ހަބަރު

ރިލްވާންއަށް ވީގޮތް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ސުއޫދު

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި ބޭނުންވާ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައިވަނީ، މިއަދު ކުރެވޭ މަސައްކަތަށް ވަރަށް އުފާވާ ކަމަށެވެ. އަދި 2014 ވަނަ އަހަރުގެ އޮގަސްޓް ނުވަ ވަނަ ދުވަހު ކުރި ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ދެހާސް ސާދަ ވަނަ އަހަރގެ އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު ވަނީ ރިލްވާން އަށް ވީގޮތް ހޯދުމަށާއި އެމައްސަލާގައި ކަންކަން ހިނގާފައިވާ ގޮތާމެދު ސުވާލުއުފައްދައި ބޯޑްތަކެއް ހިފައިގެން، މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި ސުއޫދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ސުއޫދު ވަނީ އެދުވަހުގެ ބައެއް ފޮޓޯތައް ޓްވީޓްގައިވެސް ހިމަނާފަ އެވެ.

އެކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވެފައިވަނީ މަޝްހޫރު އިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އޮތީ ގުޅިފައި ކަމަށެވެ.

ރިލްވާން މައްސަލާގައި ދުވަސްވެ، މާހައުލު ބަދަލުވުމުގެ ސަބަބުން ކުރިން ނުބެލި ހުރި އާ ކަންތައްތަކެއް ބަލަން ފެށިފައި އެބަހުރި ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން ކުރިން ނުބެލޭ މައުލޫމާތުތަކަށް މިހާރު ވާސިލުވެފައި އެބަހުރި ކަމަށާއި އެކަންކަން ފުލުހުން ރަނގަޅަށް ހިއްސާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެ މައްސަލަތައް ކުރިން ހީކުރި މިންވަރަށް ވުރެ އަވަހަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ބައެއް ބާރުތައް ނުލިބި ހުރުމާ ގުޅިގެން ގޮންޖެހުންތަކެއް ހުރި ކަމަށާއި ނަަމަވެސް އަންނަ އަހަރު އޭޕްރިލް މަހު ހުރިހާ މައްސަލައެއް ތަހުގީގުކޮށް ނިންމާނެ ކަމަށް ވެސް ސުއޫދު ވިދާޅުވެފައި ވެއެވެ.