ސިއްހަތު

ސޮސެޖާއި ޗިޕްސް ކާން ހެޔޮނުވާނެ!

ދިވެހިންނަކީ ސޮސެޖާއި ވަރަށް ރައްޓެހި ބައެކެވެ. ދަތުރެއް ދިޔައަސް، ބާބެކިއުއެއް ހެދިޔަސް ސޮސެޖެވެ. ކެފޭތަކުގެ ހެނދުނު ސަޔަށް ވެސް ސޮސެޖު ހިމަނާފައި ހުރެ އެވެ. ދުންފަތަށް ފަހު ކެންސަރަށް އެންމެ ބޮޑަށް މަގުފަހި ކުރާ އެއްޗަކީ ޕްރޮސެސްކޮށް ފިނި ކޮށްފައިވާ އެއްގަމު މަހުގެ ބާވަތްތަކެވެ. ހަމަ އެއްގޮތަށްވެސް ނުކައި ދޫކޮށްލަންވީ އެއްޗަކީ ސޮސެޖެ އެވެ. އިންޓަނޭޝަނަލް އެޖެންސީ އޮފް ރިސާޗް އޮން ކެންސާ އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން ގެ ކެންސަ ރިސާޗް އެޖެންސީ އިން ވަނީ ސޮސެޖު ހިމެނޭ ޕްރޮސެސްޑް މީޓްސް ކެންސަރަށް އެންމެ ބޮޑު ރިސްކެއް އޮތް ގުރޫޕުތަކުގެ ލިސްޓުން އެއް ވަނަ ގުރޫޕަށް ލާފައެވެ. މިފަދަ ބޮޑު ރިސްކެއް ކެންސަރަށް އޮތް އެއްޗެއް ނުކައި ތިބުން ބުއްދިވެރި އެވެ. އަދި ކުޑަ ކުދިންނަށް ސޮސެޖު ނުދީ މިހާރު އާދަކޮށް ސޮސެޖު ކާ ކުދިންނަށް ދިނުން މަދުކުރުން އެއީ ކުރަން ޖެހޭ ކަމެކެވެ.

ސޮސެޖުގެ ބަދަލުގައި ކާންވީ ކޯއްޗެއް؟

ސޮސެޖުގެ ބަދަލުގައި ކުކުޅުމަސް ފިހެގެން ކެވިދާނެ އެވެ. މިއިން ހަށިގަނޑަށް ޕްރޮޓީން ލިބެ އެވެ. ފިހެފައި ހުންނަ ކުކުޅު ބޭނުން ކޮށްގެން ކެބާބް ފަދަ އެއްޗެއް ތައްޔާރުކޮށް ސްނެކެއް ގޮތުގައި ދަތުރުތަކުގައި އާއި ބާބެކިއުގައި ބޭނުން ކުރެވިދާނެ އެވެ.

ފިޒީ ޑްރިންކްސް އެއްފަރާތް ކޮށްލާ

ފިޒީ ޑްރިންކްސް އަކީ ހަށިގަނޑަށް ދިގު މުއްދަތުގައި ގެއްލުންވާ އެއްޗިއްސެވެ. މިފަދަ ބުއިންތަކަށް ދެވިހިފާ އާދަވެއްޖެނަމަ އެއިން ދުރުވުން އުނދަގޫ ކަމަކަށް ވާނެ އެވެ. މިފަދަ ބުއިންތަކުގައި އެކުލެވިގެންވަނީ ކާބޮނެޝަނާއި ހަކުރާއި ފުރުކްޓޯސް އާއި ފޮސްފޯރިކް އަދި ސިޓްރިކް އެސިޑާއި ސޯޑިއަމާއި ހަށިގަނޑަށް ބޭނުންވާ މިނަށް ވުރެ ގިނަ ކެލަރީސްތަކެކެވެ. ފެނުގެ ބަދަލުގައި، މި ބުއިމުން ސިއްހަތަށް ގިނަގުނަ ގެއްލުންވާ އެތައް ކަމަކާ ލައިގަނެއެވެ. މިގޮތުން، ޑީހައިޑްރޭޝަނާއި ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ހަކުރު ބޭނުންކުރެވުމާއި ބަރުދަން އިތުރުވުމާއި ކެލްސިއަމް މަދުވުން ހިމެނެއެވެ.

މިފަދަ ބުއިންތަކުގެ ކޮންމެ 12 އައުންސެއްގެ ތައްޓެއްގައި 39 ގްރާމް ހަކުރު ނުވަތަ 3.3 މޭޒުމަތީ ސަމުސާ ހަކުރު ހުންނަ ކަމަށް ބުނާއިރު، މިހާ ގިނަ އަދަދަކަށް ހަކުރު ބޭނުން ކުރާނަމަ ހަށިގަނޑުގެ ބްލަޑް ގުލްކޯސް ލެވެލް މައްޗަށް ގޮސް ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ރިސްކު އިތުރު ވެއެވެ.

