ދިވެހި ސިނަމާ

ބެއިޖިން ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލައިފި

ޗައިނާގެ ބެއިންޖިންގައި މި އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުވަވަނަ ބެއިޖިން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވުމަށްވަނީ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

މި ފެސްޓިވަލްގެ ހަތަރު ސެކްޝަނެއްގައި ފިލްމު ބައިވެރި ކުރުމަށް ވަނީ ހުޅުވާލާފަ އެވެ. މީގެތެރެއިން "ޓީއާންޓަން އެވޯޑް ކޮމްޕެޓިޝަން" ސެކްޝަންގެ 10 ކެޓަގަރީގައި ވާދަކުރެވޭނެ އެވެ. ފިލްމު "ޕެނޮރާމާ އައުޓް އޮފް ކޮމްޕެޓިޝަން" ސެކްޝަންގައި ބައިވެރިކުރާ މޮޅު ފިލްމުތައް ފެސްޓިވަލް ތެރޭގައި ބެއިޖިން ތިއޭޓަރގައި ދައްކާނެ ކަމަށްވެސް އެންސީއޭއިން ނެރުނު އިއުލާނުގައިވެ އެވެ.

އާ ފިލްމު އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް "ފޯވާޑް ފިއުޗަރ ސެކްޝަން"ގައިވެސް ފިލްމު ބައިވެރި ކުރެވޭނެ ކަމަށާއި މި ސެކްޝަންގެ ތިން ކެޓަގަރީއެއްގައި ވާދަކުރެވޭނެ ކަމަށް އެންސީއޭ އިން ކުރި އިއުލާނުގައި ބުނެ އެވެ. މީގެ އިތުރުން 60 މިނެޓްއަށްވުރެ ކުރުނޫން ޑޮކިއުމެންޓްރީ ފިލްމުތައް ޑޮކިއުމެންޓްރީ ސެކްޝަންގައި ބައިވެރި ކުރެވޭނެ ކަމަށްވެސް ބުނެ އެވެ.

މި ފެސްޓިވަލްގައި ފިލްމުތައް ބައިވެރިކުރުމަށް ހުޅުވާލާފައިވާއިރު، 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިންކޮށް ރެޖިސްޓާ ކުރަން ޖެހެ އެވެ. އޮންލައިން ރެޖިސްޓްރޭޝަންގައި މައްސަލަ ދިމާވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު 29 ޖެނުއަރީ 2019 ގައި އެން.ސީ.އޭއަށް ފޮނުވުމަށް އެތަނުން އެދެ އެވެ.

މި ފެސްޓިވަލްގައި ވާދަކުރެވޭ ކެޓަގަރީތަކުގެ ތަފްސީލް އެންސީއޭއިން ގެޒެޓު ކުރި އިއުލާނާ އެކު ވަނީ މައުލޫމާތު ކަރުދާހުގައި ހިމަނާފަ އެވެ.