ހަބަރު

އެމްޑީޕީ ޕްރައިމަރީގައި މިނިސްޓަރުން ވޯޓް ފޮށި ބަލަހައްޓަނީ

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ފައިނަލް ކުރަން ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި މިނިސްޓަރުން ވޯޓް ފޮށި ބަލަހައްޓާގޮތަށް އެޕާޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ހުުކުރު ދުވަހު އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ޕްރައިމަރީގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުން ފެށިގެން އެންމެހާ އިސްވެރިން ބައިވެރިވާނެކަމުގައި އެމްޑީޕީގެ އިންތިހާބީ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީ އިން ބުނީ، ޕްރައިމަރީފައި ޕާޓީގެ އިސްވެރިންނާއި ދާއިރާތަކުގެ ރައީސުން ކުރިމަތިލައްވާފައިވާތީއާ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާފައިވާތީވެ، އެހެން ފަހަރުތަކަށްވުރެ ވޯޓު ފޮށި ބަލަހައްޓާނެ މަސްއޫލުވެރިން ނެގުމުގައި އިންތިހާބީ ކޮމިޓީއިން އިތުރު ސަމާލުކަމެއް ގެންނަންޖެހޭކަމަށެވެ.

އެގޮތުން ކޮމިޓީން ނިންމާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުން މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިކުރުމަށް ކަމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭނެ 10 ދާއިރާގެ ކެންޑިޑޭޓުންވެސް ޕްރައިމަރީގެ ކަންކަމުގައި މަޝްއޫލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޑީޕީ އިން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މި ފަހަރު 269 ފޮށި ބަހައްޓަ އެވެ. އެގޮތުން އޮފިޝަލުންގެ ގޮތުގައި 636 ފަރާތެއް އަދި އޮބްޒާވަރުންގެ ގޮތުގައި 1192 ފަރާތެއް ފޯމު ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުންޏެވެ.