(9 ޖެނުއަރީ 2019 އާ ގުޅޭ)
ޒާރާއަށް ފަހީމާއަކީ އޭނަގެ މަންމަ ނޫންކަން އެނގުނުދުވަހަކީ ފަހީމާ ފުރަތަމަ ފަހަރަށް ދެރަވެގެން އެދެލޮލުން ކަރުނަތިއްކެއް ވައްޓާލިތަން ޒާރާއަށް ފެނުނުދުވަހެވެ. އެދުވަހުން ފެށިގެން ޒާރާ އޭނަގެ ބޮޑުދައިތައަށް ވަޢުދުވެފައިވަނީ އެއީ އޭނަގެ މަންމަ ކަމުގައެވެ. އެމަގާމާއި އެނަމުން މުޅިއުމުރަށް މުހާތަބު ކުރާނެކަމުގެ ވައުދެވެ. ދުވަހަކުވެސް އެމަންމަގެ ހެޔޮކަން ހަނދާންނައްތާނުލާނެކަމެވެ.
މީހަކާއި އިނުމުން ޒާރާއަށް އޭނަގެ އެ ކުޑަކުޑަ އާއިލާއާއި ކޮންމެވެސް ވަރަކަށް ދުރުވެވުނެވެ. އެހެންނަމަވެސް މިއަދު އޭނައަށް އެއާއިލާގެ މަތިން ހަނދާންކޮއްދީފިއެވެ. ފާހާނާއިން ފެންވަރާލައިގެން ނުކުތް ޒާރާ އިސްތަށިގަނޑު އަތުން ހާވާލަމުން ޑްރެސިންގ ޓޭބަލްމަތީ އޮތް ފޯނު ހިފައިގެން ނުކުތީ ބެލްކަންޏެވެ. މެންދުރުގެ ވަގުތުކަމަށްވެފައި އޭރު ބެލަކަންޏަށް ވަނީ މުޅިން އަވިއަރާފައެވެ. ތިރީގައި ޖަހާފައިވާ މުށިތަށް ހޫނުވެފައިވިއެއްކަމަކު ޒާރާއަށް އެކަން އިޙްސާސްނުވީ އޭނަ ގޭތެރޭގައި އަރައިގެން އުޅޭ ފައިވާނަށް އަރާފައި ހުރުމުންނެވެ. އެކަމަކު ހަށިގަނޑަށް އެއްވެސް ހުރަހަކާއިނުލާ އެޅެމުންދިޔަ އަވީގައި މާގިނައިރު ހުންނާކަށް ޒާރާއަކަށް ނުކެރުނެވެ. ހަމުގެ ކުލައަށް ބަދަލެއް އައިސްދާނެތީއެވެ.
ޑްރެސިންގ ޓޭބަލްގައިވާ ބޮޑު ލޯގަނޑުން ޒާރާ އޭނަގެ އަމިއްލަ ސޫރަބަލަމުން ކުރިމަތީއިން ގޮޑީގައި އިށީނެވެ. ދެފަހަރަކު އިސްތަށި ގަނޑާއި ކުޅެލާފައި އަތުގައި އޮތް މޯބައިލުން ނަންބަރެއް ހޯދަން ފެށިއެވެ. ޒާރާ ހޯދަން ބޭނުންވި ނަންބަރު ފެނުނީކަން އޭނަގެ މޫނުމަތިން ފެނިގެންދިޔަ ހިނިތުންވުމުން އެނގުނެވެ. ފޯނުގެ ސްކީރަނަށް ކުޑައިރުކޮޅަކު ބަލަން އިނދެފައި ފޯނު ގެނެސް ކަންފަތުގައި ޖައްސާލިއެވެ.
"ހޫ......ވަރަށް ފޫހިވޭ......" ޒާރާ ފޯނު ޑްރެސިންގ ޓޭބަލް މަތީ ބާއްވަމުން ބުނެލިއެވެ. އޭނަ އެހާވަރަކުން ނަންބަރު ހޯދައިގެން އެގުޅީ ފަލަކު އަށެވެ. އެހެންނަމަވެސް އޭނަގެ ފޯނުވަނީ ނިއްވާލާފައެވެ. ޒާރާގެ މޫނުމައްޗަށް އެހާއަވަހަށް ހިތްހަމަނުޖެހުމާއިއެކު ފޫހިކަމެއް ވެރިވެގެން އެދިޔައީ އެހެންވެއެވެ.
