ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޓޯކް ޝޯ، ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި އިންޑިއާގެ ޒުވާން ކުރިކެޓް ދެ ކުޅުންތެރިން ދެއްކި ވާހަކަތަކަކާ ގުޅިގެން އެ ދެ ކުޅުންތެރިން ސަސްޕެންޑްކޮށްފި އެވެ.
ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވަނީ އިންޑިއާގެ ޒުވާން ދެ ކުރިކެޓް ކުޅުންތެރިން ކަމަށްވާ ހާޑިކް ޕާންޑޭ އާއި ކޭއެލް ރާހުލް އެވެ. އެ ދެ ކުޅުންތެރިން ކޮފީ ވިތް ކަރަންގެ ޝޯގައި ބައިވެރިވީ މިދިޔަ ހަފުތާ އެވެ. އެއީ އެ ޝޯގެ ހަވަނަ ސީޒަންގައި ވެސް ކުރިކެޓް ކުޅުންތެރިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ޝޯގައި ކަރަން ޖޯހަރު ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެމުން ހާޑިކް ވަނީ އަންހެނުންނަށް އިހްތިރާމް ކުޑަވާ ފަދަ ގޮތަށް ވާހަކަތައް ދައްކާފަ އެވެ. އެ ވާހަކަތަކުގައި ރާހުލު ވެސް ބައިވެރިވެފައިވެ އެވެ.
ޝޯ ދެއްކިއިރު ދެ ކުޅުންތެރިން ވެސް ތިބީ ޓީމާއެކު، އޮސްޓްރޭލިއާގަ އެވެ. އޮސްޓްރޭލިއާއެކު އިންޑިއާގެ ކުރިކެޓް ޓީމު ކުޅެން ހަމަޖެހިފައިވާ މެޗްގައި ހާޑިކް އަދި ރާހުލް ވެސް ކުޅެން ހަމަޖެހިފައިވީ ނަމަވެސް ދެ ކުޅުންތެރިން ސަސްޕެންޑްކޮށް އަނބުރާ އިންޑިއާއަށް މިހާރު ވަނީ ފޮނުވާލާފަ އެވެ.
ދެ ކުޅުންތެރިން ސަސްޕެންޑްކުރީ އެ ދެ ކުޅުންތެރިންގެ މައްސަލަ ބެލުމަށެވެ. އިންޑިއާގެ ކްރިކެޓް ބޯޑުން މިހާރު ވަނީ އެކަމަށް ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެ ކޮމެޓީގެ މެންބަރަކު ބުނެފައިވާ ގޮތުގައި، ދެ ކުޅުންތެރިން ދެއްކި ވާހަކަތައް ބެލުމަށްޓަކައި އެ ޝޯ އެއްކޮށް ބަލާނެ ކަމަަށާއި އެއަށްފަހު އެ ވާހަކަތަކާ ގުޅިގެން ސުވާލު ކުރާނެ ކަމަށެވެ. އަޅާނެ ފިޔަވަޅެއް ނިންމާނީ އޭގެ ފަހުން ކަމަށް އޭނާ ބުނެފައިވެ އެވެ.
ބެލެވޭ ގޮތުގައި ހާޑިކްއަށް ބޮޑު ސަސްޕެންޝަނެއް އައުން ގާތެވެ. ހާޑިކް ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. ޓްވިޓާގައި އޭނާ ބުނެފައިވަނީ ޝޯގެ ޖަޒުބާތުގައި ޖެހިގެން ދައްކަން ނުޖެހޭ ވާހަކަތައް ދެއްކުނީ ކަމަށެވެ. ރާހުލް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ވެސް ވަނީ ދެ ކުޅުންތެރިންގެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އެފަދަ ވާހަކަތަކަކީ އޭނާ ތާއިދު ކުރާ ވާހަކަތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.
ރާހުލް ވަނީ ވިރާޓަކީ ވަރަށް ރަނގަޅު ކެޕްޓަނެއް ކަމަށާއި ނަމަވެސް މަޖަލަށް ކުޅުންތެރިންނަށް ވަރަށް ލަނޑުދޭ މީހެއް ކަމަށް ޝޯގައި ބުނެފަ އެވެ. ރާހުލް ވަނީ އިންޑިއާގެ ޓީމް ކުޅެން ބޭރުގެ ގައުމުތަކަށް ގޮސް ޕާޓީ ކުރުމާއި މަޖާ ކުރުމުގައި އުޅޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އަންހެނުން ކޮޓަރިއަށް ވައްދާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.