ބޭރު ކުޅިވަރު

ޑަގްލަސް ކޮސްޓާ ބަޔާން އަށް، މާޓިނޭޒް އެތުލެޓިކޯ އަށް

ޔޫކްރޭންްގެ ޝަކްޓާ ޑޮނެޓްސްކް އަށް ކުޅެމުންދާ ބްރެޒިލްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑަގްލަސް ކޮސްޓާ ބަޔާން މިއުނިކް އަށް ބަދަލުވާއިރު، ޕޯޓޯގެ ކޮލަމްބިއާ ފޯވަޑް ޖެކްސަން މަޓިނޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ އެވެ.

ކޮސްޓާ ބަޔާނަށް ވިއްކާލަން ޝަކްޓާ އިން ނިންމާފައިވާ ކަމަށް އެ ޓީމުގެ ކޯޗު މިރްކެއާ ލުކެސްކޫ ވަނީ ބުނެފަ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮސްޓާ ،24، ބަޔާނަށް ބަދަލުވާނީ 35 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ.

ބްރެޒިލްގެ ގްރެމިއޯ އިން ޝަކްޓާ އަށް ކޮސްޓާ ބަދަލުވީ 2010 ވަނަ އަހަރެވެ.

ކޮލަމްބިއާގެ ގައުމީ ޓީމުގެ ފޯވަޑް މާޓިނޭޒް ވަނީ އެތުލެޓިކޯ އަށް ބަދަލުވާނެ ކަމަށް ބުނެފަ އެވެ. މާޓިނޭޒް ،28، އެތުލެޓިކޯ އަށް މި ބަދަލުވަނީ އާސެނަލް އާއި އޭސީ މިލާން އިން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

ޕޯޓޯގައި ތިން އަހަރު ހޭދަކޮށްފައިވާ މާޓިނޭޒް އެތުލެޓިކޯ އަށް ބަދަލުވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ސީޒަންގައި މާޓިނޭޒް ވަނީ ޕޯޓޯގައި 21 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ޖެހި ހަތް ލަނޑު ވެސް ހިމެނެ އެވެ.