(8 ޖެނުއަރީ 2018 އާ ގުޅޭ)
"އަހަރެންނާ މިހާ ގާތަށް އައުމަށް މީގެ ކުރިއަކުން އެއްވެސް އަންހެނަކަށް ފުރުޞަތެއްނުދެން، އެފަދަ ޝައުގުވެރިކަމެއް ވެސް ނުއުފެދޭ، އެކަމަކު އެކަން ބަދަލުވެއްޖެ... އަހަންނަށް މިހެން ހެދީ އީޝަލް، ތި އަންހެންކުއްޖާ ފުރަތަމަ ފެނުނު ވަގުތު ވެސް ދުރުގައި ހުންނަން އަހަރެންގެ ސިކުނޑި އިންޒާރުދިން، އީޝަލް... އަހަރެންގެ ހަޔާތުގައި އެއްވެސް އަންހެނަކު ނުވޭ، އީޝަލް ރުހޭނަމަ ތީ އަހަރެންގެ ޚާއްޞަ ފަރާތަށް ހެދުމަށް ބޭނުން، އަހަންނާމެދު އީޝަލްގެ ހިތުގައިވާ އެއްޗެއް ބުނެބަލަ" ރައުލް ބުންޏެވެ.
"ކީއްވެ އަހަރެން ޚާއްޞަވާންޖެހުނީ، އަހަރެންގެ ހަޤީޤަތެއް ރައުލްއަށް ނުވެސް އެނގެއެއްނު، އެހެންނޫނަސް އަހަރެމެން ދެ މީހުންނަކީ މުޅިން ދެ ނަސްލަކުން އައިސް ތިބި ބައެއް، ރައުލް ތި އެދޭ ފަދަ ގުޅުމަށް އަހަރެމެންގެ މައިންބަފައިން ތަރުޙީބު ދޭނޭހެން ހީވޭތަ؟... އަހަރެންގެ ބައްޕަގެ ހުރީ އަހަރެން އެކަނި، އެ ބައްޕަ އަހަރެން ގެންގުޅެނީ ވަރަށް ބޮޑަށް ރައްކާތެރިކޮށްގެން، އަހަރެންގެ މުސްތަޤުބަލާ މެދު އެ ބައްޕަ ވިސްނާފައި އޮތްގޮތެއް ޚުދު އަހަންނަށް ވެސް ނޭނގޭ، އަހަރެމެންގެ ތެރެއިން ޒުވާނަކާ އަހަރެންގެ ކައިވެނި ހަމަޖެހިފައި ވެސް އޮވެދާނެ" މިފަހަރު އީޝަލްގެ މޫނުން ސީރިއަސްކަން ފާޅުވިއެވެ. ހިތުގައި ރައުލްގެ މައްޗަށް އުފެދިފައިވާ ވަރުގަދަ ޖަޒުބާތުތައް ސިއްރުކޮށް ބުއްދީގެ ބޭނުން އީޝަލް ހިފީއެވެ.
