އާންމުކުރި ގޮތުން މަހިބަދޫ ދާއިރާގައި އެ ޕާޓީއިން ތާއިދު ކުރާނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށެވެ. އެއީ އަލީ އާޒިމެވެ. އޭގެ އިތުރުން އެމްޑީޕީއިން ވާދަ ނުކުރާ ނިލަންދޫ ދާއިރާގައި ވެސް އެމްޑީޕީއިން ތާއިދު ކުރަނީ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށެވެ.

އެމްޑީޕީގެ އެ ނިންމުމާއެކު މިރޭ އަދާލަތު ޕާޓީއިން ވެސް ވަނީ އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކަށް ތާއިދު ކުރަން ނިންމާފަ އެވެ. އަދި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ހަރަކާތެއްގައި މިރޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އަދާލަތު ޕާޓީއިން ތާއިދު ކުރަން ނިންމާފައިވަނީ ހޯރަފުށީ ދާއިރާ، ކެންދިކުޅުދޫ ދާއިރާ، އަލިފުށީ ދާއިރާ އަދި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.