ސިއްހަތު

އެންޒައިޓީ ޑިސްއޯޑާއަކީ ކޮބާ؟

ކުދި ކުދި ކަންކަމާއި މާބޮޑަށް ހާސްވެ ބިރުގަނެ ބައެއް ފަހަރަށް ނޭވާ ލާން އުދަނގޫވާހެން ހީވޭ ހެއްޔެވެ؟ އެންޒައަޓީ ޑިސްއޯޑާއެއް ހުންނަ ނަމަ މިފަދަ ކަމެއް ތަޖުރިބާ ކުރެވިދާނެ އެވެ. ކަންކަމާމެދު ހާސްވެ ބިރުގަތުމަކީ އާދައިގެ ޖަޒުބާތެކެވެ. މިސާލަކަށް ވަޒީފާއަކަށް އިންޓަވިއުއަކަށް ދާނަމަ ކޮންމެވެސް ވަރެއްގެ ހާސް ކަމަކާއި ކުރިމަތިލުމަކީ އާދައިގެ ކަމެކެވެ.

އެންޒައެޓީ ޑިސްއޯޑާ މިއާ ތަފާތެވެ. އެންޒައަޓީ ޑިސްއޯޑާ އަކީ ނަފްސާނީ ބައްޔެކެވެ. އަދި އެންޒައަޓީ ޑިސްއޯޑާއެއް ހުންނަ ނަމަ އަދައިގެ ދިރިއުޅުމެއް ވޭތު ކުރަން އުދަނގޫ ވެއެވެ. މި ޑިސްއޯޑާގެ ވައްތަރުތަކުގެ ތެރެގައި ޕެނިކް ޑިސްއޯޑާ އަދި ސޯޝަލް އެންޒައެޓީ ޑިސްއޯޑާ، ސްޕެސިފިކް ފޯބިއާސް ގެ އިތުރުން ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ ހިމެނެ އެވެ.

ޕެނިކް ޑިސްއޯޑާ އެއް ތަހައްމަލު ކުރާނަމަ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަނެ، ދާހިތްލައި މޭގައި ރިއްސާ އަދި މޭ ތެޅޭ ގޮތް ވެއެވެ. އަދި ބައެއް ފަހަރަށް ނޭވާ ނުލެވޭހެން ހީވެ، ހާސްވެ ހީވާނީ ހާޓް އެޓޭކެއް ޖެހެން އުޅޭހެންނެވެ.

ސޯސަލް އެންޒައިޓީ ޑިސްއޯޑާ ނުވަތަ ސޯޝަލް ފޯބިއާ އަކީ އާއްމުންގެ ތެރޭގައި އުޅޭއިރު އެހެން މީހުން މަލާމާތް ކުރާހެން ހީވެ ލަދުގަނެ އެކަމާއި މާބޮޑަށް ވިސްނުމެވެ. އަދި މީހުންގެ މަލާމަތާއި ފުރައްސާރަ ރައްދުވާހެން އިހްސާސް ވުމުގެ ސަބަބުން އެއްވެސް ކަމެއް ކުރަން ނުކެރި ހުރެވެއެވެ.

ސްޕެސިފިކް ފޯބިއާއަކީ ވަކި އެއްޗަކަށް ނުވަތަ ހާލަތަކަށް ހާއްސަކޮށް ގަންނަ ބިރަށް ކިޔާ ނަމެކެވެ. މިސާލަކަށް އުސްތަންތަނަށް އެރުން މަތިންދާބޯޓުގައި ދަތުރު ކުރުން ފަދަ ކަންކަން މީގައި ހިމެނެއެވެ. އަދި މި ފަދަ ބިރުތަކާއި ހެދި ކަންކަން ކުރުމުން މީހާ ފަސްޖެހި ދުރުވެގެން ދެއެވެ.