"އަހަންނަށް މި އިޙްސާސްތައް ބުނެދޭކަށް ނޭނގޭ، އަހަރެންގެ ދިރިއުޅުމުގައި އީޝަލް ޝާމިލުވުމަށް މި ހިތުގެ އެންމެ ފުނުން އެދެވޭ، އަހަރެން ޤަބޫލުކޮށް ހިފަހައްޓަމުން އައީ އަމިއްލަ އުސޫލުތަކާއި ވެސް ޚިލާފުވެވިއްޖެ، އެހެންވިޔަސް އަހަރެންގެ ޟަމީރު އެއްބަސްވޭ އަހަންނަށް އީޝަލް މުހިންމުވެއްޖެކަން، މި ގުޅުމުގައި ގޯހެއްނެތްކަން... އީޝަލް!... އަހަރެން އީޝަލް ރައްކާތެރިކޮށްދޭނަން، އަހަންނަކީ އާދައިގެ ޖިންނިއެކޭ ހީނުކުރޭ، އީޝަލް ރުހޭނަމަ އަހަރެން އީޝަލްގެ ބައްޕައާ ވާހަކަދައްކާނަން، ޒިޔަޒެލްއާ ބައްދަލުކުރާނަން، އަހަރެންގެ ބައްޕަގެ ނަމާއި ބަރާއި ޝަރަފުގެ އަޑު ޒިޔަޒެލްމެންނަށް ނޭނގިއެއް ނޯންނާނެ، އަހަންނަކީ އަހަރެންގެ ބައްޕަ އެންމެ ގާތްކޮށް ގެންގުޅޭ އެންމެ އިތުބާރުކުރާ ދަރި، އަހަރެމެންގެ ތެރެއިން ކުއްޖަކު ޚިޔާރުކުރުން އަހަރެންގެ ބައްޕަ ލާޒިމެއްނުކުރޭ، އަހަންނަށް މުހިންމީ ބައްޕަގެ ޚިޔާލު، މާކުރިން ވެސް އެނގޭ ބައްޕަ ދެކޮޅެއް ނުހަދާނޭކަން، އީޝަލް އަހަންނަށް އިތުބާރުކުރީމަ އަހަންނާއެކު މި ހިސާބަށް ތިއައީ، ތި ހިތުގައި އަހަންނާމެދު ނަފުރަތުކަމެއްނެތްކަން އެނގޭ... ބުނެބަލަ... އަހަރެންނާ ގުޅިދާނަންތަ؟ އަހަރެންނާއެކު ޒުވާޖީހަޔާތެއް ވޭތިކޮށްފާނަންތަ؟ ޖިންނީންގެ ތެރޭގައި ސަމާސާކުރުމާއި ލޯބިކުރުން ގިނަ... އެކަމަކު އަހަރެންނަކީ އެފަދަ ޖިންނިއެއްނޫން، އަހަންނާ ގުޅިއްޖެނަމަ އީޝަލް ވަޢުދުވާން ޖެހޭނެ މުޅި އުމުރަށް އަހަންނަށް ވަފާތެރިވާނަންކަމަށް، ތި ހަޔާތުގެ ހުރިހާކަމެއް އަހަރެންނާ ޚިއްޞާކުރާނަންކަމަށް" ރައުލްގެ އުނގުގައި އިން އީޝަލް އިހުނަށްވުރެ ރައުލްއާ ގާތްކޮށްލިއެވެ.
"އަހަރެން ހިތުގައި ވެސް ވަނީ ރައުލް، އަހަރެންގެ ހަޔާތަށް މީގެ ކުރީން ބައިވެރިއަކު އައިސްފައެއްނުވޭ، އެފަދަ ބޭނުންވުމަކަށް ނަފްސު ހޭލީ ރައުލްއާ ބައްދަލުވީ ފަހުން، އަހަރެން ރައުލްގެ ދިރިއުޅުމަށް އަންނަފަހުން އަހަންނަށްވުރެ ޚާއްޞަ އެހެން ނަސްލަކުން ވިޔަސް ކުއްޖަކު ފެނި އޭނާ ރައުލްގެ ދިރިއުޅުމަށް ގެނެސްދާނަންތަ؟" ރައުލްގެ ކަނާއަތުގެ މުއްލައްދަނޑި އީޝަލްގެ ކަނދުރާ ދަށަށް ލައްވާލައި އޭނާ ހިފަހައްޓާލައިގެން ރައުލް އިންއިރު އީޝަލް ވާހަކަދެއްކީ އޭނާއަށް ނަޒަރު ހުއްޓާލައިގެން އޮވެއެވެ.
"އީޝަލް ތިހެންތިބުނީ އަހަރެން އެފަދަ ޢާއިލާއަކުން އައިސްފައި ހުރުމުންތަ؟... އަހަރެންނާއި އަހަރެންގެ ބައްޕައަކީ މުޅިން ތަފާތު ދެ މީހުން، އަހަރެންގެ އަމިއްލަ އުސޫލެއްކަމުގައި އަހަރެން ކަނޑައެޅިން އަހަރެން ޒަވާޖީ ހަޔާތެއް ފަށާނީ އަހަރެމެންގެ ނަސްލުން ކުއްޖަކު ޚިޔާރުކޮށްކަމަށް، އަދި އަހަރެންގެ ހަޔާތަށް އެންމެ އަންހެނަކަށްވުރެ އިތުރެއް ނުކުރާނަންކަން، އެންމެ މުހިންމު ކަމަކީ އަހަންނަށް އެ އަންހެންކުއްޖާ ވަރަށް ޚާއްޞަވުން، ހުރިހާ ގޮތަކުން އަހަރެންގެ ހިތް އޭނާ މިލްކުކުރުން، އަހަރެންގެ އުސޫލުތައް ބަދަލުވީ އަހަރެންގެ ހިތް މިލްކުކުރި ފަރާތަކީ އީޝަލްއަށްވީމަ، ގަސްދަކާއިނުލާ އަހަންނަށް އީޝަލް ކަމުގޮސްފި، ކުލުންވެރިކަން އުފެދިއްޖެ... މި ހާލުގައި އަހަރެން އީޝަލް ދޫކޮށްލާފައި ދުރަށް ހިނގައްޖެނަމަ އަހަރެންގެ ހަމަޖެހުން ގެއްލިގެންދާނޭކަން އެނގޭ، އީޝަލްނޫން ފަރާތެއް ހަޔާތައް ގެންނަންޖެހޭފަދަ ދުވަހެއް އައުމުގެ ކުރީން އަހަރެންގެ ފުރާނަ މި ހަށިގަނޑުން ވަކިވާން އަހަރެން އެދެނީ، އެހެން މީހެއްގެ ހައްޤަކަށް އީޝަލްވާތަން ދުށުމަކަށް ކެތެއްނުވާނެ، އަހަރެން އީޝަލްގެ ހުރިހާ އެދުމެއް ފުރިހަމަކޮށްދޭނަން" ރައުލްގެ މޭގައިވި އީޝަލްގެ އަތްތިލައިގައި ވައަތުން ހިފައި މެޔާލައި ބޮނޑިކޮށްލައިގެން އިނދެ ރައުލް ވާހަކަދެއްކިއެވެ. ހަތަރުކަޅި ބައްދަލުވެފައި ހުރިއިރު ރައުލްގެ ވާހަކަތަކުގައި އޮޅުވާލުމެއް ނުވާކަން އީޝަލްގެ ޟަމީރު ދެނެގަތެވެ.
"ރައުލް... އަހަރެން... އަހަރެން މީ އިންސިއެއްގެ ފުށުން އުފަންވި ދަރިއެއް" އީޝަލް އިސްޖަހާލިއެވެ. ރައުލް ބަސްހުއްޓިފައި އީޝަލްއަށް ބަލަން އިނީއެވެ. އިންސާނުންނާ ޖިންނީން ލޯބީގެ ގޮތުން ގުޅޭކަން ރައުލް އަޑުއަހައެވެ. އެހެންނަމަވެސް އެފަދަ ކަމެއް އޭނާގެ ލޮލުން ނުދެކެއެވެ. އެފަދަ މަސްހުނިކަމަށް ރައުލް ނަފުރަތުކުރެއެވެ. މިހާރު އޭނާގެ އުނގުގައި އޮތް އޭނަގެ ހިތް ހަދިޔާކުރެވުނު ފަރާތަކީ އެފަދަ ލޯތްބަކުން އުފަންވި ފުރާނައެއްކަން އެނގުމުން ޒައުލްއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެ ހަޤީޤަތް އޭނަގެ ހިތުގެ ގޮވުން ބަދަލެއްނުކުރިއެވެ. އީޝަލް ދެކެ ފޫހިވެ ނަފުރަތެއް ނުކުރެވުނެވެ. އެއަށްވުރެ ބޮޑަށް ރައުލްގެ ހިތާއިނަފްސުވަނީ އީޝަލް ބަލައިގެންފައެވެ.
