ވާހަކަ

އީޝަލް

(13 ޖެނުއަރީ 2019 އާ ގުޅޭ)

"އަހަރެންގެ މަންމަތަ ރައުލްގެ މަންމަގެ މަރުގެ ފަހަތުގައިވީ" އިރުކޮޅަކު އިނދެފައި ހަތޯރު އެއްސެވެ. އެއާއެކު ރާވިން ބަލާލީ އެ މީހުންގެ ތެރޭގައި އިން ސޭމެސް އަށެވެ.

"ކަލޭމެންނަށްވުރެ އަހަރެން އުމުރު ދޮށިވެފައި ގަނޑުވަރުގައި ގިނަ ދުވަހު އުޅުނެއްކަމަކު އަހަންނަށް ވެސް ހުރިހާ ކަމެއް ނޭނގޭ، ގަނޑުވަރުގެ ކަންކަން ދުށް ޒަމާންވީ ޚާދިމުން އުޅޭ، އެކަމަކު ބައްޕަގެ ހަރުކަށިންވަނީ އެ މީހުންގެ ދޫތައް ހިމޭންކުރުވައިފައި، ސިއްރު ވާހަކަތައް ދައްކާ އަޑެއް އަހަރެން ނާހަމު، ބައްޕައަށް ޖާސޫސްކޮށްދޭ ބަޔަކު އުޅޭކަމުގައި އެއްދުވަހު ޙަކީމު ބުނި، އެ މީހުންގެ އަދަދާއި ސިފައަކީ ހަމައެކަނި ބޭރީތަށް އެނގޭނޭ ކަމެއްކަމުގައި އޭނާ ބުނީ، އެއަށްވުރެ އިތުރަށް އޭނާ ވެސް އެ ވާހަކައެއް ނުދެއްކި، ބައްޕަގެ ހުރިހާ އަނބިންގެ ތެރެއިން ކަސްދިޔާ ޚާއްޞަކަން އެންމެންނަށް ވެސް އެނގޭކަމެއް އެއީ، ބޭރީތު ގާތުގައި އަނބިން ގެންގުޅުމަށް އޭނާ އިސްކަން ނުދޭކަން އެނގުނީ އަހަރެންގެ މަންމަގެ ދުނިޔޭގައި، ކަސްދިޔާއަކީ ބޭރީތުގެ ގާތުގައި ބަހައްޓަން އޭނާ ބޭނުންވި ފުރަތަމަ އަނބިމީހާ، ގަނޑުވަރު ދެބައިވި ވާހަކަ ލާވީ ކިޔައިދިން ދުވަހު އަހަރެންނަށް އެނގުނީ ކަސްދިޔާއަށްފަހު ބޭރީތު ޚާއްޞަކަމެއް ދިން އަންހެނަކީ ރައުލްގެ މަންމަކަން، ކަސްދިޔާއާއި ރައުލްގެ މަންމައާ ދެމެދު ހިނގި އެއްވެސް ކަމެއް ލާވީ ވެސް ކިޔައެއްނުދޭ، އޭރު ހިލިފައި އޮތް ގުޖަޑުގަނޑު ހިނދިގެން ދިޔައީ ރައުލްގެ މަންމަގެ މަރަށްފަހު، މަރުވީ ކިހިނެއްކަމެއް ވެސް ލާވީ ނުބުނޭ" ސޭމެސް ބުންޏެވެ.

"އަހަންނަށް ފެންނަނީ ރައުލްގެ މަންމަގެ ވާހަކަ ދެއްކުން ހުއްޓާލަން، އޭނާއަށް އިވިއްޖެނަމަ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭނެ" ރާވިންއަށް އޭނާގެ އެކުވެރިޔާގެ ގޮތް އެނގޭތީ ބުންޏެވެ.

"އަހަރެން... އަހަރެން ވާހަކައެއް ބުނަންތަ؟" އެންމެން ހިމޭންވީ ވަގުތު ދާރިއުސް ވާހަކަދެއްކީ ޖެހިލުންވެފައި އިނދެއެވެ. އޭނާގެ ދުލުން ބޭރުވާ ވާހަކަތަކުން ނުކުންނާނޭ ނަތީޖާއެއް ނޭނގޭތީ އެކަމާ އޭނާ ވިސްނަމުން ދިޔަ ކަހަލައެވެ.

