ހަބަރު

ނުރުހުމުގައި އެއްވެސް މީހެއްގެ ސޮއި ހޯދާފައެއް ނުވާނެ: އަދުރޭ

ޕީޕަލްސް ކޮންގްރަސް ޕާޓީ، ޕީއެންސީއަށް އެއްވެސް މީހެއްގެ ނުރުހުމުގައި ސޮއި ހޯދާފައިނުވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ، އަދުރޭ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުލްރަހީމް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަހަތުގައި ހުންނަވައިގެން އުފައްދާފައިވާ ޕީއެންސީއަށް ވަގަށް މީހުން ވައްދާ ކަމަށް ބުނެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާތީ އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ޝަރީފް މިއަދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަބްދުލްރަހީމް ވިދާޅުވީ އެއްވެސް މީހެއްގެ ނުރުހުމުގައި ޕީއެންސީއަށް އެއްވެސް މީހަކު ލައްވާ ސޮއި ކުރުވާފައެއް ނުވާނެ ކަމަށާއި މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމް ފުރާފައި ވެސް ނުވާނެ ކަމަށެވެ. ޕީއެންސީއަށް ފޯމް ފުރުވި މީހުން އެކަން ކޮށްފައިވަނީ ހިތުން ރުހުމުން އެ ޕާޓީއާ ގުޅެން ބޭނުންވާތީ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީއިން ވަނީ 4،000 މެންބަރުންގެ ފޯމާއެކު އިއްޔެ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފަ އެވެ. ޕާޓީ އުފެއްދުމަށް ހަމަކުރަން ޖެހެނީ 3،000 މީހުންނެވެ.

ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް މިހާރު ވަނީ ޕީއެންސީއާ ގުޅުމަށްޓަކައި ޕީޕީއެމްއިން ވަކިވެފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.