ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޓޯކް ޝޯ، ކޮފީ ވިތް ކަރަންގެ އެޕިސޯޑެއްގައި އިންޑިއާގެ ޒުވާން ކުރިކެޓް ދެ ކުޅުންތެރިން ދެއްކި ވާހަކަތަކަކާ ގުޅިގެން އެ ދެ ކުޅުންތެރިންނަށް އައި ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.
ކޮފީ ވިތް ކަރަން ޝޯއާ ހެދި ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނީ އިންޑިއާގެ ޒުވާން ދެ ކުރިކެޓް ކުޅުންތެރިން ކަމަށްވާ ހާޑިކް ޕާންޑޭ އާއި ކޭއެލް ރާހުލް އެވެ.
ކުޅުންތެރިންގެ މައްސަލަ ބަލައި ނިމެންދެން ވަގުތީ ގޮތުން ކުރި ސަސްޕެންޝަން އުވާލާފައިވީ ނަމަވެސް އެ މައްސަލަ އަދި ނުނިމެ އެވެ. އެ މައްސަލާގެ އިންކްއަރީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އޭގެ ކުރިން ވެސް ދެ ކުޅުންތެރިންނަށް ވެސް އިންޑިއާގެ ކުރިކެޓް ޓީމުގެ މެޗްތަކުގައި ބައިވެރިވެވޭނެ އެވެ. އިންޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހާޑިކް ޕާންޑޭ އާއި ކޭއެލް ރާހުލް އިންޑިއާ ޓީމުގެ މެޗްތަކުގައި ވަރަށް އަވަހަށް ބައިވެރިވާނެ އެވެ. އެ ދެ ކުޅުންތެރިންނަކީ ވެސް މިހާރު ޓީމުގެ ވަރަށް މުހިންމު، ޒުވާން ދެ ކުޅުންތެރިންނެވެ.
ޝޯގައި ކަރަން ޖޯހަރު ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެމުން ހާޑިކް ވަނީ އަންހެނުންނަށް އިހްތިރާމް ކުޑަވާ ފަދަ ގޮތަށް ވާހަކަތައް ދައްކާފަ އެވެ. އެ ވާހަކަތަކުގައި ރާހުލު ވެސް ބައިވެރިވެފައިވެ އެވެ.
ޝޯ ދެއްކިއިރު ދެ ކުޅުންތެރިން ވެސް ތިބީ ޓީމާއެކު، އޮސްޓްރޭލިއާގަ އެވެ. އޮސްޓްރޭލިއާއެކު އިންޑިއާގެ ކުރިކެޓް ޓީމު ކުޅެން ހަމަޖެހިފައިވާ މެޗްގައި ހާޑިކް އަދި ރާހުލް ވެސް ކުޅެން ހަމަޖެހިފައިވީ ނަމަވެސް ދެ ކުޅުންތެރިން ސަސްޕެންޑްކޮށް އަނބުރާ އިންޑިއާއަށް ފޮނުވާލި އެވެ.
އިއްޔެ ޝޯގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ނެރެނު ބަޔާނެއްގައި އަންހެނުންނާ ގުޅޭ ވާހަކަތަކުގެ ޒިންމާ އޭނާ ވަނީ ނަގާފަ އެވެ. އެކަމުގައި ދެ ކުޅުންތެރިންގެ ކުށެއް ނެތް ކަމާއި އެއީ ކުރި ސުވާލުތަކުގެ ސަބަބުން ވީ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ކުޅުންތެރިންގެ މައްސަލަ ބަލާ ކޮމެޓީގެ މެންބަރަކު ބުނެފައިވާ ގޮތުގައި، ދެ ކުޅުންތެރިން ދެއްކި ވާހަކަތައް ބެލުމަށްޓަކައި އެ ޝޯ އެއްކޮށް ބަލާނެ ކަމަަށާއި އެއަށްފަހު އެ ވާހަކަތަކާ ގުޅިގެން ސުވާލު ކުރާނެ ކަމަށެވެ. އަޅާނެ ފިޔަވަޅެއް ނިންމާނީ އޭގެ ފަހުން ކަމަށް އޭނާ ބުނެފައިވެ އެވެ.
ހާޑިކް ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. ޓްވިޓާގައި އޭނާ ބުނެފައިވަނީ ޝޯގެ ޖަޒުބާތުގައި ޖެހިގެން ދައްކަން ނުޖެހޭ ވާހަކަތައް ދެއްކުނީ ކަމަށެވެ. ރާހުލް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ވެސް ވަނީ ދެ ކުޅުންތެރިންގެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އެފަދަ ވާހަކަތަކަކީ އޭނާ ތާއިދު ކުރާ ވާހަކަތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.
ރާހުލް ވަނީ ވިރާޓަކީ ވަރަށް ރަނގަޅު ކެޕްޓަނެއް ކަމަށާއި ނަމަވެސް މަޖަލަށް ކުޅުންތެރިންނަށް ވަރަށް ލަނޑުދޭ މީހެއް ކަމަށް ޝޯގައި ބުނެފަ އެވެ. ރާހުލް ވަނީ އިންޑިއާގެ ޓީމް ކުޅެން ބޭރުގެ ގައުމުތަކަށް ގޮސް ޕާޓީ ކުރުމާއި މަޖާ ކުރުމުގައި އުޅޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އަންހެނުން ކޮޓަރިއަށް ވައްދާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.