ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމުން، އެކަމުގެ ނޭދެވޭ އަސަރު ކިތަންމެ ބޮޑަކަށް ވެސް އެ ޓީމަށް ކުރި އެވެ. ޔޫރަޕްގެ ސީޒަން ހުޅުވުމަށް ކުޅުނު ޔޫއެފާ ސުޕަ ކަޕުން ފެށިގެން ރެއާލްއަށް މައްސަލަ ކުރިމަތި ވެއްޖެކަން ފާހަގަ ކުރެވުނެވެ. ޒައިނުދީން ޒިދާން ރެއާލްގެ ކޯޗުކަން ދޫކޮށްލުމާއި، ރޮނާލްޑޯ ވަކިވުން އެކުއެކީގައި ދިއުމުން މައްސަލަ ހައްލު ކުރާނެ ގޮތެއް ރެއާލްއަށް ނުހޯދުނެވެ.
ޓޮޓެންހަމްއަށް ބޮޑު އަގެއް ދީފައި، ގެނައި ވޭލްސްގެ ގެރެތު ބޭލްއަށް އޭނާގެ ކުޅުން އެއްވަރެއްގައ ނުހިފެހެއްޓުމުން، ރެއާލް އިނދަ ޖެހުނެވެ. އެންމެ ފަހުން ބޭލްއަށް ޖެހުނީ އަބަދު ވެސް އޭނާއަށްޖެހޭ އަނިޔާގެ ބަލިމަޑުކަމެވެ. އަނިޔާގެ ސަބަބުން، އޭނާ ބާކީވާން ޖެހުމުން، އެ ފުރުސަތު އެ ޓީމުގެ ކޯޗް ސެންތިއާގޯ ސޮލާރީ ދިނީ، ބްރެޒިލްގެ ޒުވާން ފޯވަޑް ވިނީސިއުސް ޖޫނިއާ އަށެވެ. އޭގެ ކުރިން ސޮލާރީ ހުރީ ރެއާލްގެ ބީ ޓީމު ކޯޗަކަށެވެ.
ބްރެޒިލްގެ ފްލެމިންގޯއިން ރެއާލްއަށް ބަދަލުވި ޒުވާން ފޯވަޑް ވިނީސިއުސްއަށް ހުލެން ލޮޕެޓެގީ ދިނީ ބީ ޓީމުގެ ދައުރެވެ. ބައެއް މެޗުތަކުގައި މެޗުންގެ އެންމެ ފަހު ފަސް މިނެޓް ފިޔަވައި ރެއާލްގެ ސީނިއާ ޓީމުން އޭނާއަށް ފުރުސަތު ނުދެ އެވެ. ފުލުކޮށް ކުޅެން ލިބުނީ ސޮލާރީ އޭރު ކޯޗު ކޮށްދެމުން ގެންދިޔަ ރެއާލްގެ ބީ ޓީމުގަ އެވެ. ލޮޕެޓެގީ ވަކިކޮށް ސީނިއާ ޓީމުގެ ހެޑް ކޯޗް ކަމަށް ސޮލާރީ ޕްރަމޯޓް ކުރުމުން، ރެއާލްގެ ސީނިއާ ޓީމުން ވިނިސީއުސް އަށް އޭނާ ފުރުސަތު ދިނެވެ.
ހައި ޕްރޮފައިލް މާ ބޮޑު ކޯޗަކަށް ނުވިއަސް، ސޮލާރީގެ ކިބައިގައި ހުރި އެންމެ ކޮލިޓީ ޖާދޫއަކަށް ވީ، ޒުވާން ކުޅުންތެރިން ޑިވްލަޕް ކުރަމުން، އެ ކުޅުންތެރިންނަކީ ޓީމުގެ މުހިންމު ކުޅުންތެރިންނަށް ހެދުމެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ، ޒުވާން މިޑްފީލްޑަރު މާކޯސް ޔޮރެންޓޭ އެވެ.
