ހަބަރު

އިސްރައްވެހިންގެ މަޝްވަރާ ފުލުހުންގެ މަސައްކަތައް ހޯދަން ފޯރަމެއް ބާއްވައިފި

ފުލުހުންގެ މަސައްކަތްތަކާއިމެދު ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް އިސްރަށްވެހިންނަށް ހާއްސަކޮށްގެން ނެއިބަރހުޑް ސަޕޯޓު އޮފިސަރުން ފޯރަމެއް ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގގައި އިސްރަށްވެހިންނާއި އެކު މިއަދު ބޭއްވި އެ ފޯރަމް ފައްޓަވާ ދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެވެ. އެ ފޯރަމްގައި، އިސްރަށްވެހިންގެ ހިޔާލާއި ތަޖުރިބާ އަދި ފުލުހުންގެ މަސައްކަތްތަކާއިމެދު އިސްރަށްވެހިންގެ އުންމީދުތައް އަޑުއަހައި މަޝްވަރާ ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމާއި، ނަފްސާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ހޯދުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދި ފުލުހުންނާ މުޖްތަމަޢުއާއި އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިފޯރަމްގައި އިސްރަށްވެހިންގެ ހިޔާލު ހޯދާފައިވާ ކަމަށެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާ ގުޅުންހުރި ވަޢުދުތަކުގެ ތެރެއިން، ފުލުހުންގެ ހިންގުން ހަރުދަނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އެފޯރަމްގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، މާލެ ހިމެނޭ ސަރަޙައްދުގެ 8 ނެއިބަރހުޑުން 35 މެންބަރުން ވަނީ ބައިވެރިވެފަ އެވެ.