ހަބަރު

ހެލިކޮޕްޓަރުތައް މައްސަލައިގައި ބޮޑު މުޒާހަރާއެއް ބާއްވާނަން: އުމަރު

ރާއްޖޭގައި ދެން އެންމެ ބޮޑު މުޒާހަރާއެއް ބާއްވާނީ އިންޑިޔާގެ ހެލިކޮޕްޓަރުތަކާއި އެއާ އެކު ރާއްޖޭގައި ތިބި ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ފޭސްބުކް ޕޭޖުގައި އިއްޔެ ވިދާޅުވެފައި ވަނީ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސިފައިން ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގެއް ކަމަށެވެ. ހެލިކޮޕްޓަރު އުދުހެނީ އިންޑިޔާގެ ދިއްލީއިން އޯޑަރު ދޭ ގޮތަށް ކަމަށާއި އެކަން ޑިފެންސް މިނިސްޓަރު ކަން ކުރެއްވި ތިން ބޭފުޅަކު ވެސް ކަށަވަރުކޮށްދޭ ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން މި ގައުމުން ފައިބަން ޖެހޭ ކަމަށާއި ދެން ރާއްޖޭގައި ހިނގާ އެންމެ ބޮޑު މުޒާހަރާ ހިނގާނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް އުމަރު ވިދާޅުވި އެވެ.

"އިންޑިޔާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ސިޔާސީ ލީޑަރުންނަށް "ސުޕާރީ" ދީގެން ގައުމުގެ މިނިވަން ކަމާ ގުޅުން ހުރި ކަންކަން ހިންދާ ލެވޭނެ ކަމަށް ހީކުރުމަކީ ކުށް ހިއެއް ދެން ރާއްޖޭގައި ހިނގާ އެންމެ ބޮޑު މުޒާހަރާ ހިނގާނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް،" އުމަރު ވިދާޅުވި އެވެ.

މީގެ ކުރިން އެކި ފަހަރުމަތިން އާންމުވި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ކޮންމެ ހެލިކޮޕްޓަރަކާ އެކު ޓެކްނީޝަނުންގެ ގޮތުގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ އައިސް ތިބޭތީ ރައީސް ޔާމީންގެ ސަރުކާރުން އެކަމާ މެދު ކަންބޮޑުވި އެވެ. އެގޮތުން އުމަރު ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރާއެކު 40 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރަށް ކޮމާންޑު ކުރަނީ އިންޑިޔާއިން ކަމަށާއި ހަދިޔާއެއް ވިޔަސް ދިވެހި ސިފައިންނަށް އެއްވެސް ބާރެއް ނުފޯރުވޭ ކަމަށެވެ.

އެ މައްސަލަތަކާ ހެދި ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ފެށި އެވެ. ނަމަވެސް އާ ސަރުކާރުން ހަވާލުވުމަށް ފަހު އިންޑިޔާއާ އެކު އޮތް އެއްބަސްވުން އާ ކުރުމަށް ފަހު އެ ހެލިކޮޕްޓަރު އަލު ދުއްވަން ވަނީ ފަށައިފަ އެވެ.

ރައީސް ސޯލިހު ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ، ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެ ކަމަށާއި އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުން ކުރާނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރާއެކުގައި ކަމަށެވެ. ދިވެހި ސިފައިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.