"ރައުލް އިންސާނުންނަށް ނަފުރަތުކުރާކަން އެންމެ ފުރަތަމަ އަހަންނާ ބައްދަލުވި ދުވަހު ވެސް އެނގޭ، އަހަރެންގެ މަންމައަކީ އިންސާނެއް، އަހަރެންގެ ބައްޕަދެކެ އެ މަންމަ ވަރަށް ލޯބިވި، އަހަރެންގެ ޢާއިލާ މީހުން ވެސް މަންމަ ދެކެ ވަރަށް ލޯބިވޭ، އެކަމަކު އަހަރެން އުފަންވެ ގިނަ ދުވަހެއް ނުވަނީސް އެ މަންމަގެ ފުރާނަ ވަކިވެގެންދިޔައީ އަހަރެންގެ ބައްޕަ އިންސާނުންގެ ނުބައިކަމުން އެ މީހުންގެ ފަރާތުން ރައްކާތެރިކޮށްދިނުމުގެ ތެރޭ، ޒިޔަޒެލްއާއި އަހަރެންގެ ބޮޑުދައިތަ، މަންމަގެ ހިތްވަރުގަދަ ވާހަކަ ދައްކާނެ، އިންސާނަކު ޖިންނިއަކަށް ޓަކައި އަމިއްލަ ފުރާނަ ގުރުބާންކޮށް އެފަދަ ދަރަޖައަކަށް ލޯބިވީ ތަނެއް ނުދެންކަމުގައި ޒިޔަޒެލް ބުނި، އަހަރެން... އަހަރެން ވެސް ބޭނުންވަނީ އެފަދަ ލޯތްބެއް، އެ ލޯބި އިންސާނަކަށްވުން ޝަރުތެއްނުކުރޭ، އަހަރެންދެކެ އެވަރަށް ލޯބިވާނެ ފަރާތެއް ލިބުން އެދެނީ، ތެދުވެރި ސާފު ލޯތްބެއް، ރައުލްއަށް މި ހަޤީޤަތް ޤަބޫލުކުރެވިދާނެތަ؟ އަހަރެންގެ ހަށިގަނޑުގައިވަނީ އިންސާނަކާއި ޖިންނިއެއްގެ މަސްހުނިވުންކަން އެނގިހުރެ އަހަރެން ބަލައިގަނެވިދާނެތަ؟" އީޝަލް ހަޤީޤަތް ހާމަކުރިއެވެ. ރައުލް މަޑުމަޑުން އޭނަގެ ނިތްކުރި ގެނެސް އީޝަލްގެ ނިތްކުރީގައި ޖައްސާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ބޯ ހިއްލާލައި އީޝަލްގެ ނިތްކުރީގައި އޭނާ ބޮސްދިނެވެ. އަދި އީޝަލްގެ ކޯތާފަތުގައި ވައަތްތިލައިން ހިފަހައްޓާލައިގެން އިނދެ އެ ފެހިކަން ގަދަ ދެ ލޮލަށް އޭނާގެ ވިލުނޫކުލައިގެ ކަޅި އަމާޒުކޮށްލިއެވެ.
"އަހަރެންގެ އިޒުނައަކާނުލައި މި ހިތް އީޝަލް ބަލައިގެންފި، ތި ތަފާތުކަން ދެކެ ލޯބިވެވިއްޖެ، މި ހިތްގައިމު އިޙްސާސް އަހަންނަށް ވަރަށް ބޮޑަށް ކަމުގޮސްފި، އީޝަލް... މިރެއިން ފެށިގެން ތީ އަހަރެންގެ މަޢުޝޫޤާ.. މި ހިތުގެވެރިޔާކަން ޤަބޫލުކުރޭ، އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު އީޝަލްއާއި ތި ޢާއިލާއަށް ދިމާވާ މުސީބާތްތަކުން ރައްކާތެރިކޮށްދޭނަން، އީޝަލްގެ ހިތުގައިޖެހޭވަރުކަމެއް ދުވަހަކުވެސް ނުކުރާނަން" އީޝަލްގެ ކަނާއަތުގެ އިނގިލިތަކާއި ރައުލްގެ ވައަތްތިލައިގެ އިނގިލިތައް މަހާލުމާއެކު އެ އަތްތިލައިގެ ރައުލް ބޮސްދިނީ އޭނާ ވީ ވަޢުދުގެ ރަމްޒެއްގެ ގޮތުންނެވެ. އީޝަލްގެ ތުންފަތުގައި ކުޅެލި ލުއި ހިނިތުންވުމާއެކު އޭނާ ރައުލްގެ މޭގައި މޫނު ފޮރުވާލިއެވެ.
