ވާހަކަ

އީޝަލް

(10 ޖެނުއަރީ 2019 އާ ގުޅޭ)

"ރައުލްގެ މަންމަގެ ވާހަކަ ނުދައްކަނީ ކީއްވެ؟ ކޮބާ މަންމަ" އީޝަލް އަހާލިއެވެ.

"ހިނގާ ދަމާ" ރައުލް ބުންޏެވެ. އަދި އޭނާގެ އުނގު ތެރެއިން އީޝަލް އުފުލާލަމުން ތެދުވިއެވެ.

"ފަތިސްވުމާ ދެމެދު އަދި ވަގުތު އެބައޮތް، އެހިސާބަށް ދެވޭނެ" ރައުލްގެ ހަރަކާތްތައް ދެނެގަންނަން މަސައްކަތްކުރަމުން އީޝަލް ބުންޏެވެ. ކުރިއަށް ނުކުމެ ހުރި ރައުލް މަޑުމަޑުން އައިސް ހޮހޮޅައަށް ވަދެވެން ހުރި ދިމާގައި މަޑުކޮށްލިއެވެ. ދެއަތް އުރާލައިގެން ހުރެ އޮއެދެމޭ ކޯރާއި އެ ކޯރުގެ އައްސޭރިފަށުގައި ތިރިތިރިކޮށް ހެދިފައި އޮތް ގަސްތަކަށް ރައުލްގެ ނަޒަރު ހުއްޓާލެވިފައި ވިއެވެ.

"އަހަރެން ކުރި ސުވާލުން ރައުލްގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެ، ތި އުޒުރުވެރިވާ ސަބަބު ބުނެވެންނެތިއްޔާ ދެން އިތުރަށް އެ ވާހަކައެއް ނުދައްކާނަން" އީޝަލްގެ ދުލުން ހާމަކުރީ އޭނާގެ ހިތުގައި އޮތް އެއްޗެއްނޫނެވެ. ޙަޤީޤަތަކީ ރައުލްގެ މަންމަގެ ވާހަކަ އޭނާ ނުދައްކާ ސަބަބެއް އެނގެން އީޝަލް ނުހަނު ބޭނުންވެފައި ހުރިކަމެވެ. އެ ވާހަކަ ނުދެއްކެންވީ ސަބަބެއް އެއްގޮތަކަށް ވެސް އީޝަލްގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ޚުދު އޭނާގެ މަންމަގެ ވާހަކަދެއްކުމަކީ ވެސް ފަސޭހަކަމެއްނޫނެވެ. އެހެންނަމަވެސް ރައުލްއާ ދެމެދު ކުރިއަށް ގެންދަން ބޭނުންވާ ގުޅުމަށް ޓަކައި އެކަކުއަނެކަކުގެ ޙަޤީޤަތް އެނގިފައި އޮތުން މުހިންމުކަމުގައި އީޝަލްއަށް ޤަބޫލުކުރެވެއެވެ. މަންމަ މިޝަލްގެ ވާހަކަ ރައުލްއަށް ކިޔައިދިނީ އެހެންވެއެވެ. އީޝަލް މަޑުމަޑުން އައިސް ރައުލްގެ ކަނާއަތްފަރާތުގައި މަޑުކޮށްލިއެވެ.

"އީޝަލް..." އިރުކޮޅަކު ހުރެފައި ރައުލްގެ ގާތުގައި ހުރި އީޝަލްއާ ދިމާއަށް އެނބުރިލައި އޭނާގެ ދެ އަތްތިލައިގައި ރައުލް ހިފާލިއެވެ.

"މަންމަ... އަހަރެންގެ މަންމަގެ ވާހަކަ އެހެން ފަހަރަކުން ކިޔައިދޭނަން، އީޝަލްއަށް ކަމެއް ފޮރުވާކަށް ނެތިން، އެކަމަކު އެ ވާހަކަދައްކަން އަހަންނަށް އުނދަގުލީ" އީޝަލްއަށް ބަލަން ހުރެ އޭނާގެ ކޯތާފަތުގައި ރައުލް ލޯތްބާއެކު ފިރުމާލިއެވެ. ރައުލް ބުނި އެއްޗެއް ޤަބޫލުކުރެވޭކަން އަދި އެކަމާ އެއްބަސްވުމުގެ ގޮތުން އީޝަލް ބޯޖަހާލިއެވެ.

"ދެން ހިނގާ" ރައުލްއާ ގާތަށް އީޝަލް ދަމާލަމުން އޭނާގެ ބޮލުގައި ބޯޖައްސާލައި ރައުލް ބުންޏެވެ.

"ކާކައްތޯ ކުރިން ދެވެނީ" ލާނެތް ހިނިތުންވުމަކާއެކު އީޝަލް ބުންޏެވެ. އެހިނދު ރައުލްއަށް ވެސް ހީނލެވިއްޖެއެވެ. ބޯޖަހާލަމުން އީޝަލްއާ އެއްބަސްވެލިއެވެ.

ފަރުބަދަމަތިން ފައިބަން އުޅުނު ރައުލްގެ އަތުގައި އީޝަލް ހިފެހެއްޓިއެވެ. އަދި ރައުލްގެ ގައިގާ އޭނާ ބައްދާލިއެވެ. ރައުލްއަށް ހީވީ އެނބުރިދާން އުޅޭތީ އީޝަލްގެ ފަރާތުން ފެނުނު ޢަމަލެއްކަމަށެވެ. ނަމަވެސް ދާދި ކުޑަވަގުތުކޮޅެއް ތެރޭ އީޝަލްގެ ދެ ވަރަށް ހުޅުވިގެން ދިއުމާއެކު ވައިއަޅާލި އަޑު އިވިގެންދިޔައެވެ. އެ ސިފައިގައި އީޝަލް ފެނުމުން ރައުލް އާޝޯޚުވެ ބަސްހުއްޓޭ ގޮތް މިފަހަރު ވެސް ވިއެވެ. އެހާ ގާތުން އީޝަލްގެ ދެ ވަރަ ފެނުމުން އެ ވަރައިން ފާޅުވާ އަލިކަމުގެ ތެރެއިން ރަންކުލައެއް ފާޅުވާހެން ވެސް ރައުލްއަށް ހީވިއެވެ. އީޝަލްގެ ވަރައިގައި އަތްލަން ރައުލް ހިތަށް އެރިއެވެ. ނަމަވެސް ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އީޝަލްއާއެކު އޭނާ ވެސް މައްޗަށް އަރަން ފެށިކަން އިޙްސާސް ކުރެވުނެވެ.

"އީޝަލް" ކުއްލި ސިހުމަކާއެކު ރައުލްއަށް ގޮވާލެވުނެވެ.

"ކޯރުގެ އައްސޭރިފަށާ ހަމައަށް އަހަރެން ރައުލް ގެންގޮސްދޭނަން" ހިނިތުންވުމަކާއެކު އީޝަލް ބުންޏެވެ. ރައުލްއަށް އެކަންވީ އާކަމަކަށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ކުޅަދާނަ ބާރުގަދަ ޖިންނިއެކެވެ. އަންހެނެއްގެ އެހީތެރިކަމެއް އޭނާއަށް ހޯދާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ. ނަމަވެސް އީޝަލްއާ ބައްދަލުވީފަހުން އޭނާ ކޮސްވެއްޖެއެވެ. ޤަބޫލުކުރާ ކަންކަމާއި ވިސްނުމުގެ ދާއިރާ ފުޅާކުރަން ޖެހިފައިވެއެވެ. އެ ހުރިހާކަމަކާއެކު ވެސް ރައުލްއަށް އީޝަލްގެ ކުޅަދާނަކަން ކަމުދިޔައެވެ. މުސްތަޤުބަލާމެދު ކުރެވޭ ޚިޔާލުތައް ފޮންޏެވެ. އޭނާއަށް ބޭނުންވަނީ އީޝަލް ފަދަ އަނތްބެއްކަމުގައި ރައުލްގެ ޟަމީރު ވެސް އެއްބަސްވެއެވެ.
ކޯރުގެ ދިޔަރެހަށް އީޝަލް ތިރިވެލުމާއެކު ރައުލް ބެހެއްޓިއެވެ. އޭނާ ފެނުގައި ޖެހެން ބޭނުންނުވާތީ ހުރީ ފައި ކުރުކޮށްލައިގެން ދެ ވަރައިގެ އެހީގައި ވައިގެ ތެރޭގައެވެ. ރައުލް ކޯރުގެ ތެރެއަށް ފައިބައިގެން ދާތަން ބަލަން އިރުކޮޅަކު އީޝަލް މަޑުކޮށްލިއެވެ. ފެންގަނޑުގެ ތެރެއަށް ރައުލް ފީނައިގަތުގެ ކުރީން އޭނާގެ ވަށައިގެ ރެދަން ކެނޑެން ފެށުމާއެކު އެ ހަށިގަނޑުގައި ވެސް ރެދަން ލަމުންދިޔައެވެ. އަދި އެ އިސްތަށިގަނޑު ތެމުމާއެކު ވާހައްޕަޅަ ފަދަ އެވެ. ދަތުރުފަށަން ރައުލް ތައްޔާރުކަން އަންގާލީ އާގަމަވެފައި އޭނާއަށް ބަލަން ހުރި އީޝަލްއާ ދިމާއަށް ފެންފޮޅާލަމުންނެވެ. މޫނަށް އަތްހުރަސްކޮށްލުމާއެކު އީޝަލްގެ ހުނުމުގެ އަޑު އެ ހިމޭން ވާދީގެ ތެރެއަށް ފެތުރިގެން ދިޔައެވެ. ދެވަރަ ތަޅުވާލުމާއެކު އުހަށް އީޝަލް އެރިއެވެ. މިލަހަނދުވަރުގެ އަލީގައި ވެސް އުޑުމަތީގައި އުފެދުނު ވައިދުނި ސާފުކޮށް ފެންނަން ހުއްޓެވެ. އެއީ އީޝަލް ދަތުރުކުރާ ބާރުމިނުގެ ލިސާނެކެވެ. އޭރު ހަމަ އެ ބާރުމިނުގައި ކޯރުގެ ތިލަވެފައި އޮތް ފެންގަނޑުގައި އާދަޔާ ޚިލާފު އޮއެވަރެއް އުފެދިއްޖެއެވެ.

* * * * *

ހޭލެވުނު ލުގަލްބަންދާއަށް ރޭގެ ނިދިން އަރާމުކަމެއް އިޙްސާސެއް ނުކުރެވުނެވެ. އޭނާއަށް ޚާއްޞަ ކުރެވިފައި ހުރި ކޮޓަރިން ނުކުމެ ބޭރު ބަލާލިއިރު އަދި އިރުއަރާނޭ އިރެއް ނޭނގެއެވެ. ވިސްނުމަކަށް ގެއްލި ހުރެ ލުގަލްބަންދާއަށް އައިސް މަޑުކޮށްލެވުނީ އީޝަލްގެ ކޮޓަރި ދޮރުމަތީއެވެ. އޮޅިބުޑުގައި ބަނޑުޖަހާލަން އުޅެފައި ވެސް ޒިޔަޒެލްގެ ވާހަކަތައް ހަނދާންވެ އެ ތަނުގައި މަޑުކުރާކަށް ލުގަލްބަންދާއަކަށް ނުކެރުނެވެ. ނުކުތީ އެ ކޮޓަރިއާ ދިމާވާ ގޮތަށް އޮންނަ އިރުމަތީ ފެންޑާއަށެވެ. އެއްފަރާތުގައި ހުރި ގުޅިއެއްގެ ކައިރީ ހިކިފަނުގެ ކުނަލެއް އޮތެވެ. އޭތި އަނގައިން ދަމަމުން ގެނެސް ފެންޑާގެ ތަޅުމުގައި ފަތުރައި ލުގަލްބަންދާ އޮށޯތެވެ. އާފުރިލުމާއެކު އަނގައިގައިވާ ބޮޑެތި ކޮޅުތޫނު ދަތްތަކާއި ދިގު ދޫ ހާމަވެގެންދިޔައެވެ. މަޑުމަޑުން ލުގަލްބަންދާގެ ނަޒަރު ހުއްޓުނީ ހާމައަށް އޮތް އުޑަށެވެ.

"އީޝަލް... އީޝަލް" ހިތުގެ ދުލުން ލުގަލްބަންދާ ތަކުރާރުކޮށް ކިޔާލިއެވެ.

"އަހަރެންގެ އަސްލު ސިފައިގައި އީޝަލްއާ ބައްދަލުކޮށްފިނަމަ އޭނާގެ ޚިޔާލު ބަދަލުވެދާނެތަ، އޭރުން ވެސް މީކާޢިލް ރުހޭނޭހެން ހިޔެއްނުވޭ، އޭނާ އެ ދިޔައީ ކޮންކަމެއް އެނގޭނެކަމަށް، ހުރިހާ ހަޤީޤަތެއް ވަނީ ފޮރުވިފައި... އިންސާނުންވަނީ ދުނިޔެއަށް ދަހިވެތިވެ މަގުފުރެދިފައި، އީޝަލްއައީ އެ އިންސާނުންގެ ތެރެއިން، އެހިތުގައި ކިލަނބުކަމެއްނުވޭ، އީޝަލްގެ މަންމަ ދުނިޔޭގައި ހުރިނަމަ އަހަރެން ވެސް އޭނާ ދުށުމަށް ދިޔައީމުސް، ޔަގީނުން ވެސް އެއީ ޚާއްޞަ އިންސާނަކަށްވާނެ، ފަހަރެއްގައި އީޝަލް ފަދައިން އޭނާ އަހަރެން ބަލައިގަނެދާނެ" ލުގަލްބަންދާއަށް ވިސްނެމުންދިޔަ ކަންކަމާ ގުޅުވައި އަމިއްލަ ހިތާއި ޟަމީރަށް ސުވާލުކުރިއެވެ. ނަމަވެސް އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނެވެ.

"ކަނޑުގެ މާރިދުންގެ ބައިގަނޑަށް އީޝަލް ޝައުގުވެރިވާންވީ ކީއްވެ؟... އެ ރައުލް... ޚާއްޞަކޮށް އޭނާ... އޭނާގެ ނިޔަތް ރަނގަޅެއްނޫން، އެކަމަކު އީޝަލް... އަހަރެން އޭނާއަށް މަނާކުރާނީ ކިހިނެއް، މި ހުރިހާ ވެސް ކަމަކީ ޒިޔަޒެލްގެ ކަންތައް، އޭނާ ޖެހޭ ހުރިހާކަމެއް ބަލަން، ޒިޔަޒެލް ކީއްވެތަ އެ ބައިގަނޑު ގެއަށް ވައްދަންވީ، މީކާޢިލް އެނބުރި އަންނަންވެއްޖެއެއްނު، އެތާގައި ހުއްޓެއްކަމަކު އާރަމްއަށް ނޭނގުނު އެއްޗެއް ވަކި މީކާޢިލްއަކަށް ވެސް ނޭނގޭނެ، އޭނާ އަތުވެއްޖެނަމަ ޒިޔަޒެލްގެ އެ ނިންމުން ބަދަލުކުރުވާނެ، ޒުވާން އަންހެން ދަރިފުޅު އެ ބައިމީހުންނާ ހަވާލުކޮށް ނުފޮނުވާނެކަން ޔަގީން، އަހަރެންގެ ގާތުން އީޝަލް ރައްކާތެރިކޮށްދީ އޭނާ އެ މީހުންނާ ދުރުގައި ބެހެއްޓުމަށް އޭނާ އެދޭނެ... އޭރުން އީޝަލް ހުންނާނީ އަހަރެންގެ ގާތުގައި" އުތުރިގަތް ޚިޔާލުން ލުގަލްބަންދާއަށް ހިނިތުންވެވުނެވެ. އެހެންއޮއްވައި އޭނާގެ ތޫނު ކަންފަތަށް އީޝަލްގެ ކޮޓަރިތެރެއިން އަޑުފަށްގަނޑެއް އިވުނެވެ. ހަމައެއާއެކު ނޭފަތުގައި ޖެހުނު ވަހުން އޭނާގެ ޚިޔާލުތައް ބުރިބުރިވެ ނަފްސުގެ ހަމަޖެހުން ވަގުތުން ގެއްލުނެވެ. އޮތްތަނުން ފުންމައިގެން ތެދުވި ގޮތަށް ލުގަލްބަންދާ އެނބުރިލީ އީޝަލްގެ ކޮޓަރިއާ ދިމާއަށް ދާށެވެ. ނަމަވެސް ދުވައިގަތް ފަރުހަކި ވަސްގަނޑުން އޭނާގެ ނޯއް ދިއްކުރަމުން ދެވުނީ ބޭރު ފެންނަ ހިސާބަށެވެ. އޭނާގެ ލޮލުގައި އަޅައިގަތުމުގެ ކުރީން އަނދިރިގަނޑުގެ ތެރެއަށް މީހަކު ގެއްލުނުތަން ފެނުނެވެ. ނަމަވެސް އެ ޖިންނިއެއްގެ ކުޅަދާނަކަމުން އެއީ ކާކުކަމެއް ލުގަލްބަންދާއަކަށް ވަތްކެއްނުވިއެވެ.

"ރައުލް..." ދުވައިގެން ވަހުން ހިތުލަފަޔަށް ލުގަލްބަންދާގެ ސިކުނޑި ތެރޭ އެ ނަން އެނބުރިގަތެވެ. ދަތްތައް ޖައްސައިގެން އޮވެ ކަރުބުޑުން ލުގަލްބަންދާ ނެރެލީ ނުރުހުމުގެ އަޑެކެވެ. އޭނާ އެނބުރިލުމާއެކު ދެން ފެނުނީ އީޝަލްގެ ކޮޓަރީ ދޮރުމަތީ ހުއްޓައެވެ.

"އީޝަލް... އީޝަލް... ހޭލާތަ؟... އީޝަލް... ކޮންއަޑެއް އެ އިވުނީ" ދޮރުމަތީ އޮވެ ލުގަލްބަންދާ ވާހަކަދެއްކީ ހަމައެކަނި އީޝަލްއަށް އަޑުއިވޭނޭހެންނެވެ. ގިނައިރެއްނުވެ އީޝަލް އައިސް ކޮޓަރި ދޮރުހުޅުވާލިއެވެ. އެހިނދު ލުގަލްބަންދާއަށް ފަހަތަށް ޖެހިލެވުނީ އީޝަލްގެ ގައިން ދުވި ވަހުންނެވެ. އެ ހަށިގަނޑުގައި ހުންނަ ވަސް ވަނީ އެހެންވަހަކާއި އެއްވެ ގަޑުބަޑުވެފައެވެ. ބޭއިޚްތިޔާރުގައި ލުގަލްބަންދާއަށް އަޑުލައްވާލެވުނެވެ.

"އަޑުގަދަ ނުކޮށްބަލަ ލުގަލް، ޒިޔަޒެލް ހޭލީތަ؟" ހާސްކަން ވެރިވެފައި ހުރި ފަދައިން އީޝަލް ވާހަކަދެއްކީ ދޮރުން ބޭރަށް ބޯދެމުންނެވެ.

"އީޝަލް" ފެންނަމުންދިޔަ އީޝަލްއަށް ބަދަލުތަކެއް އަތުވެއްޖެހެން ހީވެ އެ ހައިރާންކަމުގައި އަނެއްކާ ވެސް ލުގަލްބަންދާއަށް ގޮވާލެވުނެވެ. އަދި އީޝަލްގެ ކޮޓަރިއަށް ބޯދިއްކުރަން ފެށިއެވެ.

"އެއީ އެއްވެސް އަޑެއްނޫނޭ، އަހަންނާ ހެދި ލުގަލްގެ ނިދި ހަލާކުވީމަ މަޢާފުކުރޭ، އަހަރެން ނުކުންނާނަން ޒިޔަޒެލް އައީމަ" އީޝަލް ބުންޏެވެ. އަދި ނިކަން އަވަހަށް އެނބުރި ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ. އެއާއެކު ލުގަލްބަންދާ ނޯށުން ކުރު ނޭވާތަކެއް އަވަސްއަވަހަށް ބޭރުކޮށްލިއެވެ. އަދި ދެފަރާތަށް ބޯހޫރުވާލީ މިވަނީ ކިހިނެއްކަން ނަގައިގަންނަން ދަތިވުމުންނެވެ.

"އީޝަލް ބޭރަށް ނުކުތީތަ؟" ލުގަލްބަންދާގެ ހިތުގައި ސުވާލު އުފެދުނެވެ.

* * * * *

ދުވަސް ފެށި މެންދުރަށް އެނބުރިއިރު ވެސް އީޝަލްގެ ފަރާތުން ތަފާތުކަމެއް ލުގަލްބަންދާއަކަށް ފާހަގައެއްނުވިއެވެ. ނަމަވެސް އޭނާ ޒިޔަޒެލްގެ ގާތުން ތަފާތު ހުނަރުތައް އުނގެނުމަށް އިސްކަން ދިނެވެ. ޒިޔަޒެލްގެ ކުތުބު ޚާނާގައި ފިލާވަޅުތައް ދަސްކުރުމުގައި ވަގުތު ހޭދަކުރިއެވެ. އަސުރުން ފަސްވުމާއެކު ޒިޔަޒެލްގެ ގާތުން އަތިރިމައްޗަށް ދިއުމުގެ ހުއްދައަށް އީޝަލް އެދުނެވެ. އޭރު އޭނާ ހޯދަން ދާރިއުސް އައިސް ހުއްޓެވެ. ދާރިއުސްއާއެކު ރައުލް ވެސް ހުއްޓެވެ. ކުރީ ފަހަރަށްވުރެ އަވަހަށް މިފަހަރު ޒިޔަޒެލް އެއްބަސްވިއެވެ. އޭނާއާއި ރައުލްއާ ދެމެދު ކޮށްލި އިޝާރާތަކާއެކުއެވެ.

އީޝަލްއާއި ލުގަލްބަންދާ އައެވެ. ރައުލް ހުންނަނީ ދުރުގައެވެ. ކުރިން ދުވަހެކޭ އެއްގޮތަކަށް ރައުލްގެ ގާތަށް އިސްވެ ދިޔައީ އީޝަލްއެވެ. އޭނާއާއެކު ލުގަލްބަންދާ އައުން މަނާކުރުމަށްފަހުއެވެ. އީޝަލްއާ ވާހަކަދެއްކިއެއް ކަމަކު އޭނާއާ ރައުލް ގާތެއްނުވެއެވެ. އެހާ އަވަހަށް އެނބުރި ދާރިއުސް ގާތަށް ފޮނުވާ ވެސް ލައިފިއެވެ. އެ ދެ މީހުންގެ ހަރަކާތްތަކަށް ބަލަން ރާވިންއާއި ސޭމެސް ތިއްބެވެ. ހަތޯރު އުޅެނީ ދާރިއުސްގެ ގާތުގައެވެ. ލުގަލްބަންދާއަށް ހަތޯރުގެ ޝައުގުވެރިކަން ހުއްޓިފައި ހުރީއެވެ. ނަމަވެސް ލުގަލްބަންދާ ފެންނަނީ އެއިން އެއްވެސް ކަމަކާ ޝައުގުވެރިނުވާތަނެވެ. އޭނާގެ ނަޒަރު ހޯދަނީ އީޝަލްއެވެ.

"މިރޭ އަންނާނަންތަ؟" ސިއްރުން ކަހަލަ ގޮތަކަށް އީޝަލް އެއްސެވެ. ފޮނުވާލަން އުޅުމުން ވެސް ނުދާން ހުރި އީޝަލްއަށް ރައުލް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެ ބެލުމުގައި ސަމާސާގޮތެއް ހުއްޓެވެ. ހިނިތުންވެލި ނަމަވެސް ނިކަން އަވަހަށް ރައުލް އިސްޖަހާލިއެވެ. ހީވީ އެ ހިނިތުންވުން ފޮރުވަން ބޭނުންވަނީ ހެނެވެ.

"އަހަރެންނަށް އިންތިޒާރުކުރާނަންތަ؟" އިސްޖަހާލައިގެން ހުރެ ރައުލް ބުންޏެވެ.

"އަންނާނަންކަން ޔަގީންކޮށްދީ" އީޝަލް ހިނިތުންވެލިއެވެ.

"އަހަރެންނާއެކު އުޅެން އީޝަލް ތައްޔާރުކަން ޔަގީންތަ؟ އަދިވެސް އީޝަލް ވިސްނާލަން ބޭނުންވެދާނޭހެން ހީވެ އެ ފުރުޞަތު މިދެނީ، އަހަރެންގެ މީހަކަށް އީޝަލް ހެދުމަށްފަހު ދެން ދުލެއްނުކުރާނަން އިނގޭ، މުޅި އުމުރު ޖެހޭނީ އަހަންނާއެކު ދިރިއުޅެން" ކުޑަކޮށް ބޯއަރިކޮށް ކަތި ނަޒަރަކުން ރައުލް ބަލާލިއެވެ. އޭނާގެ އަނގަ ހަރަކާތް ނުކުރި ނަމަވެސް ރައުލްގެ އަޑު އީޝަލްއަށް އިވެއެވެ.

"ރޭގައި އަހަރެންގެ ހިތް އޮތްގޮތް ރައުލްއަށް ބުނެދެވުން ކަމަށް ހީކުރީ، ނޭނގޭނަމަ އަޑު އަހާ... އަހަރެން ހުރިހާ ގޮތަކުން ތައްޔާރު، ރޭގައި އަހަރެން ވަކިވެގެން އައީ އަހަރެންގެ ހިތާއި ފުރާނަ ވެސް ރައުލްއަށް ވަޤްފްކޮށްފައި، އެވަރުން ނުފުދޭތަ؟" އީޝަލްގެ ބެލުމުގައިވީ ޔަގީންކަމެވެ.

"މެންދަން ދެބައިވާންވާއިރަށް އަހަރެން ދާނަން" އީޝަލްއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ރައުލް ބުންޏެވެ.

އިރުއޮއްސުމުން ލުގަލްބަންދާއާއި އީޝަލް އެނބުރި ގެއަށް އައިއިރު އެ މީހުންނާއެކު ރައުލްއާއި އޭނާގެ ބައިވެރިން ވެސް އައެވެ. އީޝަލް ގެއަށް ވަނުމުން ރައުލްމެން އެނބުރި ފުއްޓަރު ފަރާތު އަތިރި މައްޗަށް އައެވެ. ރައުލް ކަމަކު ދާންޖެހިގެން ކަމުގައި ބުނެ އެކަނިމާ އެކަނި ފީނައިގަތެވެ. އޭނާ ދިޔައީ ކޮންތާކަށްކަމެއް އެކަކަށް ވެސް ނޭނގެއެވެ.

"އަހަރެން އެނބުރި ދާހިތެއްނުވޭ އެއްގޮތަކަށް ވެސް" ހަތޯރު ބުންޏެވެ.

"މި ހިސާބުގައި އަހަރެމެން ވަޒަންވެރިވުން ކިހިނެއްވާނެ" ދާރިއުސް އެއްސެވެ.

"ލާވީ އަހަރެން މަރާނެ، ދެން ހުރީ ބޭރީތު، އޭނާ ރައުލްއަށް އެފަދަ މިނިވަންކަމެއް ދީފާނޭހެން ހީވޭތަ؟" ރާވިން ބުންޏެވެ.

"ޒަގަން ހުންނާނެއެއްނު، މަންމަ ވެސް ބޭނުންވަނީ ބައްޕަގެ ހުރިހާ މިލްކިއްޔާތެއް ޒަގަންއަށް ލިބުން، އެހެންވީމަ ގަނޑުވަރާ ދުރުގައި ދިރިއުޅެން ރައުލް ފޮނުވާލުމުން ރަނގަޅެއްނުވާނީ، ބައްޕަ ގާތުގައި ޒަގަން ހުންނާނެއެއްނު" ހަތޯރުގެ ޚިޔާލު ހާމަކުރިއެވެ.

"ދެން ކަލޭ" ރާވިން އެއްސެވެ.

"އަހަރެން... އަހަރެން ރައުލްއާއެކު އުޅޭނީ، އޭނާ ދާ ކޮންމެތާކަށް އަހަރެން ދާނަން، މިހާރު ނޭނގެ ރައުލްގެ ކައިވެނި ހަމަޖެހެންވާއިރަށް މަންމަ ޒަގަންގެ ކައިވެނި ހަމަނުޖައްސާނޭކަމެއް ވެސް، އެކަމަކު އެ ފިރިހެނާއަށް އެންމެ އަންހެނެއް ނުފުދޭނެ، ގަނޑުވަރު ތެރޭ އުޅޭ ރީތި އެންމެ ކުއްޖެއް ވެސް އޭނާގެ އަތުން ސަލާމަތެއްނުވޭ، އެ މީހުން ވެސް މޮޔައީ" ހަތޯރު ފޫހިކަން ފާޅުކުރިއެވެ.

"މި އެނގުނީ ވާގޮތެއް... ގަނޑުވަރުތެރޭން ކުއްޖަކު ހަތޯރަށް ލިބޭގޮތް ނުވީ، އެކަމާ ހިތްދަތިވީ ދޯ... ޒަގަން އެ ރޮނގުގައި ވެސް މާކުރީގައި އެ އުޅެނީ" ރާވިން ދިމާކޮށްލުމުގެ ރާގުގައި ބުނެލިއެވެ. ހަތޯރު ވަގުތުން ވާހަކަދެއްކުން ހުއްޓާލުމާއެކު ބަލަން އިނީ ދެން އިތުރަށް އެއްޗެކޭ ނުބުނާނަމޭ ބުނާ ފަދައިންނެވެ. ރާވިން ވާހަކަ ބަދަލުކޮށްލި ގޮތުން ސޭމެސްއަށް ވެސް ހެވުނެވެ. އެއާއެކު އޭނާއަށް ވެސް ހަތޯރު ކަޅި އަޅާލިއެވެ.

"އަހަރެން ބޭނުން މަންމަ ގަނޑުވަރުން ގެންދަން، މަންމަގެ ޢާއިލާ ގާތަށް ގެންގޮސްދޭން" ރާވިންއާއި ހަތޯރުގެ ވާހަކައިގެ ތެރެއަށް ދާރިއުސް ވަނެވެ.

"ބޭރީތުއާ ހަނގުރާމައެއް ފަށަންތަ ތިއުޅެނީ" ރާވިން ލޯބޮޑުކޮށްލައި ހައިރާންކަން ފާޅުކުރިއެވެ.