ޒާރާ އަވަސް އަވަހަށް ބޭރަށް ދިއުމަށް ތައްޔާރުވާ ފަދައިން ތައްޔާރުވެލިއެވެ. އޭނަގެ ދޮންހަށިގަނޑާއި ގުޅޭނޭ ފަދަ ގަދަކުލައެއްގެ ޓޮޕަކާއި ފަޔަށް ހިފިފައި ހުންނަ ކަޅު ޖިންސެއްލިޔެވެ. ހެދުމާއިގުޅޭ ގޮތުން ފައިވާނެއް ހޯދިއެވެ. އެކަމަކު ވަގުތަކީ މެންދުރުގެ ވަގުތަށްވާތީ ހެދުން އެޅުމުގައި ގަޔަށް ފަސޭހަވާނޭ ގޮތަށް ޒާރާ ވިސްނިއެވެ. އޭނައަށް ނިންމުމެއް ނިންމަން ނޭގުނީ އަރާނެ ފައިވާނާ ހިސާބުންނެވެ.
"އިމީ.......އިމީ...." ޒާރާ އޭނަގެ އަތަށް ބޫޓަކާއި ތިރި ފައިވާނެއް ލައިގެން ކޮޓަރިން ނުކުތެވެ.
"ޔެސް މޭމް" މެންދުރު ކައްކަން އުޅުނު ޕިލިޕިންސް އަންހެން ކުއްޖާއަށް ޒާރާގެ އަޑުއިވުމާއިއެކު އަވަހަށް އެދިމާލަށް ދާން އެނބުރިލިއެވެ. އޭރު ޒާރާ އޭނަގެ ކޮޓަރިން ނުކުމެ ހުރިތަން ފެނުނެވެ.
"އިމީ، ޓެލްމީ ވިޗް ވަން އިޒް ބެސްޓު" ޒާރާ ދެއަތުން ދޭތި ގައިގާ ޖައްސާލަމުން ބުނެލިއެވެ. އެއާއެކު އިމީ އިޝާރާތްކޮއްލީ ވާތުގައި އޮތް ބޫޓާ ދިމާލަށެވެ. ޒާރާ ހިނިއައިސްފައި އެތެރެއަށްވަދެ ބޫޓަށް އަރާލިއެވެ.
ބޭރަށް ދިއުމަށްޓަކައި ޒާރާ ހިތްހަމަޖެހޭ ފެންވަރަށް ހެނދުންއަޅާ ސެންޓު ބުރުއްސާނިމުމުން އަނެއްކާވެސް އޭނަ ފެށިމަސައްކަތަކީ ހެދުންތައް ލާފައިވާ އަލަމާރިއެއްފަދަ ކުޑަކޮޓަރި ހޭވުމެވެ. ތިރީގައި ހުރި ފޮށިތަކެއް ހާވަމުން ގޮސް އެތަނުން ފޮށިގަނޑެއްގެ އެތެރެ ބަލާލުމަށްފަހު ނެގިއެވެ. އަދި ކޮނޑުގައި އަޅުވާފައިވާ ހެނދުންތަކުގެ ތެރެއިން އެއްގޮތަކަށްވެސް އަތްނުލާހެން ހީވާ ބައިން ހެދުންތަކެއްވެސް ނެގިއެވެ. އެހެންނަމަވެސް އެތަނުން ޒާރާ ނެގީ އެންމެ ދެހެދުމެވެ. އަދި ރީތި ބޭރުނުފެންނަ ކޮތަޅަކަށް އެއެއްޗެހިތަށް އަޅާލިއެވެ. ބޭރަށް ދާން އުޅޭކަން ދާއިންއަށް އަންގާލަން ޒާރާ ހިތަށް އެރީ ދެނެވެ. އެހެންވެ އަވަހަށް ދާއިންގެ ނަންބަރަށް ގުޅާލިއެވެ.
"ލޯބި، މިވަގުތު ވަރަށް ބިޒީ...." ދާއިން ފޯނުނެގި ގޮތަށް ބުނެލިއެވެ.
"އަޅެ ޒާ ވަރަށް ކުޑަ ކުޑަ ވާހަކައެއް ބުނަންށޭ.....ޕުލީޒް..." ޒާރާ އަވަސް އަވަހަށް ބުނެލިއެވެ.
"އޯކޭ......ވަރަށް ކުރުކޮށް ވަރަށް އަވަހަށް ބުނެބަލަ، ކްލައިންޓެއް އެބައާދޭ ކެބިންތެރެއަށް އަވަސް" ދާއިން ބުނެލިއެވެ.
"ޒާ މިދަނީ މަންމަމެންގެއަށް ދާންވެގެން، ގުޅީ ދާންއަށް އާދެވޭނެކަމަށް" ޒާރާ ބުނެލިއެވެ.
"ކޮބާ އާމޯސް، އޭނަ ކައިރީ ބުނޭ ގަރާޖުގަ އޮތް އަނެއްކާރު ނެރޭށޭ، ޒާ ބޭނުންތަނަކަށް އޭގައި ގެންގޮސްދޭށޭ، އޯކޭ ފަހުން ގުޅާނަން........އަދި ބުނަން، ސޭފްގައި ހުންނާނެ ލާރި، ޒާ ބޭނުންވަންޏާ ނަގާ، އޯކޭ ބާއި" ދާއިން އަވަސް އަވަހަށް ފޯނުބޭއްވިއެވެ. އެއާއެކު ޒާރާ އަވަސްވެ ގަތީ ސިޓިންރޫމުގައި ހަރުކޮއްފައިވާ ބަޒާ އާއި ދިމާލަށެވެ.
"އާމޯސް.......ރާ ޔޫ ދެއަރ، އާމޯސް" ޒާރާ ބަޒާމެދުވެރިކޮށް އާމޯސްއަށް ގޮވަނިކޮށް އިމީ ޒާރާއަށް ގޮވާލާފައި އާމޯސްވީ ކައިރި ފިހާރައަކަށް ގޮއްސަކަމަށް ބުންޏެވެ. ޒާރާ ސިޓިން ރޫމުގައި އޭނަ ބޭނުންވާނެ އެއްޗެހި ހިފައިގެން މަޑުކޮއްލައިގެން އިނީ އާމޯސް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންއިރުވެސް އިރުއިރުކޮޅާ އަތުގައި އޮތް ކުޑަ ދަބަހުގެ ތެރެއިން ލޯގަނޑުކޮޅަކުން އޭނަގެ މޫނު ބަލާލައެވެ. އެރީތި ދެލޮލުގައި ކަޅުކުލައިން ފަވާލައިފައިވާ އަނދުންތައް ހުރީ ރަނގަޅަށްތޯއެވެ. ތުންފަތުގަ ޖައްސާފައިވާ ލިޕް ގުލޮސް ތުންފަތުން ބޭރަށް ނުކުމެފައިވޭތޯއެވެ.
"އާމޯސް......ބޮސް ސެޑް ޑްރައިވް ދި އަދަރ ކާ، ޓޭކްމީ އެނީ ޕްލޭސް އައި ވޯންޓު" ޒާރާ އަމުރުވެރި ގޮތަކަށް ބޮޑާކަމާއިއެކު ބުނެލިއެވެ. އަދި އާމޯސްގެ ފަހަތުން ނުކުތެވެ.
އާމޯސް އާއި އިމީ އާއި ސޯފިއާ އަކީ އެގޭގައި ގެންގުޅޭ ތިން ބިދޭސީންނެވެ. ގޭގައި ކައްކާ ކަންތައް އާމުކޮށް ކުރާނީ އިމީއެވެ. އާމޯސް އަކީ ގޭގައި ބާޒާރު ކޮށް ދާއިންގެ ކާރުތައް ދޮވެސާފުކޮށް ބަލަހައްޓާ މީހާއެވެ. ދެބައި އުމުރުގެ މިހެކެވެ. އަދި އޭގެ އިތުރުން ދާއިންގެ ކާރުތައް ދުއްވުމުގެ ހުއްދަދެވިފައިވާ އެގޭގެ ޑްރައިވަރުވެސް މެއެވެ. ސޯފިއާ އަކީވެސް ހަރުއަންހެނެކެވެ. ގޭތެރެ ފޮޅާ ސާފުކުރުމާއި ގޭގެ އެއްޗެހި ދޮވުމާއި ކަންތައްތައް ކުރަނީ އޭނައެވެ. ގެއަކީ ބޮޑު ގެއަކަށްވީތީ މުޅި ގެ ސާފުކުރާދުވަހެއް ވެއްޖެއާ މި ތިންމީހުންގެ އެހީވެސް އެކަކު އަނެކަކަށް ބޭނުންވެއެވެ.