"ބުނެބަލަ" ރާވިން ބުންޏެވެ. އޭރު ދެން ތިބި ހަތޯރުއާއި ސޭމެސްގެ ނަޒަރު ވެސް ހުރީ ދާރިއުސްއަށް ހުއްޓިފައެވެ.

"އީޝަލް... ރައުލްއާ... އެ ދެ މީހުން، އެ ދެ މީހުން ވަރަށް ގާތްހެން ހީނުވޭތަ؟" ދާރިއުސް މިހެންބުނިއިރު އޭނާގެ މޫނުން ހިސާބެއްގެ ހާސްކަމެއް ފާޅުވެލިއެވެ.

"އަހަންނަށް ވެސް އެހެންހީވޭ" ހަތޯރު އިނދެފައި ވަގުތުން ދާރިއުސްއާ އެއްބަސްވެއްޖެއެވެ. ރާވިންގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. އޭނާއަށް ކޮންމެވެސް ހަޤީޤަތެއް އެނގޭ ކަހަލައެވެ. ސޭމެސްގެ މޫނުން އެއްވެސް ޝުޢޫރެއް ފާޅެއްނުވިއެވެ.

"ރައުލް ވެސް އަންހެނަކު ހޯދަންވެއްޖެއެއްނު، އީޝަލް... އޭނާ ގޯހެއްނޫނެންނު އަހަރެމެންގެ ރައުލްއަށް" ރައުލް ތުންކޮޅަށް ވައްތަރެއް ޖައްސާލަމުން ބޯޖަހާލީ އޭނާ ކަމަކާ ޚިޔާލުކުރާ ފަދައިންނެވެ.

"އެ އިޚްތިޔާރު އޭނާއަށް ލިބިގެންވޭތަ؟" ސޭމެސް އިނދެފައި ބުންޏެވެ. އަދިވެސް އޭނާ އެ ވިސްނަނީ ކޮންކަމަކާކަމެއް އެ މޫނުން ފާޅެއްނުވެއެވެ.

"އެކަމަކު ރައުލް އެކަމާ ފާޅުގައި ދެކޮޅުހެދި، އޭނާ ބުނަނީ އީޝަލްއާމެދު އޭނާގެ އެއްވެސް ޝައުގުވެރިކަމެއްނެތްކަމަށް، އެހެންވެ ހިތަށް އަރާ... އަނެއްކާ އީޝަލްއަށް ރައުލް ކަމުދިޔައީ ބާއޭ" ދާރިއުސްގެ އޮޅުންބޮޅުން ވެފައިވާ ޚިޔާލުތަކުން އޭނާ ދެފަރާތަށް ބޯހޫރުވާލިއެވެ.

"އަހަންނަށް ހީވަނީ މާގިނަ ދުވަހު އެއްތަނެއްގައި މަޑުކޮށްގެން ތިބެވިއްޖެހެން، އެނބުރި ދިއުން ނޫނީ އެހެން މަންޒިލަކަށް ދަތުރު ފަށަންވެއްޖެ" މިފަހަރު ވެސް ސޭމެސްގެ ވާހަކަތައް ހުރީ ރައުލްއާ މެދު ކުރެވޭ ހީކުރުންތަކަށް ބާރުދޭ ފަދަ ގޮތަކަށް ނޫނެވެ.

"ޔާފިއާ ނާންނަނީސް އަހަރެން މިތަނަކުން ނުދާނަން، ސޭމެސްގެ ތި ޚިޔާލަށް ރައުލް ބުނީ ކީކޭ" ވެލިގަނޑު މަތީ ރާވިންގެ ހަށިގަނޑު ދަމާލައި ބޯދަށަށް ދެއަތްތިލަ ގެނެސް ލައްވާލިއެވެ. އޭނާގެ އެ ހަރަކާތުން އެކަނި ވެސް އެ ރަށުން ފައިބަން އޭނާ ތަރުޙީބު ނުދޭނޭކަން ދޭހަވެއެވެ.

"މި ތަނާއި މިތަނުގައި އުޅޭ މީހުންގެ އަސަރު ރައުލްއަށް ކުރަން ފަށައިފި" ފިނިނޭވާއެއް ދޫކޮށްލި ސޭމެސް ބުންޏެވެ. އަދި އިތުރު ވާހަކައެއް ނުދެއްކުމަށް އޭނާ އިންތަނުން ތެދުވިއެވެ. މަޑުމަޑުން އައިސް ރާޅުފަށުގައި މަޑުކޮށްލިއެވެ.

* * * * *

ދުނިޔެ މައްޗަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. ނަމަވެސް އެ އަނދިރިކަން ނެތިކުރަމުންދިޔައީ ކަނޑުގެ ލޮނުގަނޑުގައި ބަބުޅަމުންދިޔަ ރިހި އަލިންނެވެ. މުޅި ހިސާބަށް އެ އަލިކަން ފެތުރިފައިވާ ކަހަލައެވެ. ރެއަކީ ހަނދުމަހުން ފަނަރައެވެ. ބަލާބެލުމަށް ހީވަނީ ލޮނުގަނޑުން ހަވަރަކަފޫޓު މައްޗަށް ހަނދު އަރާ އޭގެ ތަހުތުގައި އެންމެ ފުރިހަމަ ގޮތުގައި ވެޑުވިގެން އިން ހެނެވެ. ބަލާމީހުންގެ ލޯތަކަށް ކެހިދޭ ފަދަ ހިތްގައިމު ޖާދުވީ އަސަރެއްވެއެވެ. ފަޒާގައި ގުގުމަމުން ދިޔައީ ރާޅު ބީއްސަމުންދިޔަ އަޑާއި ދެފަސްބެދުނުހިސާބުގައި ހެދިފައި ހުރި ގަސްތަކުގެ ތެރެއިން މަސްކާށިދޫނި ގޮވާއަޑެވެ. ނަމަވެސް އެ ސޮރުމެންގެ ގޮވުން ކެނޑުނީ ހަމަ ކުއްލިއަކަށެވެ. އިންސާނެއްގެ ހިލަމެއްނުވާ ފަޅުރަށުގެ ތެރޭގައި ބަޔަކު މަޖާނަގާ އަޑުފަށްގަނޑު ދުރުން އިވެމުންދިޔައެވެ. އެ މީހުން ޖަހާފައި ހުރި އަލިފާންގަނޑުގެ ހުޅުގަނޑު ބޮޑެވެ. އިންސާނަކު ނެތް ނަމަވެސް އެ ރަށުގައި ހޭލަމޭލަވަމުންދިޔަ މަހުލޫޤުންތަކެއް ވެއެވެ. އެ އިން އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ހިސާބުގައި ރައުލްގެ އުނގުތެރޭ އީޝަލް އިނެވެ. އެ މީހުން އެ ތަނަށް އައިތާ ދެތިން ގަޑިއިރު ފާއިތުވެ ހިނގައްޖެއެވެ. ރައުލްއާއި އީޝަލްއާ ދެމެދު ލޯބީގެ ބާބެއް ފެށުނުތާ ވެސް މިރެއަށް ފަނަރަ ރޭ ވީއެވެ.

"ދެން ހިނގާ ދާން" އީޝަލްގެ ކޯތާފަތުގައި ބޮސްދެމުން ރައުލް ބުނީ ލޯތްބާއެކުއެވެ.

"އެކަމަކު ދެން ބައްދަލުވާނޭކަމެއް ނޭނގެ" ރައުލްގެ އަތުގެ ތެރޭގައި އިން އީޝަލް އިހުނަށްވުރެ އެ މޭގައި ފޮރުވިގަތެވެ.

"އަހަރެން މީކާޢިލްއާ ވާހަކަދައްކާނަން" އީޝަލްގެ ގައިގާ ފިރުމާލަމުން އޭނާގެ ބޮލުގައި ރައުލް ބޯ އަޅާލިއެވެ.