ބަރުދަން އިތުރުވަނީ ހަށިގަނޑުން އަންދާ ވަރަށްވުރެ ގިނަ ކެލަރީސްތަކެއް ހަށިގަނޑުގެ އެތެރެ ކުރާތީއެވެ. ބާރަ އައުންސް ބުއިމެއްގެ ތައްޓެއްގައި 140 ކެލަރީސް ހުންނަ ކަމަށް ވެއެވެ. މިއީ އެއްވެސް ވަރެއްގެ ނިއުޓިރިޝަނަލް ފައިދާ އެއް ނެތް ބޭކަރު ކެލަރީސް ތަކެކެވެ.

ބަދަލުގައި ބޯންވީ ކޯއްޗެއް؟

ބަދަލުގައި ބުއިމަށް އެންމެ ރަނގަޅީ ފެނެވެ. ފެނުގައި ރަހައެއް ލައްވާ ތަފާތު ކޮށްލަން ބޭނުން ނަމަ ތާޒާ މޭވާ ތަކުކާރީ އާއި ހާބްސް ފެނަށް އެޅިދާނެ އެވެ. މިގޮތުން ކިއުކަމްބާ އާއި މިންޓް މިއީ ކަރުހިއްކުން ފިލާ އެއްޗެކެވެ. މީގެ އިތުރުން ސްޓްރޯބެރީ އާއި ލެމަންއަކީ ވެސް ގުޅޭ ދޭއްޗެވެ. އަދި ބުލޫބެރީ އާއި އޮރެންޖް އެއްކޮށްލައި ފެނަށް އަޅާ އޭގެ ރަހަތައް ފެނަށް ދިއުމުން ވެސް ބޯން ބޭނުން ކުރެވިދާނެ އެވެ.

ޗިޕްސް އާ ދުރު ހެލިވާން ޖެހޭ

ޗިޕްސް އަކީ ވެސް އަހަރުމެންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. އަގު ހެޔޮވެފައި، މީރު އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ އެއްޗެކެވެ. އެހެން އުޅެލާފަ ޗިޕްސް ކާލިޔަސް ގެއްލުމެއް ނެތެވެ. އެކަމަކު އާދަވެގެން ކޮންމެ ދުވަހަކު ޗިޕްސް ކާނަމަ، އަދި އެހެން ފައިދާ ހުރި އެއްޗިހީގެ ބަދަލުގައި ޗިޕްސް ހިޔާރު ކުރާނަމަ މިކަމުން ނުރައްކާތަކެއް ކުރިމަތި ކުރުވައެވެ.

ޗިޕްސް އަކީ ފެޓު ގިނަ ކެލޮރީ ވެސް ގިނަ ކާނާ އެކެވެ. އާއްމުކޮށް ޗިޕްސް ކާނާމަ ބަރުދަން އިތުރުވެގެން ދެއެވެ. އަދި 1 އައުންސް ޗިޕްސްގައި 10 ގްރާމް ފެޓާއި 154 ކެލަރީސް ހިމެނެއެވެ. ސާވޭއަކުން ދައްކާ ގޮތުގައި ތެލުލި އަލުވި މިއީ ހަށިގަނޑު ބަރު ކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާ ކާނާ އެވެ. ހަށިގަނޑު ބަރުވެ އާދަޔާ ހިލާފަށް ފަލަވާ ނަމަ ހަކުރު ބައްޔާއި ހިތުގެ ބަލިތަކުގެ އިތުރުން ބައެއް ކެންސަރުތަކަށް ވެސް މަގު ފަހި ވެއެވެ. މީގެ އިތުރުން ޗިޕްސްގައި ހިމެނޭ ސޯޑިއަމް މާއްދާ ގިނަވުމުން ލޭގެ ޕްރެޝަރު މައްޗަށް ދެއެވެ. މިކަމުގެ ސަބަބުން ސްޓްރޯކް ޖެހުމާއި ހިތް ފެއިލްވުމާއި އެހެނިހެން ވެސް ހިތުގެ ބަލިތަކާއި ކިޑްނީ ބަލިތަކަށް އޮންނަ ރިސްކް އިތުރު ވެގެން ދެއެވެ.


ގިނަގިނައިން ޗިޕްސް ކާނަމަ ކޮލެސްޓްރޯލް މަތި ވެއެވެ. އަދި ޗިޕްސް ތެލުލުމުގެ ސަބަބުން ޓްރާންސް ފެޓް އުފެދެއެވެ. އަދި ތެލުލުމަށް ބޭނުންކުރާ ތެލަކީ ސެޓުރޭޓަޑް ފެޓް ކަމުން، ހަށިގަނޑުގައި ކޮލެސްޓްރޯލް އިތުރު ވެގެން ދެއެވެ. ލޭގައި ގިނަ އަދަދަކަށް ޓްރާންސް ފެޓް ހިމެނޭނަމަ އެލްޑީއެލް ކޮލެސްޓްރޯލް އިތުރުވެ ހިތުގެ ބައްޔަށް މަގުފަހިވެއެވެ.

ތެލުލި ޗިޕްސް ގެ ބަދަލުގައި އަލުއްވައި ބަޓާނާ ފިހެގެން ކެއުމަކީ ހަށިގަޑަށް މާ ފައިދާ ހުރި އެއްޗަކަށް ވާނެ އެވެ. އަދި ކައްޓަލަވެސް މިގޮތަށް ފިހެގެން ކާލަން ހަމަ ބަރާބަރެވެ.