ބުރުޒުމަގުން އާމޯސް ކާރު ދުއްވަމުންދިޔައިރު ޒާރާ އިނީ ފަހަތު ސީޓުގައި ހަމަޖެހިލައިގެންނެވެ. މަގުތަށްމަތިން އެކާރު ފެންނަ ކޮންމެ މީހަކުމެ ލޮލުކޮޅަށް އޮބާލަންދެން އެކާރަށް ބަލައެވެ. މީހަކު ލޯބިން ބަލަހައްޓައިގެން ގެންގުޅޭ އެއްޗެއްކަން އެނގެއެވެ. ކަޅުކުލައިގެ މާސިޑިސް ބެންޒު ކާރުގައި ޒާރާ އިންއިރު އެކަކަށްވެސް ކާރުގެ ކުޑަދޮރުތަކުން އެތެރެއެއް ނުފެނެއެވެ. އޭނަގެ ޕްލޭންގައި އޮތީ މާފަންނުގައި ހުންނަ ކަޅިރަވަ ކިޔާ ބޮޑު ފޮތިފިހާރައިން ފޮތިގަނެގެން ފަލަކްގެ ކުދިންނަށްވެސް ހަދިޔާ ހިފައިގެން އޭނަގެ އާއިލާއާއި ބައްދަލުކުރުމަށް ދިއުމަށެވެ.
ހިމަހިމަމަގެއްގެ ތެރެއަށް އާމޯސް ކުޅަދާނަކަމާއިއެކު ކާރު ވައްދާލިއެވެ. މާދުރަށް ނުދެވެނިސް ޒާރާ ކާރު މަޑުކުރުމަށް އެންގިއެވެ.
"އާމޯސް، ފޯނު ގެނައިން ދޯ، އައި ވިލް ކޯލް.......ދެން ގެޔަށް ދިޔަސް އެންމެ ރަނގަޅު" ބޮލުގައި އަޅުވާލާފައި އިން އަވިއައިނު ލޮލަށް ހެޔޮވަރުކޮއްލަމުން ޒާރާ ބުނެލިއެވެ. އަދި ކާރުގެ ދޮރުހުޅުވާލާފައި ހަނިދޭތެރެއަކުން ކާރުން ފައިބައިފިއެވެ. އޭރު ކާރުގެ ފަހަތުން ދެތިން ސައިކަލު ކުރިއަށް ނުދެވިފައި ތިއްބެވެ. ޒާރާ އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ ކުރިމަތީ ހުރި ނޫކުލައިގެ ބޮޑު ދޮރާށި އުނދަގުލާއިއެކު ކޮއްޕާލަމުން އެތެރެއަށްވަނެވެ.
"މިވެސް ވަރުގަދަކަމެއް، މިހާރު ކޮންޒަމާނެއް ހޮވަން ނުޖެހޭ ހަރު ހަނޑޫ ކާތާ، މިސަރުކާރަށް ވީފަހުން ހުރިހާ އެއްޗެއްގެ ފެންވަރުދިޔައީ ދައްވަމުން، އެކަމަކު އަގު މިދަނީ އަތްނުފޯރާ ފަށަށް މަތިވަމުން........ދެދުވަހު ހަމައަށް އެއްއަގެއްގައި އެއްޗެއް ގަންނާކަށް ނުލިބޭ.........ނަސީބެއްކަންނޭގެ މިފެންތާނގި ގަނޑު ހުރިކަން، އެހެންނޫނީ ބޯ ފެންފޮދުވެސް ޖެހޭނީ ކޮންމެ ދުވަހަކު ގަންނަން.......އަހަރުމެންފަދަ ނިކަމެތިން އުޅޭކަމެއް މިސަރުކާރުން ނުދަނޭ........." ފަހީމާ ހަނޑޫ ދޮލަނގު ފޮޅަން ހުރެ ކުދިކިޔަމުން ދިޔައީ އަދުގެ ހާލަތު ހުރިގޮތާއި ދޭތެރޭ އޭނަގެ ހިތުގައި އުފެދިފައިވާ ހިތްހަމަނުޖެހުމަކުންނެވެ. އަނެއްކޮޅުން ސިޔާސީ ކަންތައްތަކަށް ފަހީމާގެ ސަމާލުކަން ދެވޭލެއްވެސް ބޮޑުކަމުންނެވެ. އޭރު ފަހީމާގެ ގާތުގައި ކުޑަކުޑަ ފިރިހެންކުއްޖަކު މާގަސްތަކުން މާބިންނަން ގުދުވެ އުޅެއެވެ.
