ހަބަރު

ޕީޕީއެމް ދަރަނި ނުދެއްކުނީ ދައުލަތުން ދޭން ޖެހޭ ފައިސާ ނުދޭތީ

ޕީޕީއެމްގެ ދަރަނި ނުދެއްކި އޮތީ ދައުލަތުން އެ ޕާޓީއަށް ދޭން ޖެހޭ ފައިސާ ނުދީ ހިފައްޓާފައި އޮތުމުން ކަމަށާއި އެ ފައިސާ ދޫކުރުމުން ދަރަނި އަދާވާނެ ކަމަށް އެ ޕާޓީ އިން ވަކިވެވަޑައިގަތް ނިލަނދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރަސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ޕީޕީއެމްގެ ދަރަނީގެ ގޮތުގައި އޮންނާނީ އައިލެންޑް އޭވިއޭޝަންއަށް ދައްކަން ޖެހޭ ހަތަރު ވަރަކަށް މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ސިޔާސީ ހުރިހާ ޕާޓީތަކަށް ފައިސާ ދޫކުރި އިރު ޕީޕީއެމްއަށް ނުދީ 8.5 މިލިއަން ރުފިޔާ ހިފަހައްޓާފައި ހުރި ކަމަށާއި ދަރަނި ނުދެއްކި އޮތީ އޭގެ ސަބަބުން ކަމަށް ހަލީލް ވިދާޅުވި އެވެ.

އެހެންކަމުން ދައުލަތުން ޕީޕީއެމްއަށް ދޭން ހުރި ފައިސާ އިން އައިލެންޑް އޭވިއޭޝަންއަށް ދައްކަން ޖެހޭ ބައި ކަނޑާލުމަށް އެދޭ ކަމަށް ހަލީލް ވިދާޅުވި އެވެ. އެއަށް ފަހު ބާކީ ހުރި ބައި އަނބުރާ ޕީޕީއެމްއަށް ދިނުމަކުން އެ ޕާޓީގެ ލީޑާޝިޕްއަށް އެއްވެސް މައްސަލައެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ ބަޖެޓު ލައިގެން ގާތްގަނޑަކަށް 20 އަކަށް މިލިއަނަކާ ގާތް ކުރާ އަދަދަކަށް ދައުލަތުގައި އެބަހުރި ޕީޕީއެމްގެ ފައިސާ، އެހެންވެ ކަނޑާފަ އެ ފައިސާ ދެއްކީމަ އެކަން އެ ނިމުނީ، އެހެންވެ ހަގީގަތަކީ ޕީޕީއެމްގެ ދަރަނި އޮވެގެން ނޫން މި އުޅެނީ، ޕީޕީއެމްގެ ދަރަނި އަދާ ކުރުމަށްޓަކައި ދައުލަތުން ސަރުކާރު ބަދަލުވުމަށް ފަހު ދޫ ނުކޮށްގެން އުޅޭ މައްސަލަ މި އުޅެނީ،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމްއަށް ލިބެން ޖެހޭ ފައިސާތައް ލިބޭނެ އިންތިޒާމްއެއް ސަރުކާރުން ހަމަޖައްސާދިނުމަށް އެދޭ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި އެ ފައިސާ ދިނުމުގެ ކުރިން ހުރިހާ ދަރަންނަކަށް ވީ ފައިސާ ކެނޑުމަށް ފަހުގައި ވިޔަސް ޕީޕީއެމްއަށް ލިބެން ޖެހޭ ފައިސާ ދިނުމަށް ހަލީލް ގޮވާލެއްވި އެވެ.