"ބައްޕައަށްވުރެ ޒިޔަޒެލް ގާތު ބުނުންކަންނޭނގެ ރަނގަޅުވާނީ" އީޝަލް ބުންޏެވެ.

"އަހަރެން ވެސް އެނބުރިދާންޖެހޭނެ، އެކަމަކު ބައްޕައާ ވާހަކަދައްކާފައި ވަރަށް އަވަހަށް އަންނާނަން އީޝަލްގެ ގާތަށް" ރައުލް ވެސް އޭނާގެ ހަޤީޤަތް ހާމަކުރިއެވެ.

"ދެން ބައްދަލުނުވެދާނެތީ އަހަރެންގެ ހިތް ބިރުގަންނަނީ" ރައުލްގެ މޫނުގައި ކަނާއަތްތިލައިން ހިފަހައްޓާލަމުން އެ ދެ ލޮލަށް އީޝަލް ބަލާލީ ހާސްވެފައެވެ.

"އެހެން ހީނުކުރޭ، އަހަރެންނަށް އިތުބާރުކުރޭ، އީޝަލްނޫން އެއްވެސް މީހަކު އަހަރެންގެ ހަޔާތަކަށް ނާންނާނެ، އަހަރެން މީކާޢިލްއާއި ޒިޔަޒެލް ރުއްސާނަން، އެ މީހުން ބޭނުންވާ އިތުބާރު އަހަރެން ދޭނަން، އީޝަލްއަށް ޓަކައި އަހަރެން ކޮންމެފަދަ އިމެއް ވެސް ފަހަނައަޅައި ހިނގައިދާނެކަން ޤަބޫލުކުރޭ" ރައުލް ވަޢުދުވިއެވެ. އޭނާއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު އީޝަލްގެ މޫނު ރައުލްގެ ކަނދުރާގައި ފޮރުވާލިއެވެ.

"އީ..ޝަ..ލް" އީޝަލްގެ ބީހުންތަކުން ރައުލްގެ ޚިއްސުތައް ހޭލަމުންދިޔައިރު އަމިއްލަ ނަފްސު ނުހިފެއްޓިދާނެހެން ހީވުމުން ގޮވާލިއެވެ. އަދި އީޝަލްގެ ދެ އަތުގައި ރައުލް ހިފަހައްޓާލައި މަޑުމަޑުން އެ ހަށިގަނޑާ ދުރުކުރިއެވެ.

"އަދި އެހިސާބަށް ދާކަށްނުވޭ" ރައުލް ބުނެލި އެއްޗަކުން އޭނާގެ އުނގުން އީޝަލް ތެދުވެގެން ދުރަށް ހިނގައިގަތެވެ.
"އީޝަލް... ދަނީތަ؟... މަޑުކޮށްބަލަ... ދުރަށްލީ އީޝަލް ދެރަކޮށްލާކަށްނޫނޭ، އީޝަލް، ތިހެން އަހަންނަށް ނުބުލާ... އަހަރެން ބޭނުންނުވަނީކީނޫން، ޒިޔަޒެލްއާއި މީކާޢިލްއާ ކުރިމަތިލާއިރު އަހަރެންގެ އަގެއް ވެސް ހުންނަންވާނެ، އީޝަލްމެންގެ ސަޤާފަތް އަހަރެމެންނާ މުޅިން ތަފާތު، އަހަރެން ތީ އަހަރެންގެ މިލްކެއްކަމުގައި ހީކުރި ނަމަވެސް އީޝަލްގެ ޢާއިލާ އަހަންނަށް އެ ހުއްދައެއް އަދިނުދޭ، އަހަރެން ވަރަށް ލޯބިވޭ އީޝަލްދެކެ، މި ގުޅުން ފޯދުމުގެ ކުރީން އަހަރެންނަށް ކުރެވޭ އެންމެ ކަމަކުން އީޝަލްއަށް ދެރައެއްލިބޭކަށް ބޭނުމެއްނޫން، އަހަރެން ޤަބޫލުކުރަނީ އެފަދަ ގުޅުމެއް ހިނގަންވާނީ އަންހެންކުއްޖާ ހިބަކުރެވޭ ހިސާބުންކަމުގައި، އޭރުން އެންމެންނަށް އެނގޭނެ އެއީ މީހެއްގެ އަނތްބެއްކަން، ޚާއްޞަކޮށް ޒިޔަޒެލްމެން ކައިވެންޏަށް ވަރަށް އިސްކަންދޭ، ރަށުތެރޭ އުޅޭ އަންހެންކުދީންނާ ހިތްއުފާކޮށްލުމުގެ އުސޫލުން މައްލަވަނުކުރަން އޭނާ ތަކުރާރުކޮށް އެދުނު، އެކަމަކު އެތަނުން އަނތްބަކު ޚިޔާރުކުރަން ބޭނުންވާނަމަ އެކަމަށް އޭނާ ހުރަސްނާޅާނޭކަން ބުނި... ޒިޔަޒެލްގެ ފިކުރު އަހަރެންނަށް ވަރަށް ކަމުދޭ... އީޝަލް ތިހެން އަހަރެންގެ ގާތުން އެދޭނަމަ އަހަރެން ވެސް ބަލިކަށިވާނެކަން އެނގޭތަ؟ އީޝަލް... އެހެންވާންތަ ބޭނުންވަނީ" އީޝަލްގެ ވައަތު ކުޑަހުޅާ ދިމާގައި ރައުލް ހިފަހައްޓާލައިގެން ހުރެ އޭނާއަށް ބަލަން ހުރި އީޝަލްއާ ވާހަކަދެއްކިއެވެ.

"ރައުލް އަހަންނާ ދުރަށް ހިނގައިދާނޭ ހީވަނީ" އީޝަލް ދެފަރާތަށް ބޯހޫރާލައި އިސްޖަހާލިއެވެ. އެ ދެ ލޮލުން ކަރުނަ ފާޅުވެއްޖެކަން ރައުލްއަށް އެނގުނީ އީޝަލްގެ ކޯތާފަތުގައި ރޮނގެއްހެން ފާޅުވި ވިދުމެވެ.

"އަހަރެން މިވަރަށް ލޯބިވާނޭ އިތުރު މީހަކުނުހުންނާނެ" ރައުލް އަވަސްއަވަހަށް އައިސް އީޝަލްގެ ގައިގާ ބައްދާލިއެވެ. އީޝަލްގެ މޫނުގައި ދެއަތުން ހިފައި އިސްއުފުލުވިއެވެ. ތެމިފައިވާ އީޝަލްގެ ކޯތާފަތް ރައުލް ފުހެލަދީ ހިނިތުންވުމެއް ބަދަލުކުރިއެވެ. ލޯތްބާއެކު އީޝަލްގެ ކޯތާފަތުގެ ދެފަރާތުގައި ބޮސްދިނެވެ. އަދި އިރުކޮޅަކު އެ ދެ ލޮލަށް ބަލަން ރައުލް ހުއްޓެވެ. އެހެން ހުރިއިރު ދޭތެރެއަކުން އީޝަލްގެ ކޯތާފަތުގައި އިނގިލިތަކުގެ ނުފުށުން ފިރުމާލައެވެ. ދެން އޭނާ ގެނައި ހަރަކާތުން ދެ މީހުންގެ ނޭވާ ގުޅި އަރުގައި މީރުކަމެއް އުފުދުނެވެ. މަޑުމަޑުން ރައުލް ދުރަށް ޖެހިލިއިރު އޭނާގެ ވިލުނޫކުލައިގެ ކަޅި ހުރީ ދިއްލިފައެވެ. ލޯމަރާލި ގޮތަށް އީޝަލް ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ.

"އީޝަލް" ރައުލްގެ އަޑުގައިވީ މަސްތުކަމެވެ. މަޑުމަޑުން ދޫކޮށްލި ދިގު ނޭވާއާއެކު އީޝަލް ދެ ލޯ ހުޅުވާލިއެވެ. ހަރަކާތްތައް ލަސްވެފައި ހުރި ކަހަލައެވެ. ދެ ފަހަރަކު އެސްފިޔަ ޖަހާލުމާއެކު އީޝަލްގެ ފެހިކުލައިން ދިއްލިފައި ހުރި ދެ ލޯ ރައުލްއަށް ހުއްޓުނެވެ.