"އަސްތާ..........ދަރިފުޅުތަ؟ ކީއްވެ ތިތާ ތިހުންނަނީ؟ އަޅެ މަންމައަށް ގޮވާލިނަމަ.......ކޮންއިރަކު ދަރިފުޅު އައީ؟ އަނެއްކާ އައިއްސަ ހުންނަތާ ވަރަށް ގިނައިރު ވެއްޖެތަ؟" ހަނޑޫ ދޮލަނގު ފޮޅާ ނިންމާލުމަށްފަހު އެނބުރިލިއިރު ފަހަތުގައި ހުރި މީހަކު ފެނުމުން ފަހީމާއަށް ކުއްލި ސިހުމަކާއިއެކު ބުނެލެވުނެވެ. އެއްނޭވައިން އެތަށް ސުވާލެއްކޮއްލި އިރު އޭނަގެ މޫނުމަތިވަނީ ހިނިތުންވުމަކުން އުޖާލާވެފައެވެ.
"ހަމަ ދެންމެ މިއައީ، މަންމަ އިންނެވީ ހޫނުގޮނޑީގަ ވިއްޔަ، ދެން ކިހިނެތް ގޮވާލާނީ؟ ހެ ހެ ހެ.......މަންމަ ހާދަވަރެކޭ ތިއަރުވާލަނީ މިސަރުކާރަށް" ޒާރާ ހެމުން ވާހަކަދެއްކިއެވެ.
"އާދޭ ޒާރާ އެތެރެއަށް.....ލޫތް، ދަރިފުޅާ އާދޭ މާމަ އާއިއެކު، މިހާރު ހުންނާނީ މާ ބިނދެވިފައި، އަވަހަށް އާދޭ....." ފަހީމާ އޯގާތެރިކަމާއިއެކު ޒާރާގެ އަތުގައި ފިރުމާލަމުން ހިނގައިގަތެވެ. އަދި އޭނަގެ ގާތުގައި މާބިންނަން އުޅުނު ކުޑަކުޑަ ކުއްޖާއަށް އައުމަށް އެދުނެވެ.
ޒާރާއަށް އެގެއަށް މާބޮޑު ބަދަލުތަކެއް އައިސްފައިވާތަނެއް ނުފެނެއެވެ. ގެއަކީ އެންމެ ކުރީގެ މުސްކުޅި ގެއެކެވެ. ބޮޑުގެއެކެވެ. ހަމަ އެންމެ ކުރީގަވެސް އެގެއަށް ވަދެގެން އަންނައިރު ކަނާތްފަރާތުގައިވާ ހުސްތަންކޮޅުގައި އެކިއެކި ގަސްގަސް އިންދާފައިވެއެވެ. މުރަނގަ ތޮޅި އާއި ރާނބާ އާއި ހިކަނދިފަތާއި އަނބުގަހެވެ. ގިނައީ ފައިދާ ކުރުވަނިވި ގަސްތަކެވެ. ފާރުކައިރީ ކުދި ޕޮޓުތަކުގައި އެކިކުލަ ކުލައިގެ މާއަޅާ ގަސްތަށް އިންދާފައި ހުއްޓެވެ. ޒާރާ އެންމެ ކުޑައިރުވެސް ފެންނަގާތަން ފެންނަ ތާންގީ ބިއްދޮށުގައި ފެންނަން ހުއްޓެވެ. ދެފަރާތުގައިވާ ދެގެ ބުރިބުރިއަށް ނަގާލިއިރު އެގެ އަދިވެސް ހުރީ އެންމެ ކުރީގެ ގޮތަށެވެ. ނަމަވެސް ތަފާތުތަކެއް އައިސްފައިވާކަން ޒާރާއަށް ފާހަގަ ކުރެވުނީ ފަހީމާގެ ފަހަތުން ގޭތެރެއަށްވަނީމައެވެ. އާދައިގެ ވަރެއްގެ ސިޓިން ރޫމަކާއި އެތެރެއަށް ދާންއޮތް ހިމަ ގޯޅި ޒާރާއަށް ފެނުނެވެ. މަޑުލަކުޑި ކުލައިގެ ސޯފާސެޓެއް އިނެވެ. ފާރުގައި ހަރުކޮއްފައި ފްލެޓް ސްކްރީން ޓީވީއެއް އިނެވެ. މާބޮޑެއް ނޫނެވެ. އެއްފަރާތެއްގައި މަސްޓޭންކެއްވެސް ހުއްޓެވެ. ސީލިންގކުރުމާއިއެކު ރަނގަޅު ފެންވަރަކަށް ހަދާފައި ވެއެވެ. ފާރުތަކުގައި ފެންނަނީ މަޑުފެހިކުލައެއް ލާފާވަނިކޮށެވެ. ހިތްގައިމު ގޮތެއް ހުރެއެވެ.
"މަންމާ.....ކޮބާތަ ފަލަކް، ދޮންތަ ފޯނަށް އަހަރެން ގުޅީމޭ" ޒާރާ ފަހީމާގެ ފަހަތުން އެގޯޅީ ތެރޭން އެތެރެއަށް ދަމުން އަހާލިއެވެ. ގޭގެ އެންމެ ބިއްދޮށުގައި އިނީ ބަދިގެއާއި ކާގެއެވެ. ހަތަރު މީހުންނަށް އިށީނދެވޭނޭ ބިއްލޫރި ވަށްމޭޒެއް އެތަނުގައި އިނެވެ. އަދި ފަހީމާއާއިއެކު އުޅުނު ކުޑަކުއްޖާއަށްވުރެ ބޮޑު ފިރިހެން ކުއްޖަކު އެމޭޒުކައިރީ ކާންއިނެވެ. ބަދިގޭ ކަބަޑުސެޓަށް ޒާރާ ބަލާލިއެވެ. އެއީ ދާއިންގެ ފަރާތުން އޭނަގެ މަންމައަށް ދިން ފުރަތަމަ ހަދިޔާއެވެ. ޒާރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވެގެންދިޔައެވެ.
"އޭނަ އެބައޮތް ޑިއުޓީ ނިންމާފަ އައިސް ނިދާފަ، އޭނަ ނިދައިފިއްޔާ ވާނެގޮތް ދަރިފުޅަށްވެސް އެނގޭނެ..........ދަރިފުޅު ކާންވީނު.......މަންމަ މިއަދު ހުންނާނެ ފަރުމަސް ހަދާފަ" ފަހީމާ އައިސް އަލަމާރިމަތީ ހަނޑޫ ދޮލަނގު ބަހައްޓަމުން ބުނެލިއެވެ.
"އިރުކޮޅަކުން ކާނީ، މީނީ ލަޔާން ދޯ، ހާދަ ބޮޑުވެއްޖެއޭ...........ޒާ ދައްތައެއް ނުވެސް އެނގުނު ދޯ، ބަލާބަލަ މިހިރަ އުޅޭ ކުޑަކުޑަ ލޫތުވެސް.....ލޯބިކަން.....އާދެބަލަ ދޫނީ.........ޒާދައްތަ ބައްދާލާނަން އާދެބަލަ" ޒާރާ އޭނަގެ އަތުގައި ހުރި ކޮތަޅުތައް ހުރިދިމާ ތިރީގައި ބަހައްޓަމުން ފަހީމާގެ ހެދުމުގެ ނިވަލުގައި ސިއްރުސިއްރުން ބަލަން ހުރި ލޫތުގެ އަތުގައި ހިފާ ގެންނަމުން އެކުއްޖާ އާއި އެއްހަމައަކަށް ތިރިވިއެވެ.
"ޒާރާ......ދަރިފުޅު ކޮންހާ ސާމާނެއް ހިފައިގެން ތިއައީ، އަނެއްކާ ބާޒާރުކޮއްގެންތަ ތިއައީ؟ ކޮބާ ދާއިން؟" ފަހީމާ ސިންކުކައިރިއަށް ޖެހިލާ ލަޔާންގެ ތުންދޮއްވާލަމުން އަހާލިއެވެ. ލަޔާން އާއި ލޫތުއަށް މަޑުމައިތިރިކަމެއް ވެރިވެފައި ތިބީ ޒާރާ ފެނިގެންނެވެ. އެކުދިންނަށް ޒާރާ ނުފެންނަތާ އަހަރުވެދާނެއެވެ. ބޭރުގަ ކިޔަވަން އުޅެފަ މާލެ ބަދަލުވިތާ މަސްދުވަސް ނުވަނިސް އޭނަ އާއި ދާއިންގެ ކައިވެނިވަނީ އިއުލާން ކުރެވިފައެވެ. އެހެންވެ އެކުދިންނާއި އެކު ޒާރާއަށް މާގިނަ ވަގުތުތަކެއް ހޭދަކުރެވިފައި ނުވެއެވެ. އެކުދިންނަށް ޒާރާއަކީ ބޭރުމީހަކެވެ.
