ހަބަރު

މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

Jan 13, 2019

ކ. މާފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އިއްޔެ ހެނދުނު 10:30 ހާއިރު އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔަ 27 އަހަރުގެ މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް މާފުށީ ޖަލުން، މާފުށީ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިން ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ.

އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ކ.މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.