ޒިދާންގެ ކޯޗު ކަމުގެ ދަށުން ޔޮރެންޓޭއަށް ކުޅެން ލިބުނީ މަދު މިނެޓްތަކެކެވެ. ލޮޕެޓޭގީގެ ޓީމުން އޭނާއަށް ސިކުންތެއްގެ މިންވަރުވެސް ނުލިބުނެވެ. އެހެންނަމަވެސް ސޮލާރީ ވީ، ޔޮރެންޓޭގެ ފެންވަރު ނެރެން އެނގުނު ކޯޗަކަށެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ޔޮރެންޓޭއަށް މުހިންމު މެޗުތަކުގައި ފުރަތަމަ 11 އިން ފުރުސަތު ދިނެވެ. ކެސެމީރޯއަށް އަނިޔާވި ވަގުތު އެ ފުރުސަތުގެ ބޭނުން ޔޮރެންޓޭ ހިފި އެވެ.
ވިނިސިއުސްގެ ފެންވަރު ނެރެންވެސް ސޮލާރީ ބޭނުން ކުރީ އެ އުކުޅެވެ. ބޭލްއަށް އަނިޔާވި ވަގުތު ސޮލާރީ ނެރުނީ ވިނީސިއުސް އެވެ. އޭގެ ކުރިން ބައެއް މެޗުތަކުގައި ސޮލާރީ ވަނީ ވިނީސިއުސް އަށް ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގްގައި ސީއެސްކޭ މޮސްކާއާ ދެކޮޅަށް ކުޅުނު މެޗުވެސް ފާހަގަ ކުރެ ވެއެވެ.
މިދިޔަ ހަފުތާއި ރެއާލް ސޮސިއެދާދުއާ ދެކޮޅަށް ކުޅުނު މެޗުގައި، މުޅި ރެއާލްގެ ޓީމު އިނދަ ޖެހުނުއިރުވެސް ވިނީސިއުސް ބުރަކޮށް މަސައްކަތް ކުރި އެވެ. ރެއާލްގެ ޓީމަށް ކިރިޔާވެސް ހިތްވަރެއް ލިބުނު ނަމަ އެކަން ދަނޑުގައި ދެއްކީ ވިނިސިއުސްއެވެ. ބުދަ ދުވަހުގެ ރޭ ސްޕެނިޝް ލީގްގައި ލެގަނޭޒް އާ ދެކޮޅަށް ކުޅުނު މެޗުގައި މުޅި ރެއާލްގެ ޓީމު ޑޮމިނޭޓް ކުރީ ވިނިސިއުސް އެވެ. އެ މެޗުގައި އޭނާ ވަނީ ހިތްގައިމު މޮޅު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. އަދި ހަމައެޔާއެކު ލަނޑު ޖަހާނެ ހިތްގައިމު ފުރުސަތެއް ލޫކަސް ވަޒްކްއޭޒްއަށް ތަނަވަސް ކޮށްދިނެވެ.
ވިނީސިއުސް ދަނީ މެޗަކުން މެޗަކުން ކުރި އެރުން ހޯދަމުންނެވެ. އޭނާ މިހާރު ދައްކާ ކުޅުމުން ހަނދާން ކޮށްދެނީ، ރެއާލާގެ ލެޖެންޑަރީ ފޯވަޑް ރައުލް ގޮންޒާލެޒްގެ މަތިންނެވެ. އުމުރުން 18 އަހަރުގައި ރައުލުގެ ކިބައިން އެ ޖާދޫ ފެނުނެވެ. އަހަރުތަކެއް ފަހުން ހަމަ އުމުރުން 18 އަހަރު ވިނީސިއުސްގެ ފަރާތުން ފެންނަ ޖާދޫއަކީ ރައުލުގެ ފަހުން، ރެއާލް މެޑްރިޑްގައި އެ އުމުރުގެ ކުޅުންތެރިޔެއްގެ ފަރާތުން ދެ ވަނަ ޖާދޫއެއް މި ފެނުނީ ވިނީސިއުސްގެ ފަރާތުންނެވެ.