"ދާން އޮފީހުގަ ބިޒީ، ހަމަ މަންމަ މަތިންނާ ދޮންތަ މަތިން ހަނދާންވާވަރުން މިއައީ......އަހަރެން ދެން މަންމަމެންނަށް ހަދިޔާ ނުލާ ނާންނާނެކަން އެނގޭނެއެއްނު.........މިއާދެވުނީވެސް ކިހާ ދުވަހެއްކޮއްލާފަ" ޒާރާ ތެދުވަމުން ބުނެލިއެވެ.
"އާ ދަރިފުޅު މަންމަމެން މަތިން ހަނދާނެއް ނުވެޔޭ މިހާރު، އެހެންނޫންނަމަ އެންމެ ކުޑަމިނުން ގުޅާލީހެއްނު" ފަހީމާވެސް ފުރުޞަތުގެ ބޭނުން ހިފަމުން ޝަކުވާކޮއްލީ ކުޑަކުއްޖެއް ފަދައިންނެވެ.
"މަންމާ ތިހެން ނުބުނޭ، ހަނދާންވެއޭ، ކޮންމެވެސް ކަމެއްގަ އުޅެނިކޮށް މުޅި ދުވަސް ނިމިގެންދަނީ، ކޮންމެ ފަހަރަކުވެސް ހުންނަނީ ގުޅަން ގުޅަން........." ޒާރާގެ ޖުމްލަ މެދުކަނޑާލީ ފަހީމާއެވެ.
"ތިހެންނޭ ވާނީ ފަހުން ފަހުން ކުރަން ހުއްޓަ ދާނީ ފަސްގަނޑުދަށަށް........." ފަހީމާ ލޫތު އާއި ލަޔާން ގޮވައިގެން ސިޓިން ރޫމާ ދިމާލަށް ހިނގައިގަތެވެ.
"ލޫތު........އަން ދޫނީ......ބަލާ މިއޮއް ތިއްތި އެއްޗެއް، ޒާ ދައްތަ ލަޔާންއަށްވެސް ގެނައިމޭ ޕްރެޒެންޓެއް..........ބަލާ......" ޒާރާ ކޮތަޅު ތަކުގެ ތެރެއިން އެކުދިންނަށް ގެނައި އެއްޗެހި ނަގާ ދައްކާލިއެވެ. ކޮންމެ ކުއްޖެއްގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނިގެންދިޔައެވެ. އަދި ދެންހުރި ކޮތަޅުތައް ހިފައިގެން ފަހީމާގެ ފަހަތުން ދިޔައެވެ.
"ޒާރާ.....ދަރިފުޅު ދޭބަލަ ފަލަކްއަށް ގޮވަން، ހުންނާނެ ފޯރި ދަރިފުޅު އައިކަން އެނގިއްޖެއްޔާ" ފަހީމާ ސޯފަގައި އިށިންނަމުން ބުނެލިއެވެ.
ޒާރާ ފަލަކުގެ ކޮޓަރިއަށް ވަތްއިރު އޭނައޮތީ ގަދަނިދީގައެވެ. އޮރެންޖުކުލައެއްގެ ޓީޝާރޓަކާއި ކުރުކުރު ސޯޓުކޮޅެއްލައިގެން އޮތްއިރު އަދިވެސް ފަލަކްހީވަނީ ސާދަ ފަނަރައިގެ ކުއްޖެއްހެންނެވެ. އިސްކޮޅުން ކުރުވެފައި ހިމަތޮޅި ހަށިގަނޑަކާއިއެކު ރާޅުބާނި އިސްތަށިގަނޑެކެވެ. ދެކުދިންގެ މަންމައެކޭ އެކަކުވެސް ނުބުނާނެއެވެ.
(ނުނިމޭ)