ހަބަރު

މީޓާ ޓެކްސީ ތައާރަފްކުރަން ނިންމައިފި

Jan 10, 2019
7

ރާއްޖޭގައި މީޓާ ޓެކްސީ ތައާރަފް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމާފައިވާ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ހިޔާލުތައް ލިބިފައިވާތީ، ރާއްޖޭގައި މީޓާ ޓެކްސީ ވެސް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ. ޓެކްސީގެ އަގުތައް ކަނޑައެޅުމަށް މިފަހުން ބޭއްވި ފޯރަމްގައި ވެސް ގިނަ އާންމުން ވަނީ މީޓާ ޓެކްސީ ތައާރަފް ކުރުމަށް އެދިފަ އެވެ. ބްރިޖް މަތިން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުވެ ޝަކުވާ ބޮޑެވެ.

ނަމަވެސް، ޓެކްސީ ޑްރައިވަރުން ވަނީ އެ އަގުތައް ދިފާއުކޮށްފަ އެވެ. އެއީ އެންމެ އެކަށީގެންވާ އަގުތައް ކަމަށާއި އަގު ކުޑަކޮށްފިނަމަ ގެއްލުންވާނެ ކަމަށް ވެސް ޑްރައިވަރުން ވަނީ ޝަކުވާކޮށްފަ އެވެ. ޓެކްސީގެ އަގުތައް ބްރިޖް މަތީގައި 100 ރުފިޔާއަށްވުރެ ބޮޑުވާތީ މިނިސްޓަރު ކުރިން ވަނީ އެ އަގުތައް ރިވިއުކުރަން ނިންމަވާފަ އެވެ.

އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން އިހްތިޖާޖު ކުރުމުން އެ މަސައްކަތް ހުއްޓާލައްވައި ފޯރަމް ބާއްވަން ނިންމެވި އެވެ. އެއަށްފަހު ހައްލެއް ކަމަށް ފެނުނީ މީޓާ ޓެކްސީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ވެސް ކަނޑައަޅާފައިވާ ގޮތުން ބްރިޖް މަތީގައި ޓެކްސީގެ ދަތުރުގެ އަގަކަށްވާން ޖެހޭނީ 40 ރުފިޔާ އެވެ.

މީޓާ ޓެކްސީ ތައާރަފް ކުރަން ނިންމާފައިވީ ނަމަވެސް އޭގެ އަގުތަކާއި އުސޫލުތައް މިއަދު އަދި އާންމެއް ނުކުރައްވަ އެވެ. އެ މައުލޫމާތުތައް ފަހުން ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި މީޓާ ޓެކްސީގެ ދަތުރު ފެށުމުގެ އަގު 25 ރުފިޔާއަށްވުރެ އިތުރެއް ނުވާނެ އެވެ.