ހަބަރު

އަދާލަތުން ދެ ދާއިރާއަކަށް ނެރޭ ކެނޑިޑޭޓުންނަށް އެމްޑީޕީން ތާއިދު ކުރަން ނިންމައިފި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ދާއިރާއަކަށް އަދާލަތު ޕާޓީން ނެރެފައިވާ ކެންޑިޑޭޓޫންނަށް އެމްޑީޕީން ތާއިދު ކުރަން ނިންމައިފި އެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޕާޓީން 86 ދާއިރާއަކަށް ވާދަކުރަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ ބަރުލަމާނީ ވައުދުނާމާ “އެޖެންޑާ 19” އާއެކު ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ބަރުލަމާނީ ވައުދުނާމާ އެޖެންޑާ 19 އަށް އަދާލަތު ޕާޓީއިން ތާއީދު ކުރުމަށް ނިންމަވާފައިވާތީ އެޕާޓީން މަރުހަބާ ކިޔާ ކަމަށެވެ.

ބަރުލަމާނީ ވައުދުނާމާ އެޖެންޑާ 19 އަށް އަދާލަތު ޕާޓީއިން ތާއީދުކުރެއްވުމަށް ނިންމުމާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ 86 ދާއިރާގެ ތެރެއިން އދ. މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް އަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް އެޕާޓީން ތާއީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަދާލަތު ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހިންގާފައިވާ ހިޔާނާތާއި ވައްކަމާއި ދެކޮޅަށް އެމްޑީޕީއާއެކީ ފެށި މަސައްކަތުގައި މިހާތަނަށްވެސް އެކުގައި ސިޔާސީ މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެއްކަމަށެވެ. އެމްޑީޕީން އަދާލަތަށް ތާއީދު ދޭން ނިންމި ދެ ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާއަށް އެޕާޓީން ކެނޑިޑޭޓަކު ނެރެފައެއް ނުވެއެވެ. އެހެން ނަމަވެސް އެޕާޓީގެ ފަރާތުން މަހިބަދޫ ދާއިރާއަށް ނެރުނު ކެނޑިޑޭޓު މިއަދު ވަނީ އަދާލަތު ޕާޓީއަށް ފުރުސަތު ދިނުމުގެ ގޮތުން ނަން އަބުރާ ގެންދަވާފަ އެވެ.