"އަހަރެން މިވަރުވީއިރު ވެސް ބައްޕަ އަދިވެސް މަންމައާ ކައިވެންޏެއް ނުކުރޭ، ގަނޑުވަރުގައި އަހަރެން ހުރުމުގެ ބޭނުމެއްނެތް، އެ މީހުން އަހަރެން ބަލައެއްނުގަންނާނެ... އެ މީހުންނާ އަހަރެން އެއްވަރެއް ވެސް ނުވާނެ، އެތަނުގައި ރައުލް ނެތްނަމަ އަހަރެންނަކީ ބޭކާރު މީހަކަށްވާނެ" ދާރިއުސް ބުންޏެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ ގަނޑުވަރުގެ ތެރެއިން ބީރައްޓެހިކަން ނޫނީ ފެނިފައެއްނެތެވެ. ބޭރީތު ލޯބިން ގާތަށް ގެނެސް ވާހަކަދެއްކި ނަމަވެސް ބޭރީތު އެހެން ދަރީން ދާރިއުސް ބަހައްޓަނީ ބާކީ ކޮށްލާފައެވެ. އޭނާގެ މަންމައަށް ކުޑަ ވެސް ޤަދަރެއްނުކުރެއެވެ. ގަނޑުވަރުގައި ގެންގުޅޭ ޚާދިމެއް ފަދައެވެ. ބޭރީތަށް ދަރިއަކު އުފަންކުރިއިރު ވެސް އަނތްބެއްގެ ދަރަޖަ ދާރިއުސްގެ މަންމަ މަދުރާއަކަށް ނުދިނެވެ. ރައުލްގެ ހިޔަނިހެން އޭނާގެ ފަހަތުން ދާރިއުސް އުޅެންފެށީ އެފަދަ ތަފާތުކުރުންތަ ރައުލް ނުގެންގުޅޭތިއެވެ. އޭނާ ބޭރީތުއާއި އޭނާގެ އަނބިންނަށް ކުރާ އިޚްތިރާމު މަދުރާއަށް ވެސް ކުރެއެވެ. ދާރިއުސް ތަރުބިއްޔަތު ކުރުމުގައި ރައުލް އިސްރޯލެއް ކުޅެއެވެ. ރައުލްއަށް އެހާ ފަސޭހައިން ކިޔަމަންވަނީ ވެސް އެހެންވެއެވެ.

"ދާރިއުސް... ކަލޭ އެކަންޏެއްނުވާނެ، އަހަރެމެންނަކީ ކަލޭގެ ޢާއިލާ، އަހަރެންގެ ހިތް ބުނަނީ މަދުރާއާއި ބައްޕަ ކައިވެނި ނުކުރަން އެހުރީ އަހަރެންގެ މަންމަގެ ސަބަބުންނޭ، އެފަދަ ހުރިހާ ނިކަމެތިކަމެއްގެ އަސްލު ކަމުގައި އަހަރެންގެ މަންމަވޭ، އެ ސިފަތަކަށް އަހަންނަށް ފާޑުކިޔޭތީ މަންމަގެ ކުރިމައްޗަށް ނުދެވެނީ، ކޮންމެގޮތެއްވިޔަސް އެއީ އަހަރެންގެ މަންމަ، މައިން އެ މީހުންގެ ދަރީން އިސްކުރާނެ އަނެކާގެ ދަރިއަށްވުރެން، އަހަރެންގެ މަންމައަށް ވެސް އެވަނީ އެހެން" ހަތޯރު ބުންޏެވެ.

"ކަސްދިޔާގެ ރޭވުންތަ މޮޅުވާހަކައާއި ރައުލްގެ މަންމަގެ ދުނިޔޭގައި ގަނޑުވަރު ދެބައިވި ކަމުގައި އެހެންއުޅެލާފައި ލާވީ ބުނާނެ، ބޭރީތުގެ ހުރިހާ އަނބިންގެ ތެރެއިން ވެސް ކަސްދިޔާ އެންމެ ނަފުރަތުކުރިކަމަށްވަނީ ރައުލްގެ މަންމައަށް، އޭނާގެ ބުރަކަށީގައި ހުރި ލަފުގެ ވާހަކަ އެއީ ލާވީ ކިޔައިނުދޭން ހުރި ވާހަކައެއް، ގަނޑުވަރުތެރޭގައި ހިނގާފައި ކަންތައްތަކުގެ ވާހަކަދައްކާއިރު ވެސް އޭނާ އޮޅިގެން ވެސް ނުދައްކާނެ ވާހަކައަކަށް އޮތީ ރައުލްގެ މަންމަ، ޖިލައްޔާގެ ވާހަކަ، އެ ނަން ވެސް ނުގަންނާނެ" ސޭމެސް ބުންޏެވެ.

"އަހަރެން އެހީމާ ވެސް ބައްޕަ އެކަމަށް ވަކި ޖަވާބެއް ނުދޭ، މާ ކަންތައް ބޮޑުކޮށްލައިފިއްޔާ ބުނާނެ، ބައެއްކަންކަން އެނގުމަށްވުރެ ނޭނގުނިއްޔާ ރަނގަޅުވާނޭ، އެހެންނޫނަސް އެއީ މާޒީވެ ގޮސްފައިވާ ދުވަސްތަކެކޭ" ރާވިން ބުންޏެވެ.

"އަހަރެންގެ މަންމަތަ ރައުލްގެ މަންމަގެ މަރުގެ ފަހަތުގައިވީ" އިރުކޮޅަކު އިނދެފައި ހަތޯރު އެއްސެވެ. އެއާއެކު ރާވިން ބަލާލީ އެ މީހުންގެ ތެރޭގައި އިން ސޭމެސް އަށެވެ.

(ނުނިމޭ)