ކުޅިވަރު

ޗެސް އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލަ ހޫނުވެއްޖެ

ރާއްޖޭގެ ޗެސް އެސޯސިއޭޝަން އިންތިހާބުގެ މައްސަލަ ހޫނުވެ، އިންތިހާބު ކެންސަލް ކޮށްފި އެވެ.

މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓުނު ޗެސް އެސޯސިއޭޝަންގެ މައްސަލަތައް ހައްލު ކުރުމަށް ސްޕޯޓްސް ކޮމިޝަނަރުން އެކުލަވާލީ، ނޯމަލައިޒޭޝަން ކޮމިޓީގެ މައްދަތުވެސް މިއަދު ހަވީރު 6:00 ގެ ނިޔަލަށް ހަމަވާނެ އެވެ. ރޭ ސޯޝަލް ސެންޓަރުގައި ބާއްވަން އުޅުނު އިންތިހާބަކީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އިންތިހާބު އެއްވަރުވުމުން އަލުން ބާއްވަން މަސައްކަތް ކުރި އިންތިހާބެވެ.

ރޭގެ ބާއްވަން އުޅުނު އިންތިހާބު ހޫނުވީ، އިންތިހާބުގައި ވޯޓުލާން ހަމަޖެހިފައިވާ ހަތަރު ކުލަބުގެ ތެރެއިން ޑީއެސް ސްޕޯޓްސް ކުލަބުގެ ނަން އުނި ކުރުމުންނެވެ. އެޔާއެކު އެ ކުލަބުގެ ބައެއް އޮފިޝަލުންނާއި އެ ކުލަބުން ތާއިދު ކުރާ ކެންޑިޑޭޓް ވަނީ އެ މައްސަލަ ފެންމަތި ކޮށްފަ އެވެ.

އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރީ، ހުސައިން ޝިއާން އާއި މުހައްމަދު ރިލްވާން އެވެ. އިންތިހާބުން ވޯޓުލުގެ މަރުހަލާއިން ޑީއެސް ކުލަބު ޑިސްކޮލިފައި ކުރުމުން، އެ ކުލަބުން ވަނީ އިންޓަރިމް ކޮމިޓީގެ މައްޗަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

"އިންޓަރިމް ކޮމިޓީގެ ދައުރު ހަމަވާއިރު ވެސް އިންތިހާބު ނުބޭއްވިޖެނަމަ އިންޓަރިމް ކޮމިޓީ ފެއިލްވީ، އަނެއް ކަމަކީ އިންޓަރިމް ކޮމިޓީން ވަކި ކެނޑިޑޭޓެއް ހޮވަން ބޭނުންވީމަ މި ކުލަބު [ޑީއެސް ސްޕޯޓްސް ކުލަބު] ޑިސްކޮލިފައި ކުރީ." ނަން ހާމަ ކުރަން ބޭނުންނުވާ ކަމަށް ބުނެ ވާހަކަ ދެއްކި ޑީއެސް ކުލަބުގެ އޮފިޝަލަކު ތުހުމަތު ކުރި އެވެ.

އެހެންނަމަވެސް އިންޓަރިމް ކޮމިޓީގެ ޗެއާމަން އަދި ޓީސީ ސްޕޯޓްސް ކުލަބު ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް މުހައްމަދު ނިޒާމް ބުނީ، އިންތިހާބު ދެ ފަހަރެއްގެ މަތިން ބޭއްވުމުން ވެސް އެއްވަރުވެ އަލުން އިންތިހާބު ބާއްވަން ތައްޔާރުވިއިރު، ހުރިހާ ކުލަބަކުން ހުށަހަޅާފައިވާ ޑޮކިޔުމެންޓްސްތައް ބެލިއިރު ޑީއެސްއެސް ކުލަބުން ހުށަހަޅާފައިވާ ޑޮކިޔުމެންޓްސްތަކުގެ މައްސަލައެއް އުޅޭކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ކުލަބުތަކުން ހުށަހަޅާފައިވާ ޑޮކިޔުމެންޓްސްތައް ބެލިއިރު އެ ކުލަބުން ހުށަހަޅާފައިވާ ޑޮކިޔުމެންޓްސްތަކުގައި މައްސަލައެއް އުޅޭކަން ފާހަގަ ކުރެވުނު،" ނިޒާމް ބުންޏެވެ. "އެހަންވެ އިންތިހާބުގެ ކުރިން އެ މައްސަލަ އެ ކުލަބުގެ ސަމާލުކަމަށް ގެނެސްފައި ވަނީ."

ޑީއެސްއަށް ވޯޓުލުމުގެ ފުރުސަތު ގެއްލޭ މައްސަލަ ހުރިނަމަ، އެ ކުލަބުން ވޯޓް ދީގެން ފާސް ކުރި އަސާސީ ގަވާއިދު ވެސް ސައްހަ ވާނެ ކަމާމެދު ވެސް އެ ކުލަބުން ސުވާލު އުފެއްދި އެވެ.

"އިންޓަރިމް ކޮމިޓީން ބުނަނަނީ މި ކުލަބުން ހުށަހެޅި ޑޮކިޔުމެންޓްސްތައް ފުރިހަމައެއް ނޫނޭ،" އޮފިޝަލް ވާހަކަ ދެއްކި އެވެ. "އަސާސީ ގަވާއިދުވެސް ފާސް ކުރީ އެ ކުލަބުން ވޯޓް ދީގެން އެހެންވިއްޔާ އެ ވޯޓު ވެސް ސައްހަ ވެގެން ނުވާނެ."

އިންޓަރިމް ކޮމިޓީގެ މުއްދަތު ހަމަވާއިރު، ދެން އެކަމަށް ގޮތެއް ނިންމުމުގެ ބާރު ލިބޭނީ ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރަށެވެ.