ހަބަރު

ހުކުރު މިސްކިތު ފާރުގެ ބައެއް ތަޅާލައިފި، މައްސަލަ ފުލުހަށް

ދުނިޔޭގެ ހެރިޓޭޖްގެ ވަގުތީ ލިސްޓްގައި ހިމެނިފައިވާ މާލޭގެ ހުކުރު މިސްކިތުގެ ފާރުން ބައެއް ތަޅާލައިފި އެވެ. އެ މައްސަލަ މިހާރު ހެރިޓޭޖް މިނިސްޓްރީން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު އަވަސްއަށް ވިދާޅުވި ގޮތުގައި ފާރުގެ ބައެއް ތަޅާލާފައިވަނީ ކޮންމެ ވެސް މަސައްކަތެއް ކުރުމަށް މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކު ކޮށްފައިވާ ކަމެއް އަދި ސާފުވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ، އެކަން ހުއްޓުވައި ފިޔަވަޅު އަޅައިދިނުމަށް މިއަދު ފުލުހަށް ވަނީ ހުށަހަޅާފަ ކަމަށެވެ. އެކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިސްކިތުގެ ފާރުން ބައެއް ތަޅާލާފައިވާކަން އެނގުނީ އެތަނުގެ ފޮޓޯއެއް މީހަކު މިއަދު ފޮނުވީމަ، އެއީ މިނިސްޓްރީއަށް އެއްވެސް ގޮތަކުން އެނގިގެން ކޮށްފައިވާ ކަމެއް ނޫން، މިއީ ގަބޫލު ކުރެވޭނެ ކަމެއް ވެސް ނޫން،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ހުކުރު މިސްކިތަކީ ދުނިޔޭގެ ހެރިޓޭޖްގެ ދާއިމީ ލިސްޓްގައި ހިމެނުމަށް މަސައްކަތް ކުރަމުންދާއިރު އެތަނަށް ބަދަލުތައް ގެންނަ ނަމަ އެކަމަށް ހުރަސް އެޅޭނެ ކަމަށެވެ. އެފަދަ ތަންތަން އަސްލު ނުގެއްލޭ ގޮތަށް ދާއިމަށް ދެމަހައްޓައި ރައްކާތެރިކަން ދެވޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. މިނިސްޓަރު ޔުމްނާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކަންކަން އިންތިޒާމު ވާންޖެހޭ ކަމަށާއި ދިވެހީންގެ ތަރިކަ ހިމާޔަތް ކުރަން މަސައްކަތްކުރަން ޖެހޭނީ ހަމަ ދިވެހީނެވެ.