"ރައުލް" އީޝަލްގެ ދެއަތް ރައުލްގެ ކަނދުރާގައި އަޅުވާލުމާއެކު ކަރުދޮށުގައި އީޝަލް މޫނު ފޮރުވާލިއެވެ. އެއާއެކު ރައުލްގެ މަސްތީ ހީނލުމުގެ އަޑު ފެތުރިގެންދިޔައެވެ.

"އެހާ ކެރިގެން އުޅެފައި އަހަރެން ކުޑަކުޑަކަމެއް ކޮށްލީމާ އީޝަލް ތި ލަދުގަތީ" ހެމުންހެމުން ރައުލް ބުންޏެވެ. އޭރު މޫނު ފޮރުވާލައިގެން ހުރި އީޝަލްގެ ތުންފަތަށް ވެސް ރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ދެން ހިނގާ ދާން" އީޝަލް ހަމައަކަށް އެޅިއްޖެހެން ހީވުމުން ރައުލް ބުންޏެވެ. މިފަހަރު އީޝަލް އެއްބަސްވެއްޖެއެވެ.

"ނޫން، މިކޮޅަށް އައިގޮތަށް އެނބުރި ދާނީ، މިތާ އަހަރެމެންނަށް ފާރަލައި ބަޔަކު ދުރުގައި އެބަތިބި، އީޝަލްގެ އެ ސިފަ އެމީހުންނަށް ފެންނާކަށް އަހަރެން ބޭނުމެއްނޫން" ރާޅުފަށަށް އައި އީޝަލް މައްޗަށް އަރަން އުޅޭހެން ހީވުމުން ރައުލް ވަގުތުން އޭނާ ހިފެހެއްޓީއެވެ. އަދި އެ ރަށަށް އައި ބޮނބިގަނޑަށް ރައުލް އިޝާރާތްކުރިއެވެ. އެއީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. އިންސިއެއްގެ ލޮލަށްނަމަ ފެންނާނީ އޮޔާދާ ބޮނބިގަނޑެކެވެ. އެހެންނަމަވެސް ހަޤީޤަތް މުޅިން ތަފާތެވެ. އީޝަލް އިނީ ބޮނބިގަނޑުގައި ހަމަޖެހިލައިގެންނެވެ. އެ ބޮނބިގަނޑުގެ މިސްރާބު ކަނޑައަޅަނީ ރައުލްއެވެ. އެ ދުވަނީ ރައުލްގެ ބާރުގައެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އީޝަލް އުޅޭ ރަށުގެ ތުނޑިއަށް ބޮނބިގަނޑު ރައުލް އަރުވާލިއެވެ. އަދި ރައުލްގެ އެހީގައި އެއިން އީޝަލް އުފުލައިލައި ވެލިގަނޑުމަތީ ބެހެއްޓިއެވެ.

"ކޮންމެވެސް ކަމެއްވެއްޖެ" ފަސްގަނޑުގައި ފައި ޖެހުމާއެކު އީޝަލްއަށް ލިބުނީ ހާސްކަމެކެވެ. ހައިރާންކަމާއެކު ރައުލް ބަލަން ހުރީ އޭނާއަށް ކަމެއްވެއްޖެ ކަމުގެ އިޙްސާސް ނުކުރެވޭތީއެވެ. އެފަދަ ހިލަމެއް ވެސް އޭނާއަށް ނުވެއެވެ. އިތުރު ވާހަކައެއް ނުދެކެވެނީސް ކުއްލިއަކަށް އެމީހުންގެ ކުރިމަތިން ފާޅުވީ ސޭމެސްއާއި ރާވިންއެވެ. އެ ދެ މީހުން ތިބީ އިންތިހާއަށް ކަންބޮޑުވެފައިކަން އެ މޫނުތަކުން ފާޅުވަމުންދިޔައެވެ.

(ނުނިމޭ)