ދެން އޮތީ ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ އެވެ. މިއީ އާދާޔާ ހިލާފަށް ބޭކަރު ކުދި ކުދި ކަންކަމާ މުޅި މީހާ ވިންސާ، ޓެންޝަނަށް ގޮސް އުޅުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

މި ހުރިހާ އެންޒައިޓީ ޑިސްއޯޑާގައި ވެސް އެއްވައްތަރުގެ އަލާމާތްތަކެއް ފެނެ އެވެ. މިގޮތުން ހާސްވުމާއި ބިރުގަތުން، ނިދުމުގެ މައްސަލަތަކާއި ހަމަޖެހިލައިގެން ހިމޭނުން ނުހުރެވުމާއި ފިނިވުމާއި ދާހިއްލުމާއި އައްސިވުން އަދި އަތާއި ފައިތުރުތުރު އެޅުމާއި ނޭވާ ކުރުވުމާއި ހިތުގެ ތެޅުން އަވަސްވުމާއި އަނގައިގެ އެތެރެ ހިކުމާއި ހޮޑުލަވާހެން ހީވުން ހިނެ އެވެ.

އެންޒައަޓީ ޑިސްއޯޑާއެއްގެ އަސްލު ސަބަބަކީ ކޮބައިކަން ބުނަން ނޭގުނަސް އެހެން ނަފްސާނީ ބަލިތައް ފަދައިން މިއީ ވަރަށް ގިނަ ކަންތައްތަކެއް ގެ ސަބަބުން ދިމާވާކަމެއް ކަމުގައި ބުނެވިދާނެ އެވެ. މިގޮތުން ސިކުނޑިއަށް އަންނަ ބަދަލުތަކާއި، ދިރިއުޅުމުގެ މާހައުލުގެ ސްޓްރެސް އަދި ޖީންސްގެ ސަބަބުން ކަމުގައި ވުމަކީ ވެދާނެ ގޮތެކެވެ.

މިފަދަކަމެއް ހުންނަ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ވީހާވެސް އަވަހަށް ބޭސް ފަރުވާ އާއި ސައިކޯތެރަޕީ ހޯދާއި ފަރުވާ ފެށުމަކީ އެންމެ އެދެވޭ ގޮތެވެ. މި ބަލީގެ އާލާމަތްތައް މެނޭޖު ކުރުމަށް ލައިފްސްޓައިލަށް ކޮންމެވެސް ބަދަލުތަކެއް ގެނެސްގެން ވެސް އެންޒައިޓީ ކޮންޓްރޯލް ކުރެވިދާނެ އެވެ.

މިގޮތުން ކެފެއިން ހުންނަ ކާބޯތަކެއްޗާއި ދުރުވެވިދާނެ އެވެ. ކެފެއިނަކީ މީހާގެ މޫޑަށް ބަދަލުގެންނަ އެއްޗެކެވެ. އަދި އެނޒަިޓީ ޑިސްއޯޑާގެ އަލާމަތްތައް ކެފެއިންގެ ސަބަބުން ގޯސްވުމުގެ ފުރުސަތު ބޮޑުވެއެވެ. ކެފެއިން ހުންނަ ކާބޯތަކެއި ކަމަށްވާ ކޮފީ އާއި ސަޔާއި ކޯލާ އާއި އެނާޖީ ޑްރިންކްސް އާއި ޗޮކުލޭޓާ ދުރުވެވިދާނެ އެވެ.

ރަނގަޅު ކާނާ އާއި ކަސްރަތު އަދި ނިދި މިއީ ވަރަށް މުހިއްމު ކަންކަމެވެ. މިގޮތުން އެރޯބިކް ކަސްރަތު، ހިނގުން، ބައިސްކަލް ދުއްވުން މިއީ ސިކުނޑީގެ ކެމިކަލް ރިލީޒްކޮށް ސްޓްރެސް މަދުކުރާ ކަންކަމުގައިވެ މީހާގެ މޫޑު ހަމަޖައްސާ ދެއެވެ.

ނުނިދުމުގެ މައްސަލަތަކާއި އެންޒައިޓީ ޑިސްއޯޑާ މިއީ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ރެސްޓް ނެގުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭންޖެހެ އެވެ. އަދި މީހާ ރިލެކްސްވާ ފަދަ ރޫޓީންއެއް ނިދުމުގު ކުރިން ގެންގުޅެން މުހިއްމެވެ.