ހޮހޮޅައިގެ އަނދިރިކަމުގައި ރައުލްގެ އަތުގެތެރޭގައި އީޝަލް އިންއިރު އެ ދެ ހިތުގެ ލޯބީގެ ގުލްޝަން ފަރިވެލައިފިއެވެ. ރައުލްގެ ބީހުންތައް އިންފަހަނައަޅައި ނުދެއެވެ. އޭނާ އީޝަލްގެ ނިންމުންތަކަށް މިހާރުއްސުރެ ގަދަރުކުރަން ފަށައިފިއެވެ. އީޝަލްގެ ޢާއިލާގެ ރުހުމާއެކު ރައުލްއާއެކު ގެންދާނަން ކަމަށް އޭނާ ބުންޏެވެ. ހޮހޮޅައިގެ ބަންދުކަމުގެ ތެރޭ އީޝަލްއާއި ރައުލްގެ ލޯބީގެ ސަމާސަތަކުން ހީނލާއަޑު ހޮހޮޅައިގެ ހިލަތަކުގައި ޖެހި ތަކުރާރުވެގެންދެއެވެ.
"އީޝަލް... ލުގަލްއަކީ ކާކު؟" ރައުލް އަހާލިއެވެ.
"ލުގަލް އެނގެއެއްނު ރައުލްއަށް، ކީއްވެތަ ތި ދެ މީހުން އެކަކުއަނެކު ފެންނައިރަށް ކަރުގައިހިފަން ތައްޔާރަށް ތިބެނީ" ރައުލްގެ މޫނުގައި ދެއަތުން ހިފާލަމުން އީޝަލް އެއްސެވެ.
"އަހަރެންގެ ނިޔަތް އޭނާއަށް އެނގެނީހެން ހީވަނީ، އޭނާ ޤަބޫލެއްނޫން އަހަރެން އީޝަލްއާ ގާތްވާކަށް، އެކަން އަހަންނަށް ޔަގީންވޭ، އޭނާ... އޭނާ އެއީ އީޝަލްމެންގެ ޢާއިލާ ޖިންނިއެއްތަ؟ އަހަރެމެންގެ ތެރޭގައި ލިޔެވިފައި ހުރި ދުވަސްވީ ބައެއް ފޮތްތަކުން އަހަރެން ދުށިން އެފަދަ ޖަނަވާރެއް، އެމީހުންނަކީ ބާރުގަދަ ރަހުމުކުޑަ އަނިޔާވެރިބައެއް، އިންސާނުންނާއެކު އެ މީހުންގެ ސިހުރުތަކުގައި ބައިވެރިވާބައެއް، އަހަރެމެންގެ ތެރޭ ކުރެވޭ ހަނގުރާމަތަކުގައި ދިޔޯތަކާއެކު އެ މީހުން ބައިވެރިވެ ނަސްރު ހޯދާފައި އެބަހުރި، ރާވިންގެ ބައްޕަ ލާވީ ބުނި ހަނދާން އަހަރެން އެބަހުރި... އެ ފަދަ ޖަނަވާރުންގެ އާރުކާޓީއެއް ހަނގުރާމައިގެ ބައިވެރިވެއްޖެނަމަ އެ މީހުން ކުރި ހޯދާނެއޭ، އެކަމަކު އެ މީހުން ރުއްސޭނީ ވަރަށް ކުޅަދާނަ ބާރުގަދަ ޖިންނިއަކަށް އެކަންޏޭ، އެ ޖަނަވާރުގެ ސިފައަކީ އެ މީހުންގެ އަސްލު ސިފަ ނޫންކަމަށް ވެސް ލާވީ ބުނި، އަހަރެމެންގެ ތެރޭގައި ވެސް އޭގެ އަސްލު ސިފަ ފެނުމަކީ ވުމަށްވުރެ ނުވުންކަމެއްވަނީ، އެކަމަކު މަދުން ނަމަވެސް އެ މީހުންގެ އަސްލު ސިފަ ދުށް ޖިންނީން އުޅޭކަމުގައި ބުނި، އެ މީހުން އެކަމުގެ ވާހަކަ ދައްކާނޫޅޭކަމަށްވަނީ، އެފަދަ ޖިންނިއަކަށް އޭގެ މީހަކު ތަބާވެއްޖެނަމަ އޭނާގެ މުޅިއުމުރަށް ވަފާތެރިވާނޭ، އަދި ހަޒާނާތަކުގެ ސިއްރުދޮރުތައް އެ މީހުން ހުޅުވައިދޭނޭ، އަނެކުންގެ ނިޔަތް އެ މީހުންގެ ގައިން ދުވާ ވަހުން ދެނެގަންނަކަމަށްވަނީ" ރައުލް ބުންޏެވެ.
