ބޭރު ކުޅިވަރު

ބްލެޓާ ވިދާޅުވަނީ ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް

ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ޖޯސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ފީފާގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ނަމަވެސް، ފީފާ އަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ބްލެޓާ ޖޫން މަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވި ކަމަށް ބެލެވުނެވެ.

އެކަމަކު ސްވިޓްޒަލޭންޑްގެ ނޫހެއް ކަމަށްވާ ބްލިކް އިން ބުނާގޮތުގައި މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ބްލެޓާ ޕާޓީއެއްގެ ތެރެއިން ވިދާޅުވެފަ އެވެ. 

"އަހަރެން އިސްތިއުފާއެއް ނުދެން. އަހަންނާއި އަހަރެންގެ އޮފީސް ފީފާގެ ކޮންގުރެސްގެ އަތް މައްޗަށް އަހަރެން ދޫކޮށްލީ،" ބްލެޓާ ވިދާޅުވި ކަމަށް ބްލިކްގައި ބުނެފައިވެ އެވެ.

ބްލެޓާ މިހެން ވިދާޅުވިކަން ފީފާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި މިއީ އާ ވާހަކައެއް ނޫން ކަމަށާއި އެކްސްޓްރާ އޯޑިނެރީ ކޮންގުރެސްއެއް ބޭއްވެންދެން މަގާމުގައި ދެމިހުންނަވާނެ ކަމަށް ބްލެޓާ ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

ފީފާގެ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުގީގް ފެށީ ބްލެޓާ ފަސް ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ހަފުތާގެ ތެރެއިންނެވެ.

އެކަމަކު އިންތިހާބު ކާމިޔާބުކުރެއްވިތާ ހަފުތާއެއް ނުވަނީސް، މަގާމުން ދޫކޮށްލައްވަން ނިންމަވާފައިވާ ކަމަށް ބްލެޓާ ވަނީ ވިދާޅުވެފަ އެވެ. ސީދާ އިސްތިއުފާ ދެއްވި ކަމަށް ބްލެޓާ ވިދާޅުނުވި ނަމަވެސް، މަގާމުން ދުރުވާން ނިންމާފައިވާކަމަށް ބްލެޓާގެ ވާހަކަތަކުން ދޭހަވި އެވެ. އަދި ދެން އޮންނަ ފީފާގެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ބްލެޓާ ވަނީ ވިދާޅުވެފަ އެވެ.

ބްލެޓާ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފާނެ ކަމަށް  ބްލެޓާގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ކްލައުސް ސްޓޮލްކާ ވަނީ ބުނެފަ އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ ފީފާގެ އެގްޒެކުޓިވް ކޮމެޓީގެ އެކްސްޓްރާ އޯޑިނެރީ ބައްދަލުވުމުގައި ފީފާގެ އިންތިހާބު ކުރިއަށް ގެންދާ ކޮންގުރެސް ބާއްވާނެ ތާރީހެއް ކަނޑައަޅާނެ އެވެ.