ދިވެހި ބަހުގެ ރަދީފުގައި ތަރައްގީގެ މާނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ބަދަލު ކުރަން ޖެހޭ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގެ މުއައްސިސް އަބްދުއްރަހީމް އަބްދުލްﷲ ވިދާޅުވެއްޖެ އެވެ.
ކޮންގްރަސް ޕާޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރީ ސަރުކާރުން ގެނައި ތަރައްގީއާ ގާތަށް ވެސް މި ސަރުކާރުން ތަރައްގީ ނުގެނެވޭނެކަން ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކަށަވަރުވެފައިވާ ކަމަށެވެ. ތަރައްގީއޭ ބުނުމުން ރައްޔިތުންނަށް ސިފަ ވެގެން ދާނީ ޔާމީން ކަމަށާއި ރަދީފުގައި އެ ބަހުގެ މާނަ ގޮތުގައި ޔާމީން ހިމަނާފައި ބާއްވަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ތަރައްގީ މި ބަސް ރަދީފުގައި ހިމަނާލާފައި މިހާރު ބާއްވަން މި ޖެހެނީ އެއީ ރައީސް ޔާމީން ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ތަރައްގީއަކީ ބޮޑެތި ބްރިޖު އެޅުމާއި 25 ބުރީގެ އިމާރާތްތައް ހެދުމާއި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެން ދިޔަ ބޮޑެތި މަޝްރޫއުތަކަކީ ބަގީޗާތަކާއި މުއައްސަސާތަކުގެ ނަން ބަދަލު ކުރުމާއި ފޯމްތައް ބޭއްވުން ކަމަށެވެ. ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީގެ އެއްވެސް މަޝްރޫއެއް ސަރުކާރުން ހިންގާފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީންއަކީ ރާއްޖޭގެ ތަރައްގީގެ ބާނީކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ހެއްކަކީ ރަށްރަށަށް ވަޑައިގެން ބްރިޖު އަޅުއްވާ ވާހަކަ ދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މިއޮތް ސަރުކާރަކީ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދޭނެ ސަރުކާރެއް ނޫން ކަން ރައްޔިތުންނަށް އެނގޭ، ސަރުކާރު ޖަވާބުދާރީކުރުވާ ޒިންމާދާރު ކުރެވޭނީ އަޅުގަނޑުމެންނަށް މަޖިލީހުގައި މެޖޯރިޓީ ދީގެންކަން އެނގޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮންގްރަސް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އަބްދުއްރަހީމް އުފައްދަވާފައިވާ އިރު އޭނާ ވިދާޅުވާ ގޮތުން އެއީ ރައީސް ޔާމީންގެ ޕާޓީއެކެވެ. އަދި އެމަނިކުފާނު ގޮތެއް ނިންމެވުމަށް ފަހު، އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ތަން ފެނިގެން ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.