"އަހަރެންގެ ލުގަލްތަ... އޭނާ ބާރުގަދަކަން އަހަރެންނަށް އެނގޭ، ތިހާ ކުޅަދާނަކަމެއް ނުދެނަހުރިން، އެކަމަކު އޭނާއަކީ އަނިޔާވެރިއެއްނޫން، އަހަރެންނާއި އަހަރެންގެ ޢާއިލާގެ މައްޗަށް އަނިޔާވެރިވެއްޖެ މީހަކީ އޭނާގެ ވެސް ދުޝްމިނެއް، އެފަދަ ދަނޑިވަޅެއްގައި އަހަރެން އޭނާ ނުހުއްޓުވާނަން" އީޝަލް ބުންޏެވެ. އޭނާއަށް ރައުލްގެ ވާހަކައިން ނުވިސްނުނީ ލުގަލްބަންދާގެ ވަފާތެރިކަންވަނީ ހަމައެކަނި އީޝަލްއަށް ކަމެވެ. އީޝަލްގެ ވަށައިގެންވާ އޭނާއާ ގުޅުންހުރި ކޮންމެ އެއްޗެއް ރައްކާތެރިކުރަމަކީ ލުގަލްބަންދާގެ އަޒުމެވެ. އެއީ ބާރައަހަރުގެ އީޝަލްއާ ބައްދަލުވި ފުރަތަމަ ބައްދަލުވުމުން ވެސް ލުގަލްބަންދާ ވީ ވަޢުދެކެވެ. އޭނާގެ އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރާނީ އެ އަންހެންކުއްޖާއާއެކުގައި ކަމެވެ.
"ލުގަލްއަށް އީޝަލް ވަރަށް ބޮޑަށް އިތުބާރުކުރަން ދޯ، އެނގޭތަ އޭނާއަކީ ފިރިހެނެއްކަން" ރައުލްގެ ހިތުގައިވާ އެއްޗެއް ސީދާ ފާޅުކުރަން އުނދަގޫވެފައި އިން ކަހަލައެވެ.
"އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ދުވަހު ވެސް އެކަން އަހަންނަށް އެނގޭ، އަހަންނަށް ދެން ފިރިހެނަކާއި އަންހެނަކު ނޯޅޭނެއެއްނު، އަހަރެންގެ އިތުބާރު ގެއްލޭވަރުކަމެއް ލުގަލް ނުކުރާނެ، ރައުލް އެކަމާ ނުވިސްނަބަލަ... އަހަރެން ރުހޭކަމަކާ ލުގަލް ރުހޭނެކަން އެނގޭ، ރައުލް އަހަރެންދެކެ ތެދުވެރި ލޯތްބެއް ވަންޏާ އޭނާ ރައުލްގެ އިޙްސާސްތަކަށް އިޙްތިރާމުކުރާނެ، ރައުލް ކަންބޮޑުވާންވީ ލުގަލްއަށްވުރެ އަހަރެންގެ ބައްޕައާ މެދު" އީޝަލް ކުޑަކޮށް ހީނލިއެވެ.
"ޒިޔަޒެލް ފަތިހަށް ގެއިން ނުކުންނަންވާއިރަށް އެނބުރި ދާން ވެސް ޖެހޭނެ ދޯ... އީޝަލްގެ ބައްޕަ އަދި އެއްފަހަރު ވެސް ނުދެކެން" ހިނިތުންވެލި ރައުލް ބުނެލިއެވެ. އެއާއެކު އީޝަލް ބޯޖަހާލީ އެނބުރި ދާންޖެހޭނޭކަން އެނގޭތީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ.
"ރައުލްގެ މަންމަގެ ވާހަކަ ނުދައްކަނީ ކީއްވެ؟ ކޮބާ މަންމަ" އީޝަލް އަހާލިއެވެ.
(ނުނިމޭ)