ހަބަރު

ޕީޕީއެމް ލިބުނަސް އަނބުރާ ނުދާނަން: އަބްދުއްރަހީމް

ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމްގެ މިލްކުވެރިކަމާ ބެހޭ މައްސަލާގައިއެ ޕާޓީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ދިނުމަށް ކޯޓުން ނިންމިޔަސް އަލުން ޕީޕީއެމްއަށް އަނބުރާ ވަޑައިނުގަންނަވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އާންމު މެންބަރަކު އެ ޕާޓީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ހަވާލު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނެގި ފަހުން އެ މައްސަލާގެ އަޑު އެހުމެއް ނުބާއްވަ އެވެ. ޕީޕީއެމްގެ ލީޑާޝިޕުން އާ ޕާޓީއެއް އުފައްދައިގެން ކުރިޔަށް ދާން ނިންމީ ވެސް އެ މައްސަލާގައި ގޮތެއް ނުނިންމި ދިގުލައިގެން ދާތީ އެވެ.

ކޮންގްރަސް ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަށް އިޝާރަތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ މިލްކުވެރިކަމާ ބެހޭ މައްސަލަ ކުރިޔަށް ގެންގޮސް އެ ޕާޓީ ޔާމީންއާ ހަވާލު ކުރިޔަސް އަލުން ޕީޕީއެމްއަށް އެނބުރި ވަޑައިނުގަންނަވާނެ ކަމަށެވެ. އާ ޕާޓީއެއް އުފެއްދުމަށް ރަޖިސްޓްރީ ވެއްޖެ ނަމަ އެ ޕާޓީގައި ތިބެގެން ކުރިޔަށް ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމް އުފެއްދިޔަސް އަޅުގަނޑުމެން ނުޖެހޭނެތާ ދާކަށް އަޅުގަނޑުމެން މިހާރު އާ ޕާޓީއެއް ހަދައިގެން މިތިބީ، މި ޕާޓީ ރަޖިސްޓްރީ ވެއްޖެއާ ތިބޭނީ މި ޕާޓީގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުން އެފަދަ ނިންމުމެއް ނިންމަވައިފި ނަމަ ރައީސް ޔާމީންއަށް ތާއީދު ކުރާ އިތުރު ޕާޓީއެއް ވެސް އޮންނާނެ ކަމަށެވެ. އަދި އޭރުން ޕީޕީއެމްއާއެކު ކޯލިޝަން ހަދައިގެން ކުރިޔަށް ދާނެ ކަމަށާއި ޑީއާރްޕީއާއެކު ގުޅިފައިވާ އިދިކޮޅު ޕާޓީތަކެއް އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.