ވިޔަފާރި

މަދު މުވައްޒަފުންތަކެއް ހިޔާނާތްވީ ބީއެމްއެލްގެ ފައިސާއަށް

Jan 14, 2019
4

ގައުމީ ބޭންކް، ބީއެމްއެލްގެ މުވައްޒަފުންތަކެއް ގިނަ އަދަދެއްގެ ފައިސާތަކަކަށް ހިޔާނާތްވި މައްސަލައެއް ބަލަން ފަށައިފި އެވެ. އަދި އެކަމުގައި ތުހުމަތުވާ މުވައްޒަފުން މިހާރު ވަނީ މަސައްކަތުން ވެސް އެކަހެރިކޮށްފަ އެވެ.

އިތުބާރު ހުރި މަސްދަތުރަކުން ޔަގީންކޮށްދިން ގޮތުގައި، ބީއެމްއެލްގެ މެނޭޖާ ލެވަލްއަށް ވުރެ ދަށް މުވައްޒަފުންތަކެއް މި ހިޔާނާތް ހިންގާފައި ވަނީ ބީއެމްއެލްގެ އަމިއްލަ އެކައުންޓެއްގައި ހުރި ފައިސާތަކަކަށެވެ. އަދި މި ފައިސާ އަކީ ބޭންކްގެ ކަސްޓަމަރުންގެ ފައިސާއެއް ނޫންކަން ވަނީ ޔަގީންވެފަ އެވެ. މި މައްސަލަ ހިނގައިގެން އުޅޭކަމާއި މި މައްސަލަ ބަލާކަން އެ ބޭންކުން ދޮގެއް ނުކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ބޭންކްގައި ވަނީ ގާއިމްކޮށްފަ އެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ބޭންކްގައި ހުންނަ މިފަދަ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފުކަމެއްކޮށްފިނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ސައީދު ވިދާޅުވި އެވެ. އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރެއްވި އެވެ.

އެނގިފައިވާ ގޮތުގައި މި ހިޔާނާތުގައި ހިމެނެނީ ވަރަށް ވެސް މަދު މުވައްޒަފުން ތަކެކެވެ. އެއީ ސީނިއާ މުވައްޒަފުންތަކެއް ވެސް ނޫނެވެ. އަދި އަޑުތައް ފެތުރުފައިވާ ގޮތުގައި މި ހިޔާނާތުގެ އަދަދު ހަތް މިލިއަނެއްހާ ރުފިޔާއަށް އަރަ އެވެ. ބޭންކުން އަދި މި މައްސަލަ ބަލަމުން އަންނަނީ އިންޓާނަލް މައްސަލައެއްގެ ގޮތުގަ އެވެ.