ދުނިޔެ

އައިއެސް އަށް ސީރިއާގެ ކޮބާނީ އަނެއްކާވެސް ގެއްލިއްޖެ

Jun 28, 2015

ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރުގައި އޮންނަ މުހިއްމު އަވަށް، ކޮބާނީން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން އަނެއްކާ ވެސް ފައްސާލެވިފައިވާ ކަމަށް ކުރުދީ ހަނގުރާމަވެރިން އިއްޔެ ބުނެފި އެވެ.

އައިއެސް އިން ފުރަތަމަ ކޮބާނީ ހިފީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު، ކުރުދީ ހަނގުރާމަވެރިން ވަނީ މިދިޔަ ޖެނުއަރީ މަހު ކޮބާނީ އައިއެސްގެ އަތްދަށުން މިނިވަންކޮށްފަ އެވެ.

އޭގެ ފަހުން، އަނެއްކާ ވެސް އައިއެއެސް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮބާނީ އަށް އަލުން ވަދެގަނެފަ އެވެ. އަދި އާއްމުންގެ އެތައް ބައެއް މަރާލާފައިވެ އެވެ. އެ ގޮތުން، ހަނގާރަމަވެރިންނާ ގުޅުން އޮންނަ އެކްޓިވިސްޓް ގްރޫޕް، ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި ބަޑި ޖަހައި މަރާލާފައިވާ 206 މީހެއްގެ ހަށިގަނޑު ކޮބާނީން ފެނިފައިވެ އެވެ.

ކުރުދީ ހަނގުރާމަވެރިންގެ ޖަމާއަތް، ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ)ގެ ތަރުޖަމާނު ރެދޫރު ޒަލީލް އިއްޔެ ވިދާޅުވި ގޮތުގައި ކޮބާނީން އައިއެސްގެ ހަނގުރާމަވެރިން ވަނީ މުޅިންހެން ފައްސާލެވިފަ އެވެ. ކޮބާނީގައި ހަރަކާތްތެރިވާ އެކްޓިވިސްޓަކު ވެސް ބުނީ އެ ޓައުން މިހާރު އޮތީ ކުރުދީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އަލުން ގެނެވިފައިވާ ކަމަށެވެ. އަދި އައިއެސް އިން އަލުން ހިފުމުން، ކޮބާނީ ދޫކޮށް ދިޔަ އާއިލާތައް ވެސް އެނބުރި އަންނަމުންދާ ކަމަށް ބުންޏެވެ.

ކުރުދީން ވަނީ މި ފަހުން އައިއެސްގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އެ ގޮތުން، ސީރިއާގައި އައިއެސްގެ ވެރި ރަށުގެ ގޮތުގައި ބަލާ ރައްގާއާ ކައިރީގައި އޮންނަ ހަލަބް ސިޓީއާ ހަމައަށް ކުރިއަށް ޖެހި، ރައްގާ އަށް އެއްޗެހި އުފުލާ މުހިއްމު މަގެއް ވެސް ހިފާފައިވެ އެވެ. އެކަމަކު، އައިއެސް އިން ކޮބާނީ އަށް އަލުން ވަދެގަތުމުން، ކުރުދީންގެ އެ ކާމިޔާބީތަކަށް ހުރަސް އެޅުނެވެ.

އެހެން ނަމަވެސް، އައިއެސް އިން ވެސް ދަނީ ސީރިއާގެ ބައެއް ހިސާބުތަކުގައި ބާރު ގަދަކުރަމުންނެވެ. އެ ގޮތުން، އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން ވަނީ މިދިޔަ މަހު ސީރިއާގެ މުހިއްމު އަވަށްތަކެއް ހިފާފަ އެވެ. އެ ޖަމާއަތުން އެންމެ ފަހުން ހިފާފައި ވަނީ ޕަލްމައިރާ އެވެ.

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް، އައިއެސް އިން ވަނީ މިދިޔަ ހަފުތާގައި ޕަލްމައިރާގައި ހުރި ގަދީމީ ބިނާތަކުގެ ކައިރީގައި މައިން ވަޅުލައި ގޮވާތަކެތި ހަރުކޮށްފަ އެވެ. އެއީ ޕަލްމައިރާ އަލުން ހިފުމަށް ސަރުކާރު ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަން ފެނުމުންނެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.