އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭގެ ކެޕްޓަންކަމުގައި ކުޅުނު ފުރަތަމަ މެޗުން ޕީޑީއާރްއެމް މޮޅުވެއްޖެ

އަލީ އަޝްފާގް (ދަގަނޑޭ)ގެ ކެޕްޓަންކަމުގެ ދަށުގައި މެލޭޝިއާގެ ޕީޑީއާރްއެމް ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޯ ލަޔަންސް އަތުން 2-1 އިން މެލޭޝިއާ ސުޕަ ލީގުގައި ރޭ މޮޅުވެއްޖެ އެވެ.

މި މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ އަށް ކެޕްޓަން ބޭންޑް ދިނީ ޕީޑީއާރްއެމްގެ ކެޕްޓަން މުސްލިމް މުހައްމަދަށް ރޭގެ މެޗުގައި ރެސްޓް ދިނުމުންނެވެ. ދަގަނޑޭ އަކީ ޕީޑީއާރްއެމްގެ ވައިސް ކެޕްޓަނެވެ.

މި މެޗުގައި ޕީޑީއާރްއެމްގެ ދެ ލަނޑު ވެސް ޖެހީ މާލީގެ ފޯވަޑް ޑްރަމާނޭ ޓްރައޯރޭ އެވެ.

"ލަޔަންސް އަތުން މޮޅުވި މެޗުގައި ޓީމުގެ ކެޕްޓަންކަން ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް،" ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

ޕީޑީއާރްއެމް މިހާރު އޮތީ 21 ޕޮއިންޓާއެކު ސުަޕަ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ.