ނޭމާ

ބާސާއަށް އަލުން ބަދަލުވާން ނޭމާ ކެތްމަދުވެފައި!

އެފްސީ ބާސެލޯނާއަށް އަލުން ބަދަލުވާން، ޕީއެސްޖީގެ ފޯވަޑް ނޭމާ ޖޫނިއާ ކެތްމަދުވެފައި ހުރި ކަމަށް، ނޭމާގެ ބައްޕަ ނޭމާ ސީނިއާ އާ ހަވާލާދީ ސްޕެއިންގެ ނޫސްތަކުން ބުނެފި އެވެ.

ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯ (ތިން ބިލިއަން ދިވެހި ރުފިޔާ) އަށް، ނޭމާ ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ ޖުލައި މަހު ނޭމާ ޕީއެސްޖީއަށް ބަދަލުވުމުގެ އެއް މަސް ކުރިން ބާސާއާއެކު އޭނާގެ ކޮންޓްރެކްޓް އާ ކުރި އެވެ.

މި ސީޒަނަކީ، ޕީއެސްޖީގައި ނޭމާ ހޭދަ ކުރާ ދެ ވަނަ ސިޒަނެވެ. އެހެންނަމަވެސް އެ ޓީމުގައިި ޔޫރަޕްގައި އެކަށީގެންވާ ކާމިޔާބެއް ނުހޯދޭތީ ނޭމާގެ ކަންބޮޑުވުން އެބައޮތެވެ.

ނޭމާގެ ބައްޕަ އަދި އޭނާގެ އެޖެންޓް، ނޭމާ ސީނިއާ ވަނީ، ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއުއާ ބައްދަލުކޮށް ނޭމާ އެނބުރި ބާސާއަށް ގެންދިއުމަށް ބާރު އަޅާފަ އެވެ.

"އޭނާ ޕީއެސްޖީގައި ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި، އަދި ވަރަށް ބޮޑަށް މާފަން އެދެން،" ބާޓެމެއު އާ ބައްދަލުކޮށް ނޭމާ ސީނިއާ ބުނި ކަމަށް ސްޕެއިންގެ އެލް މުންޑޯ ނޫހުން ރިޕޯޓް ކޯށްފައި ވެއެވެ. "ޕީއެސްޖީގައި އޭނާ މާޔޫސްވެފައި ހުރީ އެ ޓީމުގައި ރަނގަޅު ސްޕޯޓިން ޕްރޮޖެކްޓެއް ނެތުމުން."

ނޭމާ އަލުން ބާސާއަށް ގެންނަ ވާހަކަ ގަދަވެފައިވާ އަނެއް ސަބަބަކީ، މިދިޔަ ސީޒަންގެ މެދު ތެރޭގައި ލިވަޕޫލުން ބާސާއަށް ބަދަލުވި ފިލިޕޭ ކުޓީނިއޯގެ ކުޅުމާ މެދު ބާސާގެ މެނޭޖުމެންޓުން މާޔޫސްވެފައިވުމުންނެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ލިވަޕޫލު ދޫކޮށް ކުޓީނިއޯ ބާސާއަށް ބަދަލުވި ފަހުން އެ ޓީމުގައި އޭނާއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.