ބޭރު ކުޅިވަރު

ބްރެޒިލް ކަޓުވާލުމަށް ފަހު ޕެރަގުއޭ ސެމީ އަށް

ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން ބްރެޒިލް އަތުން 4-3 އިން މޮޅުވެ، ޕެރަގުއޭ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދައފިި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ 15 ވަނަ މިނިޓުގައި ބްރެޒިލް އަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު ފޯވަޑް ރޮބީނިއޯ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 99 ވަނަ މެޗުގައި ރޮބީނިއޯ ލަނޑު ޖެހީ ޑެނީ އަލްވޭސް ހުރަސްކޮށްލި ބޯޅައެއް ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް އަމާޒުކޮށްލައިގެނެވެ.

އެކަމަކު ޕެެރަގުއޭ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑެރްލިސް ގޮންޒާލޭޒް އެެވެ. ޕެރަގުއޭ އަށް ޕެނަލްޓީއެއް ލިބުނީ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އޭރިޔާ ތެރެއިން ބޯޅައިގައި އަތްލުމުންނެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި ވެސް ޕެރަގުއޭ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ބްރެޒިލްގެ ރިބޭރޯ އާއި ޑަގްލަސް ކޮސްޓާ ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފަ އެވެ. ޕެރަގުއޭގެ ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ ކެޕްޓަން ރޮކޭ ސަންޓަ ކްރޫޒްގެ ޕެނަލްޓީ އެވެ.

ޕެރަގުއޭ މެޗުން މޮޅުވި ޕެނަލްޓީ ޖެހީ މެޗުގެ ތެރެއިން އެ ޓީމަށް ލިބުނު ޕެނަލްޓީ ވެސް ކާމިޔާބުކުރި ގޮންޒާލޭޒް އެވެ.

މުބާރާތުގެ ސެމީގައި ޕެރަގުއޭއާ ދެކޮޅަށް ނުކުންނާނީ އާޖެންޓީނާ އެވެ.

ޕެރަގުއޭ އެންމެ ފަހުން ކޮަޕާ އެމެރިކާ ކާމިޔާބުކޮށްފައިވަނީ 1979 ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ސެމީން ޖާގަ ލިބުމަކީ އެ ޓީމަށް ލިބުނު ރަނގަޅު ކާމިޔާބެކެވެ.

އަމިއްލަ ގައުމުގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގައި ދިމާވި ނާކާމިޔާބަށް ފަހު ކޯޗުކަމާ ކާލޮސް ޑުންގާ ހަވާލުވެ، މި މުބާރާތުގެ ކުރިން ކުޅުނު މެޗުތަކުގައި ކުރިއެރުންތަކެއް ހޯދި ނަމަވެސް، މި ނަތީޖާއާ ގުޅިގެން ޑުންގާ އަށް ފާޑުކިއުންތައް އަމާޒުވާނެ އެވެ. ބްރެޒިލް އަށް 2007 ވަނަ އަހަރުގެ ފަހުން ކޮަޕާ އެމެރިކާ ކާމިޔާބެއް ނުކުރެވެ އެވެ.